Roadha Mihaaru
މާފަރު އެއާޕޯޓަކީ 60 މިލިއަން ޑޮލަރުގެ ހަދިޔާއެއް

މާފަރު އެއާޕޯޓަކީ އެމިރޭޓްސްއިން ދޭ 60 މިލިއަން ޑޮލަރުގެ ހަދިޔާއެއް

24 ޑިސެމްބަރ 2017

ބައިނަލްއަގްވާމީ އެއާޕޯޓެއްގެ ގޮތުގައި ނ. މާފަރު އެއާޕޯޓު އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުޅުވާއިރު، އެއީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ދޭ ގާތްގަނޑަކަށް 60 މިލިއަން ޑޮލަރުގެ ހަދިޔާއެއް ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބައިނަލްއަގްވާމީ އެއާޕޯޓެއްގެ ގޮތުގައި ނ. މާފަރު އެއާޕޯޓު އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުޅުވާއިރު، އެއީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ދޭ ގާތްގަނޑަކަށް 60 މިލިއަން ޑޮލަރުގެ ހަދިޔާއެއް ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.

ނ. މާފަރު އެއާޕޯޓް ފުރަތަމަ ހަވާލުކުރީ، ހާމިދު އިސްމާއީލްގެ މިލޭނިއަމް ކެޕިޓަލް ކިޔާ ކުންފުންޏަކާ އެވެ. އެ އެއްބަސްވުން އުވާލައި އެ މަސައްކަތް މި އަހަރުގެ މާޗް މަހުގެ ތެރޭގައި ހަވާލުކުރީ، ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ހިއްސާވާ ސަން ސިޔާމްސް ރިސޯޓްސްއާ އެވެ.

އެ ކުންފުންޏާ ހަވާލުކުރީ އެއާޕޯޓުގައި ޓްރާންސިޓް ހޮޓަލަކާއި އެއާޕޯޓު ސަރަހައްދުގެ ފަޅު ތެރެ އިން ހިއްކައިގެން ރިސޯޓެއް ތަރައްގީކުރާ ގޮތަށެވެ. އަދި އެ ކުންފުނިން ހުށަހެޅީ 1،800 މީޓަރުގެ ރަންވޭއަކާއި އެއްފަހަރާ ހަ ޖެޓަށް ހިދުމަތް ދެވޭ ގޮތަށް އެންމެ ޒަމާނީ ވަަސީލަތްތައް ހިމަނައިގެން ތަަރައްގީ ކުރުމަށެވެ.

އުތުރުގެ ބައެއް އަތޮޅުތަކަށް ރައީސް އަބްދުﷲ ޔާމީން މިއަދު ފެއްޓެވި ދަތުރުފުޅުގައި ނ. ހެނބަދޫގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ސިޓީ ހޮޓަލަކާ އެކު ތަރައްގީކުރާ މާފަރު އެއާޕޯޓަކީ ސަރުކާރާއި ޔޫއޭއީގެ ގުޅުން ރަމްޒުކޮށްދޭނެ ހަދިޔާއެއް ކަމަށެވެ.

"އެއާޕޯޓަކީ އެ ބޭފުޅުން ދިވެހި ރައްޔިތުންނަށް ދޭ ހަދިޔާއެއް. މި ސަރުކާރާއި އިމާރާތުގެ ސަރުކާރާ ދެމެދު އޮތް ގާތްކަން ރަމްޒުކޮށްދޭނެ ހަދިޔާއެއް. އެއާއެކު އެއާޕޯޓުގައި ސިޓީ ހޮޓަލެއް ހެދިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އުއްމީދުކުރަނީ އަންނަ އަހަރުގެ ޖުލައި 26 އަށް އެ އެއާޕޯޓުގައި މަތިންދާބޯޓު ޖެއްސޭނެ ކަމަށް."

ރައީސް ވިދާޅުވި ގޮތުގައި އެއާޕޯޓު އަޅަން ރުއްގަސް ކަނޑައި، އެއާޕޯޓް އަޅާ ސަރަހައްދު ވެސް މިހާރު ވަނީ ސާފުކޮށް ނިމިފަ އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މާފަރުގައި އެއާޕޯޓެއް ނުހެދިގެން އުޅޭތާ ގާތްގަނޑަކަށް 10-12 އަހަރު ވެދާނެ އެވެ. އެ ދިގު އިންތިޒާރަށް އަންނަ އަހަރުގެ މެދުތެރޭގައި ނިމުން އަންނާނީ، އެ ރަށު ބަނދަރުގެ މަސައްކަތާ އެކު ކަމަށް ވެސް ވިދާޅުވި އެވެ.

"އަންނަ އަހަރުގެ މެދުތެރޭ މާފަރުގެ ބައިނަލްއަގުވާމީ ވައިގެ ބަނދާރާ އެކީގައި ޓޫރިޒަމްގެ ފަސޭހަކަމާއި ތަނަވަސްކަން މުޅި ނ. އަތޮޅަށް މިހާރަށް ވުރެން ބޮޑަށް ހުޅުވިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

މާފަރު އެއާޕޯޓް މަޝްރޫއުގެ ތަފްސީލް ދެއްވަމުން، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު "މިހާރު" އަށް މިއަދު ވިދާޅުވީ އެ އެއާޕޯޓު ތަރައްގީ ކުރަނީ އަބޫދާބީ ފަންޑުގެ ހިލޭ އެހީގައި ކަމަށެވެ. ސިޓީ ހޮޓާ ތަރައްގީ ކުރުމާ އެކު ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވޭ އެ މަޝްރޫއުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދާނީ އަބޫދާބީ ފަންޑުން ކަމަށެވެ.

"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިހާރު ވަނީ ބިޑް އިވެލުއޭޝަން ވެސް ނިމިފައި. ދެން އޮތީ އެވޯޑު ކުރުން،" މޫސާ ޒަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ކޯލިޝަން ޕާޓްނަރު ސިޔާމާ ހަވާލުކުރި މަސައްކަތް ދޫކޮށްލީ، ރައީސް ޔާމީން ތަރައްގީ އަށް ކުރައްވާ މަސައްކަތްޕުޅުގެ ސަބަބުން އެ އެއާޕޯޓަށް ވެސް އަބޫދާބީ ފަންޑުގެ ހިލޭ އެހީ ލިބުމުންނެވެ.

"އެކަން ހިލޭ އެހީގައި ކޮށްދޭނެ ބަޔަކު ސަރުކާރަށް ހަމަޖެހުމުން، ސަރުކާރުން ވެސް ބޭނުންވެގެން އެ އެއްބަސްވުން ސިޔާމް ޓާމިނޭޓް ކުރީ. އެ އެއްބަސްވުމުގައި އެއްވެސް މައްސަލައެއް އޮތީކީ ނޫން،" ޒަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާފަރުގައި ހަދަނީ ދެ ކިލޯމީޓަރުގެ ރަންވޭއެއް ހިމެނޭ އެއާޕޯޓެކެވެ. އަދި އެއީ ޕްރައިވެޓް ޖެޓްތަކާއި އިންޓަނޭޝަނަލް އެއާޕޯޓެއްގައި ހިމެނޭ އެންމެ ޒަމާނީ ވަސީލަތްތަކާއެކު އަޅާ އެއާޕޯޓެއް ކަމަށް ޒަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނ. އަތޮޅުގައި މަތީ ފެންވަރުގެ ހޮޓާތަކެއް ތަރައްގީ ކުރުމަކީ ރައީސް ޔާމީން ގެންގުޅުއްވާ ވިސްނުމެކެވެ. މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓަކާ އެކު ސިޓީ ހޮޓަލެއް ވެސް އަޅަނީ އެ ވިސްނުންފުޅުގެ ތެރެއިން ކަަމަށް ޒަމީރު ވިދާޅުވި އެވެ.

"މާފަރު އެއާޕޯޓް ތަރައްގީ ކުރުމަށް އަބޫދާބީ ފަންޑުން މި ހިލޭ އެހީ ލިބުނީ ރައީސް ޔާމީން އެންމެ ފަހުން ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގެ ނަތީޖާއެއްގެ ގޮތުން. އެއާޕޯޓް ހުޅުވާނީ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި،" މިނިސްޓަރު ވިދާޅުވި އެވެ.