Roadha Mihaaru
ފުރަތަމަ ތިން މެޗު ގަދަ ތިން ބާރުން ކާމިޔާބުކޮށްފި

ޕޮލިސް، ސިފައިން އަދި މޯލްޑިވިއަން އަށް ރަނގަޅު ފެށުމެއް

11 ޖުލައި 2016

ސަލްސާ ވީއޭއެމް އެސޯސިއޭޝަން ކަޕް ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ ތިން މެޗު މި ވަގުތު ރާއްޖޭގެ ވޮލީބޯޅައިގެ އެންމެ ވަރުގަދަ ތިން ބާރު ކަމަށްވާ ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބް އަދި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބް ކާމިޔާބުކޮށްފި އެވެ.

ސަލްސާ ވީއޭއެމް އެސޯސިއޭޝަން ކަޕް ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ ތިން މެޗު މި ވަގުތު ރާއްޖޭގެ ވޮލީބޯޅައިގެ އެންމެ ވަރުގަދަ ތިން ބާރު ކަމަށްވާ ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބް އަދި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބް ކާމިޔާބުކޮށްފި އެވެ.

ފުރަތަމަ މެޗު މޯލްޑިވިއަން ކާމިޔާބުކުރީ ކިހާވަށް ވޯރިއާސްއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މިއަދު ހަވީރު ކުޅުނު މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-11، 25-12 އަދި 25-12 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މޯލްޑިވިއަންގެ ހުސެއިން ވިޝާމް (ބުޅިކޭ) އެވެ.

ދެ ވަނަ މެޗުގައި ޕޮލިހާއި ސްޕޯޓްސް ކްލަބް ސިޓީ ބައްދަލުކުރިއިރު މި މެޗު ޕޮލިސް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ޕޮލިހުގެ މުހައްމަދު ޝާއިން މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މި މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ 25-15، 25-21 އަދި 25-19 އިންނެވެ.

ސިފައިން މޮޅުވީ ސްޕޯޓްސް ކްލަބް ވިޝަންއާ ވާދަކޮށް ހަމަ ތިން ސެޓުންނެވެ. އެއީ 25-11، 25-11 އަދި 25-9 އިންނެވެ. މޮޅު ކުޅުންތެރިޔަކީ ސިފައިންގެ ޓީމުގެ އަހުމަދު އަބްދުލްކަރީމް (ލޯންގޭ) އެވެ.

މި ތިން ޓީމަށް ވެސް އޭޝިއާގެ މަޝްހޫރު ތިން ކުޅުންތެރިޔަކު އަންނަނީ ކުޅެމުންނެވެ. އިންޑިއާގެ ކެޕްޓަން ޕްރަބާގަރަން ޕްރަބާ ޕޮލިހަށް ކުޅޭއިރު ސިފައިން ވަނީ ޕާކިސްތާނުގެ ކެޕްޓަން އަހުމަދު ނަސީރު ގެނެސްފަ އެވެ. އަދި ތައިލެންޑުގެ އެއް ވަނަ ކުޅުންތެރިޔާ ޖިރާޔޫ ރަކްސަކައޫގެ ސޮއި މޯލްޑިވިއަނުން ވަނީ ހޯދައިފަ އެވެ.

ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު ސެމީ ފައިނަލަށް ހޮވޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ. ސެމީގައި އެއް ވަނަ ޓީމާއި ދެ ވަނަ ޓީމު ކުޅެ މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭއިރު އެ މެޗުން ބަލިވާ ޓީމަކަށް ޖެހޭނީ ތިން ވަނަ ޓީމާއި ހަތަރު ވަނަ ޓީމު ކުޅޭ ސެމީން މޮޅުވާ ޓީމަކާ އެކު ތިން ވަނަ ސެމީގައި ކުޅޭށެވެ. މި މަހުގެ 20 ވަނަ ދުވަހުގެރޭ ކުޅޭ ފައިނަލުގެ ފަހު ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ. މުބާރާތުގެ އަންހެން ޑިވިޝަން ފަށާނީ ބުދަ ދުވަހު އެވެ. ވާދަކުރަނީ މޯލްޑިވިއަނާއި ޕޮލިހާއި ސްޕޯޓްސް ކްލަބް ހޯކްސް އާއި ކްލަބް ތުރީ ސްޓާ އަދި އައިލެންޑް އޯޝަން ކްލަބެވެ. ލީގު އުސޫލުން ކުޅެ އެއް ވަނަ ހޯދާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭއިރު ފަހު ޖާގަ ލިބޭނީ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލެއް ކުޅެ މޮޅުވާ ޓީމަކަށެވެ. ފައިނަލް ކުޅޭނީ މި މަހުގެ 24 ގަ އެވެ.