Roadha Mihaaru
އަޅުގަނޑު ނައްތާލަން ބަޔަކު މަސައްކަތް ކުރޭ: ފާރިސް

ގާނޫނީ ރައްކާތެރިކަމެއް ނެތް، އަޅުގަނޑު ނައްތާލަން ބަޔަކު އެބަ މަސައްކަތް ކުރޭ: ފާރިސް

31 ޖެނުއަރީ 2018

އޭނާ ނައްތާލަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އޭނާ ނައްތާލަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ފާރިސް އެގޮތަށް ވިދާޅުވީ މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅި ކަމަށް ބުނެ ފާރިސަށް ކުރާ ރިޝްވަތުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުންނެވެ. ފާރިސް އެގޮތަށް ވިދާޅުވީ ހަ މަހަށް ވުރެ ގިނަ ދުވަހު އޭނާ ބަންދުގައި ހޭދަކުރި ފަހުން މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައި ވަނިކޮށް އެހެން މައްސަލައެއްގައި އޭނާ އަލުން ހައްޔަރު ކޮށްފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި، ވާހަކަ ދައްކަވަމުންނެވެ.

ފާރިސް ވިދާޅުވީ އޭނާ އަށް ގާނޫނީ ރައްކާތެރިކަމެއް މިހާރު ނެތް ކަމަށާއި އޭނާއަކީ އެކަހެރި ކުރަންޖެހޭ އަދި ނައްތާލަން ޖެހޭ މީހެއް ކަމަށް ދެކިގެން ނުފޫޒު ގަދަ ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރާ މައްސަލަތަކުގައި އިންސާފު ލިބޭނެ ކަމަށް އުއްމީދު ނުކުރައްވާ ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ.

ފާރިސް އަލުން ހައްޔަރު ކޮށްފައިވާތީ މިއަދުގެ އަޑުއެހުމުގައި ފާރިސްގެ ވަކީލުން ވެސް ޝަކުވާ ކުރި އެވެ. ފާރިސް އަލުން ހައްޔަރު ކުރުމުން އެތައް ހައްގެއް ގެއްލެމުންދާ ކަމަށް ބުނެ ވަކީލުންގެ ފާޑުކިޔުން ދައުލަތަށް އަމާޒުކުރި އެވެ. އަދި ފާރިސް އަލުން ހައްޔަރު ކުރުމުން އެ މައްސަލަ އަށް ތައްޔާރުވާން ފުރުސަތު ނުލިބޭ ކަމަށް ވެސް ވަކީލުން ބުންޏެވެ.

އެކަމަކު އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ އެ މައްސަލައިގައި ފާރިސް ދޫކޮށްލާފައިވަނިކޮށް އޭނާ އަލުން ހައްޔަރުކުރީ އެހެން މައްސަލައެއްގައި ކަމަށެވެ. އެހެންވެ އެކަމާ މެދު އެ މައްސަލައިގެ ޝަރީއަތުގައި އިތުރަށް ވާހަކަ ނުދެއްކެވުމަށް ގާޒީ އަލީ އާދަމް އެންގެވި އެވެ.

ބަންދާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަން މަސައްކަތް ކުރިޔަސް ގާޒީ ވަނީ އެ ފުރުސަތު އިތުރަށް ނުދެވޭނެ ކަމަށް ވިދާޅުވެ، އެކަމާ މެދު ހިތްހަމަނުޖެހޭ ނަމަ އެހެން މަރުހަލާތަކަށް ދިއުމަށް އެދިވަޑައިގެންފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ކޯޓުން ވަނީ އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ފެށުމުގެ ކުރިން ދެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކާ މެދު ގޮތް ނިންމައިފަ އެވެ. ފާރިސްގެ ފަރާތުން ކުރިން ހުށަހެޅި 23 ހުށަހެޅުމަށް ވަކިވަކިން ރިއާޔަތް ކުރެއްވުމަށް ފަހު ގާޒީ ނިންމެވީ އެ މައްސަލަ މައުޟޫއީ ގޮތުން ކުރިއަށް ގެންދަން ހުރަހެއް ނެތް ކަމަށާއި އެހެންވެ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމެވީ ކަމަށެވެ.

ދައުލަތުން ހުށަހަޅާފައި އޮތް ހަމައެކަނި ހުށަހެޅުމަކީ އެ މައްސަލައިގެ ހެކިވެރިއެއްގެ ހެކިބަސް ސިއްރުން ނަގައި ދިނުމަށެވެ. އެ ހުށަހެޅުމާ ގުޅިގެން ގާޒީ ވެސް ނިންމެވީ ހެކިވެރިޔާއަކީ ކާކުކަން ނޭނގޭ ގޮތަށް ސިއްރުން ހެކިބަސް ނެގުމަށެވެ.

ދެ ފަރާތުގެ ހުށަހެޅުންތަކާ މެދު މިއަދު ގޮތެއް ނިންމުމުން އެ މައްސަލައިގެ އިބްތިދާއީ މަރުހަލާ ނިމި، މިހާރު ވަނީ ޝަރީއަތުގެ މަރުހަލާ އަށް ގޮސްފަ އެވެ. ދެ ފަރާތުން ހުށަހަޅާ ހެކިތައް ރަސްމީކޮށް ޝަރީއަތަށް ހުށަހެޅުމަށް އަންނަ ހަފުތާގައި އަޑުއެހުމެއް ބާއްވާނެ ކަން ގާޒީ އިއުލާން ކުރެއްވި އެވެ.