Roadha Mihaaru
އާސެނަލަށް އޯބަމަޔަން ގެނައުމުގެ ބާރު ޖިރޫ އަތްމަތީގައި

އާސެނަލަށް އޯބަމަޔަން ގެނައުމުގެ ބާރު ޖިރޫ އަތްމަތީގައި

30 ޖެނުއަރީ 2018

ލަންޑަން (ޖެނުއަރީ 30) - ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ ގެބޮންގެ ފޯވާޑް ޕިއޭ-އެމެރިކް އޯބަމަޔަން އާސެނަލަށް ގެންނަން އެއްބަސްވެފައިވާއިރު، އެ ޓްރާންސްފާ ކުރިއަށްދިއުމުގެ ބާރު އޮތީ އާސެނަލަށް ކުޅޭ ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫ އަތްމަތީގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖެނުއަރީ 30) - ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ ގެބޮންގެ ފޯވާޑް ޕިއޭ-އެމެރިކް އޯބަމަޔަން އާސެނަލަށް ގެންނަން އެއްބަސްވެފައިވާއިރު، އެ ޓްރާންސްފާ ކުރިއަށްދިއުމުގެ ބާރު އޮތީ އާސެނަލަށް ކުޅޭ ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫ އަތްމަތީގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޑޯޓްމަންޑުން ވަނީ އާސެނަލަށް އޯބަމަޔަން 55 މިލިއަން ޕައުންޑަށް ވިއްކާލަން އެއްބަސްވެފަ އެވެ. އެހެން ނަމަވެސް އެ ޓީމުން އޯބަމަޔަން އެއްކޮށް ދޫކޮށްލާނީ ބަދަލުގައި ކުޅުންތެރިޔަކު ލިބޭނަމަ އެވެ. ޑޯޓްމަންޑުގެ ފުރަތަމަ ވިސްނުމަކީ އެފްސީ ކޮލޯނުން ލޯން އެއްބަސްވުމަކަށް ޗައިނާގެ ޓިއަންޖިން ހުއާންޖިއަން އަށް ދޫކޮށްފައިވާ ފްރާންސްގެ ފޯވާޑް އެންތަނީ މޮޑެސްޓޭ ގެނައުމެވެ. އެހެން ނަމަވެސް މޮޑެސްޓޭ ގެންނަން ކުރާ މަސައްކަތަށް ކުރިއެރުމެއް ލިބިފައިނުވެ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޑޯޓްމަންޑުން މިހާރު ފާރަލަނީ ލޯން އެއްބަސްވުމަކުން ޗެލްސީ އަށް ކުޅޭ ބެލްޖިއަމްގެ ފޯވާޑް މިޝީ ބަޓްޝުއާޔީ ގެނައުމަށެވެ. އެހެން ނަމަވެސް މި ވަގުތު ބަޓްޝުއާޔީ ރަނގަޅު ފޯމެއްގައި ހުރެ ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން ޗެލްސީން އޭނާ ދޫކޮށްލަން ބޭނުންވަނީ އެ ފެންވަރުގެ ފޯވާޑެއް ލިބޭނަމަ އެވެ. އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ޗެލްސީން ބޭނުންވަނީ އާސެނަލްގެ ޖިރޫ އެވެ.

ބީޓީ ސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި ޗެލްސީ އަށް ޖިރޫ ވިއްކާލަން އާސެނަލުން ކިޔާ އަގަކީ 30 މިލިއަން ޕައުންޑެވެ. އެހެން ނަމަވެސް 31 އަހަރުގެ ފޯވާޑަކަށް ޗެލްސީން އެ ވަރުގެ ހޭދައެއް ކުރަން ބޭނުމެއް ނުވެ އެވެ. މި ދެ ޓީމުން މިހާރު ލޯން އެއްބަސްވުމަކަށް މަޝްވަރާ ކުރަމުންދާއިރު، ޖިރޫ ބޭނުންވަނީ ދާއިމީ ކޮންޓްރެކްޓެއްގައި ޗެލްސީއާ ގުޅޭށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް ރަށުންބޭރުގައި ކުޅޭނީ ސްވަންސީ ސިޓީއާ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ސްވަންސީ ވަނީ ލިވަޕޫލް ބަލިކޮށްފަ އެވެ. މިރޭގެ މެޗުގައި އާސެނަލުން އެ ޓީމާ ދާދި ފަހުން ގުޅުނު އާރްމީނިއާގެ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަން ފުރަތަމަ އެގާރައިގައި ހިމަނާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެެވެ.