Roadha Mihaaru
ރިޝްވަތަށް ދެފަނޑިޔާރުން އެތައް މިލިއަނެއް ނެގި:ޕޮލިސް

ރިޝްވަތަށް ދެ ފަނޑިޔާރުން އެތައް މިލިއަނެއް ނެގި: ޕޮލިސް

07 ފެބުރުއަރީ 2018

ރިޝްވަތުގެ ގޮތުގައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު އެތައް މިލިއަން ރުފިޔާއެެއް ނެގި ކަމުގެ ހެކި ލިބިފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

ރިޝްވަތުގެ ގޮތުގައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު އެތައް މިލިއަން ރުފިޔާއެެއް ނެގި ކަމުގެ ހެކި ލިބިފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒް ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާއި ހަސަން ސައީދުގެ މައްސަލައިގެ ތަހުގީގަށް، އެތައް މިލިއަން ރުފިޔާ އަކާއި އެތައް މިލިއަން ޑޮލަރެއްގެ ޓްރާންސެކްޝަން ހެކީގެ ގޮތުގައި ހޯދާފައިވާ ކަމަށެވެ.

މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މައްޗަށް، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ.

ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަނަށް ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން އެކްޓިން ޕޮލިސް ކޮމިޝަނަރު ނަވާޒް މިއަދު މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަނަށް ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން އެކްޓިން ޕޮލިސް ކޮމިޝަނަރު ނަވާޒް މިއަދު މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ސުވާލު ކުރުމުގެ ފުރުސަތު ނުދީ، އިސްކަންދަރު ކޮށީގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ނަވާޒް ވިދާޅުވި ގޮތުގައި، އެ ހަތަރު ބޭފުޅުންގެ މައްޗަށް ވެސް ކުރަނީ ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރަން އުޅުމުގެ ތުހުމަތެވެ.

މައުމޫނަށް ކުރާ ތުހުމަތު:

1- ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުން.

2- ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުން.

3- ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނުކުތުމަށް ހިތްވަރު ދީ، އެކަމަަށް ރޭވުންތައް ރޭވުން.

* މައުމޫނަށް ކުރާ ތުހުމަތަށް ވަނީ ހެކިބަސް ލިބިފައިވާ ކަމަށް ފުލުހުން ބުނޭ. އަދި މިކަމާ ގުޅުން ހުރި ތަންތަން އަންނަނީ ފާސްކުރަމުން ކަމަށް ފުލުހުން ބުނި.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ކުރާ ތުހުމަތު:

1- ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށް ފަހު، ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުން.

2- ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރުމަށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މަސައްކަތް ކުރެއްވުން.

3- ދައުލަތާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގުމަށް ގަސްދުގައި ހުރަސްއެޅުން.

* މި މައްސަލައާ ގުޅޭ ހެކި ބަހާއި އިތުރު ހެކިތައް ވެސް ލިބިފައިވާ ކަމަށް ނަވާޒް ވިދާޅުވި.

ފަނޑިޔާރު އަލީ ހަމީދަށް ކުރާ ތުހުމަތު:

1- ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށް ފަހު، ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުން.

2- ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރުމަށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެ މަސައްކަތް ކުރެއްވުން.

3- ދައުލަތާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގުމަށް ގަސްދުގައި ހުރަސްއެޅުން.

* ނަވާޒް ވިދާޅުވި ގޮތުގައި، މި މައްސަލާގައި އަލީ ހަމީދާ ގުޅުން ހުރި ކަމަށް ގަބޫލު ކުރެވޭ ގިނަ އަދަދެއްގެ ފައިސާ ވެސް ވަނީ ހޯދާފައި. އަދި އިތުރު ހެކިތައް ވެސް ލިބިފައިވާ ކަމަށް ވިދާޅުވި.

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު:

1- ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމަށް ރިޝްވަތުގެ ފައިސާ ދިނުން.

2- ރިޝްވަތުގެ ގޮތުގައި ލިބިފައިވާ ފައިސާ ބޭނުންކޮށްގެން މަންފާ ހޯދުން.

* ހަސަންގެ ކޮޓަރީގައި އޭނާ ނިދާ އެނދުގެ ގޮދަޑި ދަށުން ގިނަ އަދަދެއްގެ ފައިސާ މިހާތަނަށް ފެނިފައިވާ ކަމަށް ފުލުހުން ބުނޭ. އަދި އިތުރު ހެކިތައް ވެސް ހޯދާފައިވާ ކަމަށް ބުނި.

ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ހައްޔަރުކުރީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އިއްޔެ ރޭ ގަ އެވެ. އޭގެ ތެރެއިން އަލީ ހަމީދު ފިޔަވައި އަނެއް ތިން ބޭފުޅުން މިހާރު ތިއްބެވީ ދޫނިދޫގަ އެވެ. އަލީ ހަމީދުގެ ސިއްހީ ހާލުކޮޅު ގޯސްވެގެން ރޭ ވަނީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފަ އެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ، މާލޭގައި އިމާރާތް ކޮށްފައިވާ ކޮމާޝަލް ހައުސިން އެޕާޓްމެންޓް ޕްރޮޖެކްޓެއްގައި އިމާރާތް ކޮށްފައިވާ، ފްލެޓްތަކުން ތަނެއް ގަތުމަށް، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން، ދާދި ފަހުން ކުރި ރިޝްވަތުގެ މުއާމަލާތެއްގައި ބައިވެރިވެފައިވާ ކަމުގެ ކިތާބީ ހެކި ލިބިފައިވާ ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އާއިލާގެ ދެ ބޭފުޅަކު ވެސް، ފްލެޓް ބައްލަވައިގަތުމަށްޓަކައި އެފަދަ މުއާމަލާތެއް ކުރެއްވި ކަމުގެ ކިތާބީ ހެކި ލިބިފައިވާ ކަމަށް މިދިޔަ އާދީއްތަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ފުލުހުން ބުނެފައިވެ އެވެ.

ހަސަން ސައީދު ދިރިއުޅުއްވާ ގެ ފާސްކުރުމަށް ފަހު، ނެރުނު އެ ބަޔާނުގައި ފުލުހުން ބުނެފައި ވަނީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހިމެނޭ މުއާމަލާތުގެ ކަންކަން ސާފުކުރަމުން އަންނަ ކަމަށެވެ.