Roadha Mihaaru
ސޮބާ ވެލެންސިއާ އަށް: "މިއީ އާ ޗެޕްޓަރެއް"

ސޮބާ ވެލެންސިއާ އަށް: "މިއީ އާ ޗެޕްޓަރެއް"

14 ޖެނުއަރީ 2018

ކްލަބް ވެލެންސިއާގެ ކޯޗުކަމާ ހަވާލުވުމަކީ އޭނާގެ ކެރިއަރުގެ އާ ޗެޕްޓަރެއްގެ ފެށުން ކަމަށާއި މިއީ ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ ކަމަށް ސޮބާހް މުހައްމަދު އިބްރާހިމް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ކްލަބް ވެލެންސިއާގެ ކޯޗުކަމާ ހަވާލުވުމަކީ އޭނާގެ ކެރިއަރުގެ އާ ޗެޕްޓަރެއްގެ ފެށުން ކަމަށާއި މިއީ ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ ކަމަށް ސޮބާހް މުހައްމަދު އިބްރާހިމް ބުނެފި އެވެ.

ވެލެންސިއާ އަށް 2000 ވަނަ އަހަރު ކުޅުނު ޑިފެންޑަރާ އެ ޓީމު ހަވާލުކުރުމަށް ފަހު ކްލަބުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސޮބާ ބުނީ އެވަރު ބޮޑު ކްލަބެއްގެ ކޯޗުކަން އޭނާއާ ހަވާލުކުރާނީ ވަރަށް ބޮޑަށް އިތުބާރުކޮށްފައި ކަމަށާއި އެހެންވެ އެކަމަށް ޝުކުރުއަދާކުރާ ކަމަށެވެ.

"ކްލަބް ވެލެންސިއާ އަކީ ދިވެހިރާއްޖޭގައި އަޅުގަނޑުމެން ކުޑައިރުއްސުރެ ވެސް އޭގެ ކުރީގެ ހަނދާންތަކުގައި ވެސް އަދި މިހާރު ވެސް އެންމެ ބޮޑު ހަތަރު ކްލަބުގެ ތެރެއިން އެންމެ ފޭނުން ގިނަ ވަރަށް ގިނަ ބަޔެއް ޝާމިލްވާ ވަރަށް ގިނަ ބަޔެއްގެ ހިސްޓަރީ އޮތް ވަރަށް ގިނަ ބަޔަކު ލޯބިވާ ކްލަބެއް. އެހެންވެ އަޅުގަނޑަށް މިއީ އާ ޗެޕްޓަރެއް. ވަރަށް ބޮޑު ޗެލެންޖެއް މިއީ،" ސޮބާ ބުންޏެވެ.

އޭނާ ބުނީ މިއީ ފަސޭހަަކަމަކަށް ނުވާނެ ކަމަށާއި އެކަމަކު އޭނާ އަކީ އަބަދުވެސް ޗެލެންޖްތަކާ ކުރިމަތިލާން ކެރޭ އަދި ގިނަ ފަހަރަށް ކާމިޔާބު ހޯދާފައިވާ މީހެއް ކަމަށެވެ.

"އެގޮތުން ވަރަށް އުއްމީދާ އެކު ޔަގީންކަން އެބައޮތް އަޅުގަނޑަށް ފުރިހަމަ ސަޕޯޓް މެނޭޖްމަންޓުން ދެއްވައިފިއްޔާ ވެލެންސިއާ ކުރީގެ މަގާމަށް އިރާދަކުރެއްވިއްޔާ (ގެނެވޭނެކަމުގެ). އެއީ އަޅުގަނޑު ހުރިހާ ވެސް ޓާގެޓަކީ. ފުރަތަމަ މި ޓީމު ރީބިލްޑްކޮށްފައި ރަނގަޅު ޕޮޒިޝަނަށް ގެނެސްދިނުން،" ވިކްޓަރީ އާއި ނިއު ރޭޑިއަންޓް އަދި ގައުމީ ޓީމުގެ ކުރީގެ އެއް ވަނަ ޑިފެންޑަރު ބުންޏެވެ.

ސޮބާ ވަނީ މިދިޔަ ސީޒަނުގައި އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ކްލަބް ގްރީންސްޓްރީޓްސް އަށް އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ހޯދައިދީފަ އެވެ. އެކަމަކު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މައްސަލަތަކެއް ދިމާވި އެވެ.

ސޮބާ ބުނީ މިދިޔަ ސީޒަނަކީ އޭނާ އަށް ކާމިޔާބު ސީޒަނެއް ކަމަށެވެ. އަދި ސީޒަނަކީ 90 މިނެޓުގެ މެޗެއް ކަމަށާއި ފުރަތަމަ 50 މިނެޓު ނުވަތަ 80 މިނެޓު ރަނގަޅަށް ކުޅުނަސް ފަހު ކޮޅު ދަށްވެއްޖެއްޔާ ކާމިޔާބު ނުލިބޭނެ ކަމަށެވެ.

"ފުރަތަމަ ހުރިހާ ކަމެއް ރަނގަޅަށް ދިޔައިރު ނަތީޖާތައް ރަނގަޅު. ފަހުން އިޝޫތަކެއް އައީމާ ޕާފޯމަންސަށް އަސަރުކުރީ،" ސޮބާ ބުންޏެވެ. "އެކަމަކު ވެސް މިދިޔަ ސީޒަނަކީ އަޅުގަނޑަށް ނާކާމިޔާބު ސީޒަނެކޭ ނުބުނެވޭނެ."

އޭނާ ބުނީ މި ފަހަރު އޭނާ ހަމަ ބަޔަކު ގޮވައިގެން ނުކުންނަނީކީ ނޫން ކަމަށާއި ސީޒަނަކާ ކުރިމަތިލާއިރު އޭނާގެ ޕާސަނަލް ޓާގެޓްތަކެއްގެ އިތުރުން ވެލެންސިއާގެ ޓާގެޓްތަކެއް ވެސް އެބައޮތް ކަމަށެވެ.

"ވެލެންސިއާ އަށް ހެޔޮއެދޭ އެންމެންނަށް ބުނެލަން އޮތީ އަޅުގަނޑު މެކްސިމަމް ދޭނަމޭ. ކްލަބް މިހާރު އޮތް ހާލަތުން އަނެއް ހާލަތަށް ގެންދިއުމަށް މުޅި ޓީމު ވަރަށް މަސައްކަތްކުރާނަމޭ،" ސޮބާ ބުންޏެވެ.

ވެލެންސިއާގެ ޖެނެރަލް ސެކްރެޓަރީ އަބްދުﷲ ޝިބާއު ވިދާޅުވީ ސޮބާ އަކީ ފެންވަރު ސާބިތުކޮށްދީފައިވާ، ޓްރެކް ރެކޯޑް ރަނގަޅު، ދިވެހި ލީގުގައި މަސައްކަތްކޮށްފައިވާ، ފުރަތަމަ ޑިވިޝަނުގައި ފުޓްބޯޅަ ކުޅެފައިވާ އަދި ގައުމީ ޓީމަށް ވެސް ކުޅެ ކާމިޔާބީ ހޯދާފައިވާ އިތުބާރުކުރެވޭ ކޯޗެއް ކަމަށެވެ.

"އުއްމީދަކީ މިދިޔަ ސީޒަނުގައި ދިމާވި ހާލަތުން އިބުރަތް ހޯދައި ފިލާވަޅު ނަގައިގެން 2017 އަށް ވުރެ ކާމިޔާބު ސީޒަނަކަށް މި ސީޒަން ހެދުން. ވެލެންސިއާ މަރެއް ނުވޭ. ދިރި އެބައޮތް. އަޅުގަނޑުމެން ސީޒަނަށް ތައްޔާރުވަމުން މިދިޔައީ. ދުރާލާ މަޑުމަޑުން ހިކުމަތްތެރިކަމާ އެކު އެކަން ކުރީ،" ޝިބާ ވިދާޅުވި އެވެ.

ޝިބާ ވިދާޅުވީ ފުރަތަމަ އަމާޒަކީ ޓީމު އަލުން ބިނާކުރުން ކަމަށާއި އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. ކްލަބުގެ ހިންގުމަށް ވެސް ބަދަލުތަކެއް ގެންނާނެ ކަމަށް އިޝާރާތްކުރައްވައި ޝިބާ ވިދާޅުވީ ވެލެންސިއާ އިން މަސައްކަތްކުރާނީ ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަން ކަމަށެވެ.

އާ ސީޒަނަށް ވެލެންސިއާ އިން ވަނީ އެ ޓީމުގެ ކުރީގެ ކެޕްޓަން މުހައްމަދު އިމްރާނާއި ކްލަބް އީގަލްސްގެ ފޯވާޑް އަންސަރު އިބްރާހިމް (އަންކޮ) އާއި މާޒިޔާގެ އިބްރާހިމް ހަސީބާއި ނިއުގެ މުހައްމަދު ކަރަމް ގެނެސްފަ އެވެ. ވެލެންސިއާ ދޫކޮށް ދިޔަ ކުޅުންތެރިޔަކީ ނިއު އަށް ބަދަލުވެފައިވާ ގޯލްކީޕަރު މުހައްމަދު ފައިސަލާއި ފުލްބެކް ހިޝާމް ސަލީމް (ކޮކީ) އެވެ. މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި ކްލަބް ގްރީންސްޓްރީޓްސް އަށް ބަދަލުވި ކެޕްޓަން އަހުމަދު ޝާފިއު އަދި ވަކި ގޮތެއް ނިންމިކަން އިއުލާނެއް ނުކުރެ އެވެ.

ދިވެހި ފުޓްބޯޅައިގެ ގަދަބާރު ވެލެންސިއާ އަކީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ޓީމެވެ. ކުރީގެ ވެލެންސިއާ ގެއްލިފައިވާއިރު 2016 ވަނަ އަހަރު އެފްއޭ ކަޕް ކާމިޔާބުކުރުމާ އެކު އެ ޓީމު އެނބުރި އަންނާނެ ކަމަށް ބެލެވުނެވެ. އެކަމަކު މިދިޔަ އަހަރު އޭއެފްސީ ކަޕުގައި ވެސް ވާދަކުރި ނަމަވެސް ޕްލޭއޮފުން ކެޓީ އެވެ. އަދި އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ނުލިބުމުން ރާއްޖޭގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ޕްރިމިއާ ލީގުން ޖާގައެއް ނުލިބި ސީޒަން ނިންމާލަން ޖެހުނީ އެވެ.