Roadha Mihaaru
ކުރި މަސައްކަތް ގްރީންގެ ސަޕޯޓަރުން ބަލައިނުގަނޭ: ސޮބާ

ކުރި މަސައްކަތް ގްރީންސްޓްރީޓްސްގެ ސަޕޯޓަރުން ބަލައިނުގަނޭ: ސޮބާ

20 އެޕްރީލް 2018

ގްރީންސްޓްރީޓްސް އަށް ފުރަތަމަ ޑިވިޝަނުގައި އެ ކުޅެވެނީ އޭނާ ކުރި މަސައްކަތެއްގެ ސަބަބުން ކަމަށާއި އެ ޓީމުގެ ސަޕޯޓަރުން އޭނާއާ ދިމާލަށް ހަޅޭއްލެވުމުން ދައްކުވައިދެނީ އެކަން ބަލައިނުގަންނަން ކަމަށް ގްރީންސްޓްރީޓްސްގެ ކުރީގެ ކޯޗު އަދި ވެލެންސިއާގެ މިހާރުގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ގްރީންސްޓްރީޓްސް އަށް ފުރަތަމަ ޑިވިޝަނުގައި އެ ކުޅެވެނީ އޭނާ ކުރި މަސައްކަތެއްގެ ސަބަބުން ކަމަށާއި އެ ޓީމުގެ ސަޕޯޓަރުން އޭނާއާ ދިމާލަށް ހަޅޭއްލެވުމުން ދައްކުވައިދެނީ އެކަން ބަލައިނުގަންނަން ކަމަށް ގްރީންސްޓްރީޓްސްގެ ކުރީގެ ކޯޗު އަދި ވެލެންސިއާގެ މިހާރުގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް ބުނެފި އެވެ.

މިއަދު ވެލެންސިއާ އަތުން 5-0 އިން ގްރީންސްޓްރީޓްސް މޮޅުވި މެޗުގައި އެ ޓީމުގެ ބައެއް ސަޕޯޓަރުން ވަނީ ސޮބާ އަށް ބަހުގެ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. ސޮބާ އަކީ 2016 ވަނަ އަހަރު ގްރީންސްޓްރީޓްސް އަށް ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދައިދީ މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގަށް އަރުވައިދިން ކޯޗެކެވެ. ސޮބާއާ އެކު މިދިޔަ ސީޒަނުގެ ފުރަތަމަ ބައިގައި ގްރީންސްޓްރީޓްސް އިން ރަނގަޅު ނަތީޖާތަކެއް ނެރުނު ނަމަވެސް ސީޒަނުގެ ފަހުކޮޅު އޭނާ ވަކިވީ ކްލަބާ މައްސަލަތަކެއް ޖެހިގެންނެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މެޗު ކުޅެމުން ދިޔައިރު ވަރަށް ގިނައިން އަޅުގަނޑާ ދިމާލަށް ނިސްބަތްކޮށްފައި ގްރީންސްޓްރީޓްސްގެ ބައެއް ސަޕޯޓަރުން އެ ގޮވަމުން އަންނަ އެއްޗެހި. އެއްވެސް މައްސަލައެއް ނެތް އަޅުގަނޑަށް. މިއަދު އަޅުގަނޑު ބުނާނީ ހަމަ ވަރަށް ހެވިލާފައި މި ބުނަނީ އަޅުގަނޑު ކޮށްލި މަސައްކަތުންނޭ ގްރީންސްޓްރީޓްސް މިއަދު ފަސްޓް ޑިވިޝަނުގައި އެ ބޯޅަ ކުޅެނީ،" ސޮބާ ބުންޏެވެ.

އޭނާ ބުނީ ކުރާ މަސައްކަތުގެ އަގު ސަޕޯޓަރުންނާއި އިދިކޮޅު ޓީމުގެ މެނޭޖްމަންޓުން ވެސް ވަޒަންކުރަން ޖެހޭ ކަމަށެވެ. އެކަމަކު މިއަދު އެ ހަޅޭއްލެވި ލެވުމުގައި ގްރީންސްޓްރީޓްސްގެ މެނޭޖްމަންޓުގެ އަތެއް އޮތް ކަމަށް ނުދެކޭ ކަމަށް ސޮބާ ބުންޏެވެ.

"އެއްގޮތަކަށް ވެސް އަޅުގަނޑު މި ބުނަނީ ގްރީންސްޓްރީޓްސްގެ މެނޭޖްމަންޓެކޭ ނޫން. އެކަމަކު ވެސް ސަޕޯޓަރުން އެހަޅޭއްލެވި ހަޅޭއްލެވުން އެއްގޮތަކަށް އަގުވަޒަންނުކުރިތަން މި ފެނިގެން ދިޔައީ،" ސޮބާ ބުންޏެވެ. "ވަރަށް ހިތާމަކުރަން. އެކަމަކު ވަރަށް އުފަލާ އެކު ހަމަ މި އަޅުގަނޑު ހަމަ ވަރަށް ރަނގަޅަށް ކުރި މަސައްކަތެއްގެ ސަބަބުން މިއަދު އެ މީހުންނަށް މިއަދު އެތާ އެތިބެވެނީ. އެއީ ފާހަގަކޮށްލަން ބޭނުންވާ ކަމަކީ."