Roadha Mihaaru
ވެރިކަން ވައްޓާލަން އުޅުނީ ނައިބަކަށް އަދީބު ލުމުން

ވެރިކަން ވައްޓާލުމުގެ މަސައްކަތް މައުމޫން ފެއްޓެވީ ނައިބު ރައީސަކަށް އަދީބު ހަމަޖެއްސި ހިސާބުން: ޕޮލިސް

15 އެޕްރީލް 2018

އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ބަދަލުކުރުމުގެ މަސައްކަތް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފެއްޓެވީ ނައިބު ރައީސަކަށް އަހުމަދު އަދީބު އައްޔަން ކުރުމާ ހިސާބުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ބަދަލުކުރުމުގެ މަސައްކަތް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފެއްޓެވީ ނައިބު ރައީސަކަށް އަހުމަދު އަދީބު އައްޔަން ކުރުމާ ހިސާބުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން އެހެން ވިދާޅުވިއިރު، ނައިބު ރައީސަކަށް އަދީބު އައްޔަން ކުރުމާ މެދު އެ ދުވަސްވަރު ރައީސް ޔާމީނާއި މައުމޫނާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުޅުނެވެ. އަދި ނައިބު ރައީސަކަށް އަދީބު އައްޔަން ނުކުރެއްވުމަށް ވެސް ރައީސް ޔާމީންގެ އަރިހުން މައުމޫން އެދިވަޑައިގެންނެވި ކަމަށް ވެ އެވެ.

ސިޔާސީ އިދިކޮޅު ފަރާތްތައް ވެސް ހިމެނޭ ގޮތަށް، ނުވަ ގައިދީ އަކު މިނިވަން ކުރަން އަންގައި މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަންގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިފާން ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ބަދަލު ކުރުމުގެ މަސައްކަތް 2015 ވަނަ އަހަރުން ފެށިގެން ނުވަތަ ނައިބު ރައީސަކަށް އަދީބު އައްޔަން ކުރެއްވުމާ ހިސާބުން މައުމޫން ފެއްޓެވި ކަމަށެވެ. އެގޮތުން 2016 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމަށް މައުމޫން ހުށަހަޅުއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މަސައްކަތްތަކުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ އަރިސް ބައެއް ފަރާތްތައް މަސައްކަތް ކޮށްފައިވާ ކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" ޝިފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ އަހަރު ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކުރުމަށް ދިއްގަރު ދާއިރާގެ މެމްބަރު އަދި މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން އިސްކޮށް ހުންނަވައިގެން މަޖިލީހުގެ މެމްބަރުންނަށް ފައިސާ ދީ، އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމަށް މަސައްކަތް ކުރައްވާފައިވާކަން ތަހުގީގަށް ވަނީ ސާބިތުވެފަ އެވެ.

އެކަމުގައި ހަރަކާތްތެރިވެވަޑައިގަތީ، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ އިތުރުން މައްޗަންގޯޅީ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ. އެ ތިން ބޭފުޅުން ވެސް މިހާރު ތިބީ ޖަލު ބަންދުގަ އެވެ.

އަހުމަދު އަދީބު، ނައިބު ރައީސް ކަމުގެ ހުވާ ޖުލައި 22، 2015 ގައި ރައީސް ޔާމީންގެ ކުރިފުޅުމަތީގައި ކުރައްވަނީ.---ރައީސް އޮފީސް ފޮޓޯ

އަހުމަދު އަދީބު، ނައިބު ރައީސް ކަމުގެ ހުވާ ޖުލައި 22، 2015 ގައި ރައީސް ޔާމީންގެ ކުރިފުޅުމަތީގައި ކުރައްވަނީ.---ރައީސް އޮފީސް ފޮޓޯ

ޝިފާން ވިދާޅުވީ، މެމްބަރުންނަށް ފައިސާ ދިނުމަށް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ރިޔާޒް އަދި ފާރިސް ގެ އިތުރުން އެ ބޭބޭފުޅުންގެ އަރިސް ބޭބޭފުޅުން މެމްބަރުންގެ އަރިހަށް ވަޑައިގެންނެވި ކަމަށެވެ.

އަދި ވިދާޅުވީ މައުމޫން އިސްވެ ހުންނަވައިގެން، ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން އުޅުއްވި މައްސަލައެއްގެ ތަހުގީގު މި އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ފުލުހުން ފަށާފައިވާއިރު، ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންނަށާއި މުވައްޒަފުންނަށް ރިޝްވަތު ދީފައިވާކަން ޔަގީން ކުރެވޭ ކަމަށެވެ. އެކަމުގައި އިސްކޮށް ހުންނެވީ މައުމޫނާއި އިލްހާމާއި ރިޔާޒް އަދި ސިނާންގެ އިތުރުން ފާރިސް އާއި މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ކަމަށް ޝިފާން ވިދާޅުވި އެވެ.

"ދެ ފަނޑިޔާރުންނަށް [އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު] ފްލެޓް ގަނެދީފައިވާ ކަމާއި މި ކަމުގައި ވިލާ ގުރޫޕުން ރިޝްވަތުގެ ގޮތުގައި މާލީ އެހީ ދީފައިވާ ކަން ފުލުހުންގެ ތަހުގީގަށް އެނގިފައި ވޭ. ފަނޑިޔާރުންނަށް ރިޝްވަތު ދީފައިވާ ކަން އެނގުމުން އަޅުގަނޑުމެން ވާނެ އިބްރާހިމް ސިޔާދު ގާސިމް [ގާސިމްގެ ދަރިކަލުން] ހައްޔަރުކޮށްފައި،" ޝިފާން ވިދާޅުވި އެވެ.

މައުމޫން ދިރިއުޅުއްވާ އެންދެރިމާގޭ ފުލުހުން ބަލައި ފާސްކުރަމުން ގެންދަނިކޮށް، އެ ގެއާ އިން ވެގެން ހުންނަ އެންދެރިގަސް ގެ އިން ފޮއްޓެއް ކާރަކަށް އަރުވައިގެން ގެންދިޔަ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ. އެ ފޮށި ފެނުނީ އޭނާ ވިދާޅުވި ގޮތުގައި، މައުމޫންގެ އޮފީހުގައި މަސައްކަތް ކުރާ، މައުމޫންގެ މުވައްޒަފެއް ކަމަށް ވާ ނަޖުމާ އިބްރާހިމްގެ ގެ އިިންނެވެ.

އެ މައްސަލާގައި ނަޖުމާގެ އިތުރުން މައުމޫންގެ ޕްރައިވެޓް ބޮޑީގާޑެއް ކަމަށް ވާ މުހައްމަދު އަޒްމީ އާއި ބިދޭސީ ޑްރައިވަރަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ކަޅުފޮށިން ގިނަ ހެކިތަކެއް ފެނިފައިވާ ކަށާއި އެގޮތުން މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން މެދުވެރިކޮށް މައުމޫނަށް، ފާރިސް ފޮނުއްވި ސިޓީއެއްގައި، އިންޑިއާ އިސްވެ އޮވެ ރާއްޖޭގެ ދާޚިލީ ކަންކަމަށް ބޭރުގެ ފަރާތްތަކުން ނުފޫޒު ފޯރުވުމަށް ލަފާ ދެއްވާފައިވާ ކަމަށް ޝިފާން ވިދާޅުވި އެވެ.

"ރާއްޖޭގައި އިގްތިސާދީ ގޮތުން މި ހިނގަމުންދާ ކަންކަން ބޭންކްތައް މެދުވެރިކޮށް ދަތިކޮށް، ދިވެހިންނަށް ވިސާ ލިބުމާއި ދިވެހިން ބޭރާ ގުޅިގެން ކުރަމުންދާ ކަންކަން ދަތިކޮށް، ދިވެހިން ބޭނުން ކުރަމުންދާ ހަނޑޫ، ހަކުރު، ފުށް ފަދަ ބޭސިކް ނެސެސިޓީސްތަކައް ދަތިކޮށް މިފަދަ ބައިވަރު ކަންކަމަށް މަޝްވަރާ ދެއްވާފައިވާ ކަން އަޅުގަނޑު ފާހަގަކުރަން،" ފާރިސްގެ ސިޓީ، ސްކްރީނުން ނޫސްވެރިންނަށް ދައްކާލައްވަމުން ޝިފާން ވިދާޅުވި އެވެ.