Roadha Mihaaru
އެއްވެސް ފްލެޓެއް އަދިއެއް ނުވިއްކަން: އެޗްޑީސީ

އެއްވެސް ފްލެޓެއް އަދި ނުވިއްކަން، މާގިނަ ދުވަހެއް ނުވެ ހުޅުވާލާނަން: އެޗްޑީސީ

25 ޖެނުއަރީ 2018

ވިއްކުން މެދުކަނޑާލި ޓާޓާ ފްލެޓްތައް، "އަޑިއަޑިން ވަކި ބަޔަކަށް ދޫކޮށްފައިވާ" ކަމަށް ކުރާ ތުހުމަތު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ން މިއަދު ދޮގުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވިއްކުން މެދުކަނޑާލި ޓާޓާ ފްލެޓްތައް، "އަޑިއަޑިން ވަކި ބަޔަކަށް ދޫކޮށްފައިވާ" ކަމަށް ކުރާ ތުހުމަތު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ން މިއަދު ދޮގުކޮށްފި އެވެ.

ގާކޮއްޓާއި އަރަބިއްޔާގައި އިމާރާތް ކުރި 264 ފްލެޓުގެ ތެރެއިން 105 ފްލެޓް ވިއްކާލަން އިއުލާންކުރީ، އެ ފްލެޓްތައް ލިބުނު މީހުން ދައްކަންޖެހޭ ފައިސާ ސަރުކާރަށް ނުދެއްކުމުންނެވެ. އެ ފްލެޓުތައް ވިއްކަން ފޯމު ދޫކުރަން އޮތީ ޑިސެމްބަރު، 4، 2017 ގަ އެވެ. އޭގެ ދެ ދުވަސް ކުރިން އެތައް ބަޔަކު ކިޔޫގައި ޖެހުނެވެ. ނަމަވެސް، އެފަދަ ބޮޑު ކިޔޫއެއްގައި ރައްޔިތުން ޖައްސައިގެން ފްލެޓް ދޫކުރުމަކީ ސަރުކާރުން ގަބޫލުކުރާ ކަމެއް ނޫން ކަމަށް ބުނެ ފްލެޓް ވިއްކުން މެދުކަނޑައިލީ އެވެ.

މިއީ، ސަރުކާރުން ބޭނުންވާ ވަކި ބަޔަކަށް ފްލެޓް ދިނުމަށް ކުރި ކަމެއް ކަމަށް ބުނަމުން ދަނިކޮށް، ބައެއް ފްލެޓްތައް ދެ ލައްކަ ރުފިޔާ އާއި ހަތަރު ލައްކަ ރުފިޔާއަށް ވިއްކާފައިވާ ކަމުގެ އަޑުތައް ވަނީ އަރައިފަ އެވެ. ވަކި އޮފީހަކާ ގުޅައިގެން، މި ފްލެޓްތަކަށް ފޯމު ދޫކޮށްފައިވާ ކަމުގެ ތުހުމަތުތައް ވެސް ކުރެ އެވެ.

އެކަމަކު، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން "މިހާރު" އަށް މިއަދު ވިދާޅުވީ އެ ފްލެޓްތަކާ ގުޅޭގޮތުން ވާހަކަތަކެއް ދެއްކި ނަމަވެސް އޭގައި ހަގީގަތެއް ނެތް ކަމަށެވެ. ސަރުކާރުން ވިއްކަން ހުޅުވާލި އެއްވެސް ފްލެޓެއް މިހާތަނަށް އެއްވެސް ބަޔަކަށް ވިއްކާފައި ނުވާނެ ކަމަށާއި އެޗްޑީސީގެ ފޯމުތަކެއް އެހެން ބައެއްގެ އަތަށް ލިބޭނެ ގޮތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައިމަން މިއަދު ވެސް ވިދާޅުވި ގޮތުގައި ފްލެޓްތައް ވިއްކުން މެދުކަނޑާލީ ރައްޔިތުންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށެވެ. އެ އިންތިޒާމުތައް މިހާރު ނިންމާފައިވާ ކަމަށް ވިދާޅުވި ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ.

"ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ފްލެޓްތައް ވިއްކަން ހުޅުވާލާނެ،" ސައިމަން ވިދާޅުވި އެވެ.

ތިން ކޮޓަރި އާއި ދެ ފާޚާނާ އަދި ބަދިގެ ހިމެނޭ ފްލެޓްތަކުގެ ތެރެއިން ގާކޮށިން 75 ފްލެޓް ވިއްކާ އިރު، އަރަބިއްޔާ ބިމުން ވިއްކަނީ 30 ފްލެޓެވެ. އެޗްޑީސީން ކުރިން ނިންމާފައިވާ ގޮތުން ނަމަ، ފްލެޓް ވިއްކާނީ ފޯމް ހުށަހަޅާ ތަރުތީބުންނެވެ. ފްލެޓެއްގެ އަގަކީ ދެ މިލިއަން ރުފިޔާ އެވެ. އެޗްޑީސީން ބުނެފައިވާ ގޮތުގައި ފޯމު ދޫކުރާނީ 100،000ރ.ގެ ބޭންކް ގެރެންޓީ ހުށަހަޅާ ފަރާތްތަކަށެވެ. އަރަބިއްޔާ ހުރި ބިމުގައި ހަދާފައިވާ "މާލޭ ގްރޭންޑް" އަދި ގާކޮށީގައި ހަދާފައިވާ "މާލޭ ސްކެއާ"ގެ ފްލެޓްތައް 268 މީހަކަށް ގުރުއަތުން ލިބިފައިވާ އިރު ފްލެޓްތައް ދިނީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކި މީހުންނަށެވެ. ބައެއް މީހުންނަށް ފައިސާ ނުދެއްކުނީ، މި މަޝްރޫއު ހުޅުވައިލި އިރު ފްލެޓްތައް ވިއްކަން ކަނޑައެޅި އަގަށް ވުރެ މާ ބޮޑު އަގަކަށް ވިއްކަން ނިންމުމާ ގުޅިގެން އުފުލަން ޖެހުނު ތަކުލީފުތަކާ ހެދި އެވެ.