Roadha Mihaaru
އިޖްރާއާތުގެ ގާނޫނު ދެނެގަތުން: ތައާރަފާއި މަގްސަދު

ޖިނާއީ އިޖްރާއާތުގެ ގާނޫނު ދެނެގަތުން: ގާނޫނުގެ ތައާރަފާއި މަގްސަދު

31 ޖެނުއަރީ 2018

ޒަަމާނަށް އައި ބަދަލާ އެކު ޒަމާނީ ގާނޫނު އަސާސީއަކާއި އެފަދަ ގާނޫނުތަކާއި އުސޫލުތަކެއް ރާއްޖޭގައި ތައާރަފްވެފައި ވިޔަސް، މިދިޔަ ޖުލައި މަހާ ހަމަ އަށް ރާއްޖޭގައި، ޖިނާއީ އިޖްރާއާތުގެ ގާނޫނެއް ނެތެވެ. ޖިނާއީ އިޖްރާއާތުގެ ގާނޫނު އައުމާ ހަމައަށް ޖިނާއީ ޝަރީއަތްތައް ހިންގަމުން އައީ، އެތައް އަހަރެއް ކުރިން ހަދާފައި ހުރި ގަވާއިދުތަކެއްގެ ދަށުންނެވެ. އެކަމަކު މިހާރު މިވަނީ އެކަން ބަދަލުވެ، ޒަމާނާ ގުޅޭ ޖިނާއީ އިޖްރާއާތުގެ ގާނޫނެއްގެ ފޮނި މީރުކަން ލިބެމުންނެވެ. މިއީ މުޅި ޖިނާއީ އަދުލުގެ ނިޒާމު އެތައް ދުވަހެއް ވަންދެން އިންތިޒާރުކުރި ގާނޫނެކެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޒަަމާނަށް އައި ބަދަލާ އެކު ޒަމާނީ ގާނޫނު އަސާސީއަކާއި އެފަދަ ގާނޫނުތަކާއި އުސޫލުތަކެއް ރާއްޖޭގައި ތައާރަފްވެފައި ވިޔަސް، މިދިޔަ ޖުލައި މަހާ ހަމަ އަށް ރާއްޖޭގައި، ޖިނާއީ އިޖްރާއާތުގެ ގާނޫނެއް ނެތެވެ. ޖިނާއީ އިޖްރާއާތުގެ ގާނޫނު އައުމާ ހަމައަށް ޖިނާއީ ޝަރީއަތްތައް ހިންގަމުން އައީ، އެތައް އަހަރެއް ކުރިން ހަދާފައި ހުރި ގަވާއިދުތަކެއްގެ ދަށުންނެވެ. އެކަމަކު މިހާރު މިވަނީ އެކަން ބަދަލުވެ، ޒަމާނާ ގުޅޭ ޖިނާއީ އިޖްރާއާތުގެ ގާނޫނެއްގެ ފޮނި މީރުކަން ލިބެމުންނެވެ. މިއީ މުޅި ޖިނާއީ އަދުލުގެ ނިޒާމު އެތައް ދުވަހެއް ވަންދެން އިންތިޒާރުކުރި ގާނޫނެކެވެ.

ގާނޫނުގެ މަގްސަދު

ޖިނާއީ އިޖްރާއާތުގެ ގާނޫނަކީ ޖިނާއީ އަދުލުގެ ނިޒާމުގައި، އެކި ފަރާތްތަކުން އަމަލުކުރަން ޖެހޭ ގޮތުގެ އުސޫލުތަކާއި ހައްގުތަކާއި ލިބިފައިވާ އިހްތިޔާރުތަކާއި ބާރުތަކާއި އެ ބާރުތައް ބޭނުން ކުރަންޖެހޭ ގޮތް ތަފްސީލު ކޮށްފައިވާ ގާނޫނެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ މައިގަނޑު މަގްސަދަކީ ތުހުމަތު ކުރެވޭ މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތުގެ މަތިން، ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ތަހުގީގު މަރުހަލާއި އާއި ދައުވާ ކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ބާރު އެޅުމާއި ޖިނާއީ މައްސަލަތަކުގެ ޝަރީއަތްތައް ވީހާ ވެސް އިންސާފުވެރިކޮށް އަދި އަވަސް މިނެއްގައި ކުރިއަށް ގެންދަން ބާރު އެޅުމެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ މިދެންނެވި މަގްސަދުތައް ހާސިލް ކުރުމަށްޓަކައި އާ ކަންތައްތަކެއް ޖިނާއީ އަދުލުގެ ނިޒާމަށް ތައާރަފް ކުރުމުގެ އިތުރުން ކޮންމެ މަރުހަލާއެއްގައި އަމަލު ކުރާނެ ވަކިވަކި އިޖްރާއާތުތަކާއި ކޮންމެ މަރުހަލާއެއްގައި ވެސް މުއައްސަސާތަކަށް ލިބޭނެ ބާރުތަކާއި އެ ބާރުތައް ބޭނުން ކުރެވޭނެ ހާލަތްތަކާއި ތުހުމަތު ކުރެވޭ މީހާގެ ހައްގުތައް ވެސް ވަނީ ބަޔާންކޮށްފަ އެވެ. މި ގާނޫނަކީ ޖިނާއީ އަދުލުގެ ނިޒާމުގައި އަމަލު ކުރަންޖެހޭ އުސޫލުތައް މިހާ ތަފްސީލުކޮށް ލިޔެފައިވާ ހަމައެކަނި ގާނޫނު ވެސް މެ އެވެ.

ގާނޫނު އެކުލަވާލަން ކުރި މަސައްކަތްތައް

ޖިނާއީ އިޖްރާއާތުގެ ގާނޫނެއް ވުޖޫދަށް ގެންނަން ކުރި މަސައްކަތަކީ ދިގު މާޒީއެއް އޮތް ބުރަ އަދި ބޮޑު މަސައްކަތެކެވެ. އެ ގާނޫނުގެ މަސައްކަތް އެންމެ ފުރަތަމަ ފެށުނީ 2004 ވަނަ އަހަރު އޭރު ސަރުކާރުން އިއުލާންކުރި އިސްލާހީ އެޖެންޑާގެ ތެރެއިންނެވެ. އެ އެޖެންޑާގެ ތެރެއިން އޭރު އެޓާނީ ޖެނެރަލްގެ އޮފީހުގެ ދައުވަތަކަށް ރާއްޖެ ވަޑައިގަތް އެމެރިކާގެ ޕްރޮފެސަރެއް ކަމަށްވާ ޕޯލް އެޗް ރޮބިންސަން ތައްޔާރު ކުރެއްވި ރިޕޯޓުގައި ޖިނާއީ އިޖްރާއާތެއް ތަފްސީލުކޮށް ލިޔެވިފައި އޮތުމުގެ މުހިންމު ކަން ފާހަގަ ކުރެއްވި އެވެ. ރޮބިންސަންއަކީ އާ ގާނޫނުލް އުގޫބާތު ވުޖޫދަށް ގެނައުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅާ އެވެ.

ޖިނާއީ އިޖްރާއާތުގެ ބިލެއް ފުރަތަމަ އެކުލަވާލީ ބޭރުގެ ތަޖްރިބާކާރުންގެ އެހީތެރިކަމާ އެކު 2006 ވަނަ އަހަރު އެވެ. އިނގިރޭސި ދެލިކޮޕީއެއްގެ ގޮތުގައި އޮތް އެ ބިލަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނައުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް އޭރު ހުށަހެޅި އެވެ. އޭރުއްސުރެ މަޖިލީހުގައި އޮތް އެ ބިލުގައި އިސްލާހު ކުރަންޖެހޭ ކަންތައްތަކެއް ހުރުމުން 2014 ވަނަ އަހަރު އެޓާނީ ޖެނެރަލްގެ އޮފީހުން އެ ބިލަށް އިސްލާހުތަކެއް ގެނަ އެވެ. އެ ބިލަށް ފަހުން ގެނައި ބަދަލުތަކަކީ ބޭރުގެ މާހިރުން ތައްޔާރުކުރި އިނގިރޭސި ދެލި ކޮޕީ އާއި ގާނޫނު އަސާސީ އާއި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ރިއާޔަތްކޮށް ގެނައި ބަދަލުތަކެކެވެ.

ފަހުން ގެނައި ބަދަލުތަކާ އެކު، އެ ބިލުގެ މަސައްކަތް މަޖިލީހުން ނިންމައި، ބިލް ފާސްކުރީ އޭޕްރީލް، 2016 ގަ އެވެ. ރައީސް އަބްދުﷲ ޔާމީން އެ ބިލް ތަސްދީގު ކުރެއްވުމާ އެކު، އެ ބިލް ގާނޫނަކަށް ވީ މެއި، 2016 ގަ އެވެ. އެ ގާނޫނު ފުރަތަމަ ވުޖޫދަށް އައީ ތަސްދީގު ކުރާތާ އަށް މަސް ފަހުން އަމަލު ކުރާ ގޮތަށެވެ. އެކަމަކު ފަހުން އެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން، އެ ގާނޫނަށް އަމަލުކުރުން އިތުރު ހަ މަހަށް ފަސްކުރުމަށް ފަހު، އެ ގާނޫނަށް އަމަލު ކުރަން ފެށީ ޖުލައި، 2017 ގަ އެވެ.

ގާނޫނު އަންނަން ވާއިރަށް ވަމުން އައި ތައްޔާރީތައް

ޖިނާއީ އިޖްރާއާތުގެ ގާނޫނަކީ ކުރިން އަމަލުކުރި އެތައް އުސޫލުތަކެއް ދޫކޮށްލުމަށް ފަހު، ބޮޑެތި ބަދަލުތަކެއް ނިޒާމުގެ ތެރެއަށް ތައާރަފްކުރާ ގާނޫނަކަށް ވާތީ، އެންމެ އިސްކަމެއް ދީގެން ފެށި މަސައްކަތަކީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތައް އެ ގާނޫނަށް ތައްޔާރު ކުރުމުގެ ބޮޑު މަސައްކަތެވެ. އެގޮތުން، ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި މިނިވަން މުއައްސަސާތަކާއި ކަމާބެހޭ އެހެން ވެސް ބައެއް މުއައްސަސާތަކާއި ޔޫއެންޑީޕީ ވެސް ހިމެނޭ ގޮތަށް ކޮމެޓީއެއް އެކުލަވާލައި، އެ ކޮމެޓީގެ ބެލުމުގެ ދަށުން ތަމްރީނުތަކުގެ މަސައްކަތް ފެށި އެވެ.

ތަމްރީނުތަކުގައި ކަމާބެހޭ އަށް މުއައްސަސާއެއްގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގި އެވެ. އެއީ ޖިނާއީ އަދުލުގެ ނިޒާމުގައި މުހިންމު ރޯލެއް އަދާކުރާ މުއައްސަސާތައް ކަމަށްވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި މީރާގެ އިތުރުން ކަސްޓަމްސް އެވެ. މި ތަމްރީނުތަކުގައި ޔޫއެންޑީޕީގެ އެހީގައި ބޭރުގެ ކޮންސަލްޓެންޓެއް ވެސް ތަމްރީނު ދެއްވި އެވެ.

އެ ގާނޫނު އައުމުގެ ކުރިން، ދެން އެންމެ ބޮޑަށް ކުރި މަސައްކަތަކީ މުއައްސަސާތަކުން ހަދަންޖެހޭ ގަވާއިދުތައް ހެދުމެވެ. އެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ގަވާއިދު ހެދީ އޭސީސީންނެވެ. ފަހުން ޕީޖީ އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް ވަނީ އެ މުއައްސަސާތަކުން ހަދަންޖެހޭ ގަވާއިދުތައް ހަދައި، އަމަލު ކުރަން ފަށައިފަ އެވެ. ދެން ހުރި މުއައްސަސާތަކުން ދަނީ ހަދަންޖެހޭ ގަވާއިދުތައް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

ގާނޫނުގެ ދާއިރާ އާއި ޚާއްސަ ގާނޫނުތަކުގެ އިސްތިސްނާ

ޖިނާއީ އިޖްރާއާތުގެ ގާނޫނު އެކުލެވިގެންވަނީ މައިގަނޑު ފަސް މަރުހަލާއެއްގެ މައްޗަށެވެ. މިއިން ކޮންމެ މަރުހަލާއެއްގައި ވެސް ލިބިގެންވާ ހައްގުތަކާއި މުއައްސަސާތަކުން އަމަލުކުރަން ޖެހޭ އުސޫލުތައް ވަނީ ބަޔާންކޮށްފަ އެވެ. އެ ގާނޫނު ބެހިގެންވާ މައިގަނޑު ފަސް ދާއިރާއަކީ:-

- ތަހްގީގު މަރުހަލާ

- ދައުވާ ކުރުމުގެ މަރުހަލާ

- ޝަރީއަތުގެ ކުރީގެ މަރުހަލާ (އިބްތިދާއީ މަރުހަލާ)

- ޝަރީއަތުގެ މަރުހަލާ

- ޝަރީއަތުގެ ފަހު މަރުހަލާ

މިދެންނެވި ފަސް މަރުހަލާގައި ވެސް އަމަލު ކުރަން ޖެހޭނީ ޖިނާއީ އިޖްރާއާތުގެ ގާނޫނާ އެއްގޮތަށެވެ. އަދި އެ ގާނޫނު އައުމުގެ ކުރިން އަމަލުކުރި ޖިނާއީ އިޖްރާއާތާ ގުޅޭ އާންމު އުސޫލުތައް ވެސް މިހާރު ވަނީ އެ ގާނޫނާ އެކު ބާތިލްވެފަ އެވެ. އެކަމަކު ކުށާއި އަދަބު ބަޔާންކުރާ ޚާއްސަ އެހެން ގާނޫނެއްގައި ވަކި ޚާއްސަ އުސޫލެއް ކަނޑައަޅާފައިވާ ނަމަ، އެ ހާލަތުގައި ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އަމަލު ކުރުމުން އިސްތިސްނާ ވާނެ އެވެ. ޚާއްސަ ގާނޫނުތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ އަށް ގާނޫނެކެވެ. އެއީ:-

- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކުން އަމަލު ކުރުމުގެ ގާނޫނު

- ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނު

- މަސްތުވާތަކެއްޗާބެހޭ ގާނޫނު

- މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނު

- އެންޓި ޓޯޗާގެ ގާނޫނު

- މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު

- ޖިންސީ ކުށުގެ ގާނޫނު

- ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު

މިދެންނެވި ގާނޫނުތަކުގެ ތެރެއިން ގާނޫނެއްގައި، ވަކި ކަމެއްގައި އަމަލު ކުރާނެ ވަކި ޚާއްސަ އުސޫލެއް އޮވެއްޖެ ނަމަ، އެ ހާލަތުގައި އަމަލު ކުރަން ޖެހޭނީ އެ ގާނޫނެއްގައި އޮތް ގޮތަކަށެވެ. އޭގެ މައިގަނޑު ސަބަބަކީ އެ ގާނޫނުތަކަކީ ވަކި ޚާއްސަ ކުށްކުށާ ގުޅިގެން އުފައްދާފައި ހުރި ގާނޫނުތަކަކަށް ވާތީ އެވެ. އެކަމަކު އަމަލު ކުރާނެ ޚާއްސަ އުސޫލެއް އެއިން ގާނޫނެއްގައި ނެތް ނަމަ ނުވަތަ ޚާއްސަ އުސޫލު ކަނޑައަޅާފައި ނެތް ކަންކަމާ ގުޅޭގޮތުން އަމަލު ކުރަން ޖެހޭނީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައިވާ ގޮތަށެވެ.

މި ފާހަގަކޮށްލީ ޖިނާއީ އިޖްރާއާތުގެ ގާނޫނު ގެންނަން ކުރި މަސައްކަތާއި އެ ގާނޫނަށް ތައްޔާރުވާން ކުރި މަސައްކަތާއި އެ ގާނޫނުގެ ކުރު ތައާރަފަކާއި އެ ގާނޫނުގެ މަގްސަދެވެ. އެ ގާނޫނަކީ ވަރަށް ތަފްސީލީ ގާނޫނަކަށް ވާތީ އެ ގާނޫނުގައި ހިމެނޭ މަރުހަލާތަކަށް ވަކިވަކިން އަލި އަޅުވާލައި، ކޮންމެ ހަފުތާއަކު ސިލްސިލާއެއް ގެނެސް ދެވޭނެ އެވެ. މިއީ ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އާންމުން ހޭލުންތެރި ކުރުވަން އެޓާނީ ޖެނެރަލްގެ އޮފީހުން ކުރިއަށް ގެންދާ ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދާ ސިލްސިލާ އެކެވެ.