Roadha Mihaaru
އާސެނަލް ބަލިކޮށް ސިޓީ ސެމީ އަށް

އާސެނަލް ބަލިކޮށް ސިޓީ ސެމީ އަށް

23 ޑިސެމްބަރ 2020

ލަންޑަން (ޑިސެމްބަރު 23) - އިނގިރޭސި ލީގު ކަޕްގައި ރޭ އާސެނަލް އަތުން 4-1 އިން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ލަންޑަން (ޑިސެމްބަރު 23) - އިނގިރޭސި ލީގު ކަޕްގައި ރޭ އާސެނަލް އަތުން 4-1 އިން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ދެ ވަނަ ޑިވިޝަން (ޗެމްޕިއަންޝިޕް)ގެ ބްރެންޓްފޯޑް ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް ސެމީން ފުރުސަތު ހޯދައިފަ އެވެ. މިއީ ބްރެންޓްފޯޑްގެ 131 އަހަރުވީ ތާރީހުގެ ތެރޭ ބޮޑު މުބާރާތެއްގެ ސެމީން ޖާގައެއް ހޯދި ފުރަތަމަ ފަހަރެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗަށް ސިޓީން ނުކުތީ ކޮންމެވެސް ވަރަކަށް ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެނެސްގެންނެވެ. އެކަމަކު ލިބުނު ފުރަތަމަ ފުރުސަތުގައި މެޗުގެ ތިން ވަނަ މިނިޓްގައި ގަބްރިއެލް ޖީސޫސް ވަނީ ސިޓީ އަށް ލީޑުނަގައިދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލެކްސަންޑަ ލަކަޒޭޓް ވަނީ އާސެނަލަށް އެއްވަރުކޮށްދީފަ އެވެ.

ފުރަތަމަ ހާފުގައި އެންމެ ބޮޑު މައްސަލައަކަށް ދިމާވީ އާސެނަލްގެ ޑެނީ ސެބާޔޯސްގެ މޫނުުގައި ސިޓީގެ ފެނާންޑީނިއޯ ޖެހި ނަމަވެސް ރެފްރީ އެކަން ނުބެލުމުންނެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ބޭނުން ލީގު ކަޕްގައި ނުހިފާއިރު އާސެނަލްގެ ކުޅުންތެރިން ވަނީ ފެނާންޑީނިއޯ އަށް ކާޑު ނުދައްކަން ނިންމުމުން އެކަމަށް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ދެ ވަނަ ހާފަށް ސިޓީން ވަރުގަދަ ރޫހެއްގައި ނުކުމެ އާސެނަލް ކޮޅަށް ތިން ގޯލު ޖެހި އެވެ. ސިޓީ އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ މެޗުގެ 54 ވަނަ މިނިޓްގައި ރިޔާދު މާރޭޒް އެވެ. އޭގެ ފަސް މިނިޓް ފަހުން ފިލް ފޮޑެން ވަނީ ސިޓީ އަށް ތިން ވަނަ ގޯލެއް ޖަހައިދީފަ އެވެ. ސިޓީގެ ފަހު ގޯލު މެޗު ނިމެން 17 މިނިޓަށް ވެފައި ހުއްޓައި ކާމިޔާބުކުރީ ފްރާންސްގެ ޑިފެންޑަރު އައިމެރިކް ލަޕޯޓް އެވެ.

މި ނަތީޖާއާ އެކު އާސެނަލްގެ ކޯޗުކަމާ ހަވާލުވެ ހުރި މިކޭލް އާޓެޓާ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. ކުރިން ސިޓީގެ އެސިސްޓަންޓް ކޯޗަކަށް ހުރި އާޓެޓާ އާސެނަލްގެ މަގާމުން ވަކިކުރުމުގެ ވާހަކަތައް މީޑިއާގައި ދެކެވޭއިރު، ރޭގެ މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އާޓެޓާ ވަކިކުރުމަކީ އާސެނަލުން ހަދާނެ ގޯހެއް ކަމަށެވެ.

"އާސެނަލުން އާޓެޓާ އަށް އޮތް އިތުބާރު ދަމަހައްޓަންވީ ވަގުތު މިއީ. މި ވަގުތު އޭނާ އަށް އެހީތެރިކަން ފޯރުކޮށްދީގެން އެ ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ފެންވަރު އާޓެޓާގެ އެބަހުރި،" ގާޑިއޯލާ ބުންޏެވެ.

ލީގު ކަޕްގެ އަނެއް ދެ ކުއާޓާ ފައިނަލް މެޗު އޮންނާނީ މިރޭ އެވެ. ފުރަތަމަ މެޗުގައި ސްޓޯކް ސިޓީ ނުކުންނާނީ ޓޮޓެންހަމާ ދެކޮޅަށެވެ. ފަހު ކުއާޓާގައި އެވަޓަން ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ބައްދަލުކުރާނެ އެވެ.