Roadha Mihaaru
ހާބަޓްގެ ވާހަކަތަކަށް އެފްއޭއެމުން ރައްދުދީފި

ހާބަޓްގެ ވާހަކަތަކަށް އެފްއޭއެމުން ރައްދުދީފި

14 ޖުލައި 2016

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ރިކީ ހާބަޓް އެފްއޭއެމަށް ކުރިމަތިކުރި ފާޑުކިޔުންތަކަށް އެ އެސޯސިއޭޝަނުގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ރައްދު ދެއްވައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ރިކީ ހާބަޓް އެފްއޭއެމަށް ކުރިމަތިކުރި ފާޑުކިޔުންތަކަށް އެ އެސޯސިއޭޝަނުގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ރައްދު ދެއްވައިފި އެވެ.

މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ތޯރިގް ވިދާޅުވީ ހާބަޓްގެ ވާހަކަ ތަކަކީ އެއްވެސް އަސްލަކަށް ބެލުމެއް ނެތި ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.

"ކޯޗު އަމިއްލައަށް އިސްތިއުފާދޭން އެދުނީ. ކޯޗާ އަޅުގަނޑާ މާ ގިނަ ވާހަކަ ނުދެކެވޭ. އަޅުގަނޑު އައިތާ ހަތަރު ދުވަހުގެ ތެރޭގައި ކޯޗު ފުރައިގެން ގޮސްފި. އެހެންވީމާ އަޅުގަނޑުގެ ހުންނަނީ ސިޔާސީ ވިސްނުމެކޭ ބުނުމުގެ ފުުރުސަތެއް ނެތް. އެފްއޭއެމްގެ އިންތިހާބު ކުރިއަށްދާ ގޮތަކާ މެދު ހަގީގަތުގައި ގައުމީ ކޯޗު ވިސްނާކަށް ނުޖެހޭ. ކޯޗުގެ ޒިންމާއަކަށްވާން ޖެހޭނީ ޓީމުގެ ޕްރެކްޓިހާއި އެހެން ކަންތައް ކުރިއަށްދާ ގޮތް ބެލުން. އެފްއޭއެމްގެ ސިޔާސަތު ކަނޑައަޅަނީ އިދިކޮޅު މީހެއްތޯ ނޫނީ ސިޔާސީ މީހެއްތޯ ގައުމީ ކޯޗު ވިސްނަން ޖެހޭނެހެނެއް އަޅުގަނޑަށް ހިއެއްނުވޭ. ކޯޗުގެ ވާހަކަތަކަކީ އަސްލެއް އޮވެގެން ދެއްކި ވާހަކަތަކެއް ނޫން،" ތޯރިގް ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައި ހާބަޓް ހޭދަކުރި މުއްދަތުގައި ކަން ހިނގައިދިޔަ ގޮތުގެ ރިޕޯޓްް ލިބިފައިވާ ކަމަށެވެ. އަދި އެ ރިޕޯޓްގައި ހާބަޓްގެ ފަރާތުން ވެސް އަދި އެފްއޭއެމްގެ ފަޅިން ވެސް މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

"ހާބަޓްގެ މައްސަލަތައް ހޯދާކަށެއް ނޫން އަޅުގަނޑުމެން މި ރިޕޯޓް އެކުލަވާލީ. މިއީ މިކަމުގައި ކަން ހިނގާދިޔަ ގޮތް ހޯދައި މުސްތަގުބަލުގައި މިކަން ތަކުރާރުވިޔަ ނުދޭން އަޅުގަނޑުމެން ތައްޔާރުކުރި ރިޕޯޓެއް،" ތޯރިގް ވިދާޅުވި އެވެ.

ހާބަޓުގެ އިރުޝާދުގެ ދަށުން ރާއްޖޭން ވާދަވެރި 17 މެޗު ކުޅެފައިވާއިރު 9 މެޗުން ވަނީ ބަލިވެފަ އެވެ. ހަތް މެޗުން މޮޅުވިއިރު އެއް މެޗުން އެއްވަރުވީ އެވެ. އެކަމަކު އޭނާ އަށް ބޮޑަށް ފާޑުކިޔުން އަމާޒުވީ އޭޝިއަން ކަޕް ކޮލިފައިންގައި ޖޫން މަހު ދެ ވަނަ ދުވަހު މާލޭގައި ޔަމަން އަތުން 2-0 އިން ބަލިވުމުންނެވެ. އެ މެޗަށް ފަހު ސަޕޯޓަރުން ވަނީ ކޯޗުގެ އިސްތިއުފާ އަށް ގޮވައިފަ އެވެ.

ތޯރިގް ވިދާޅުވީ ހާބަޓް ކޯޗަކަށް ހުރިއިރު ދިމާވި ކަންތައްތައް ހޯދީ އެފްއޭއެމްގެ އެކި ޑިޕާޓްމެންޓްތަކާއި ކޯޗިން ސްޓާފުންގެ އިތުރުން ކުޅުންތެރިންނާ ސުވާލުކުރުމަށް ފަހު އެވެ.

"ރިޕޯޓް އެކުލަވާލީ ހޯދަން ޖެހޭ ހުރިހާ ހޯދުންތަކެއް ހޯދައިގެން. އަޅުގަނޑުމެންނަށް މިކަމުން ފާހަގަކުރެވުނު ކޯޗު (ހާބަޓް) އާއި އެފްއޭއެމްގެ ވެސް މައްސަލަތަކެއް. އޭގެ ތެރޭގައި ޓްރެއިނިންތައް ރަނގަޅަށް ނުގެންދިއުން. އެސިސްޓަންޓް ކޯޗަކަށް މިލާން ގެނައި ފަހުން އެއްވެސް ޕްލޭނެއް ނެތި މަސައްކަތްކުރުން. އަދި ޓީމުގެ ޓްރެއިނިންތައް ކުރިއަށްގެންދާ ގޮތެއް އެސިސްޓަންޓް ކޯޗުންނާ ހިއްސާކޮށްފައިނުވުން. ޓީމުގެ މެނޭޖަރެއްގެ ޒިންމާ ކޯޗު އަދާކުރަން ޖެހިފައިވާ ހާލަތެއް ވެސް މެދުވެރިވެ. ދެ ޒިންމާ ވެސް ކޯޗަށް އަދާނުކުރެވޭ ފަދަ ގިނަ ހާލަތްތަކެއް މެދުވެރިވި. ސީރިއަސް މެޗުތަކުގެ ކުރިން މެޗުގެ ސީރިއަސްކަން ކޯޗުގެ ސަބަބުން ގެއްލުނު. މެޗަށް ފުރިހަމަ އަށް ތައްޔާރުނުވުން. ކުޅުންތެރިންގެ މިސްޓޭކްސްތައް ރަނގަޅު ކުރަން ބުނެ ނުދިނުން. މިހެން ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި،" ޓޮމް ވިދާޅުވި އެވެ.

ހާބަޓްގެ އިރުޝާދުގެ ދަށުން ގިނަ ޒުވާން ކުޅުންތެރިންތަކަކަށް ގައުމީ ޓީމުން ފުރުސަތު ދިންއިރު، ކުޅުނު ސަރަހައްދީ ތިން މުބާރާތުން ވެސް ކެޓީ ސެމީ ފައިނަލުންނެވެ. ސާފް ޗެމްޕިއަންޝިޕްގައި ބަލިވީ އިންޑިއާ އަތުންނެވެ. ބަންގުބަންދު ގޯލްޑް ކަޕާއި ސާފް ގޭމްސްގައި ބަލިވީ ނޭޕާލް އަތުންނެވެ. އަދި ސާފް ގޭމްސްގެ ތިން ވަނަ ހޮވި މެޗުން ބަންގްލަދޭޝް އަތުން ޕެނަލްޓީ ޖަހައިގެން ބަލިވީ އެވެ. ހާބަޓްގެ ކޯޗުކަމުގައި ގައުމީ ޓީމުގެ ކޯޗިން ސްޓާފުންނާ އޭނާއާ މައްސަލަ ޖެހުނެވެ. އޭރުގެ އެސިސްޓަންޓް ކޯޗު އަދި މިހާރު އެފްއޭއެމްގެ އެކްސްކޯ މެންބަރު އައްސަދު އަބްދުލް ގަނީ އާއި ގޯލް ކީޕަރު ޓްރެއިނަރު އަސްލަމު އަބްދުއްރަހީމް ވަނީ ސާފް ސުޒުކީ ކަޕަށް ފަހު ގައުމީ ޓީމުން އިސްތިއުފާ ދީފަ އެވެ

އާ ކޯޗެއް ހޯދުމުގެ މަސައްކަތްދަނީ ކުރިއަށް، ދިވެހި ކޯޗެއް ފެނިދާނެ!

ގައުމީ ޓީމުން ދެން އެންމެ އަވަހަށް ވާދަވެރި މެޗެއް ކުޅޭނީ އަންނަ ސެޕްޓެމްބަރު މަހު ހަ ވަނަ ދުވަހު އެވެ. އެއީ އޭޝިއަން ކަޕް ކޮލިފައިން ބުރުގައި މާލޭގައި ލާއޯސްއާ ދެކޮޅަށް ކުޅޭ ފުރަތަމަ ލެގުގެ މެޗެވެ. ދެ ވަނަ ލެގު އޮންނާނީ އޮކްޓޫބަރު މަހު 11 ވަނަ ދުވަހު އެވެ.

ޓޮމް ވިދާޅުވީ އެ މެޗުގެ ކުރިން ވެސް އާ ކޯޗަކު ހަމަޖެއްސުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"ގައުމީ ޓީމާ ހަވާލުވުމަށް 10 ކޯޗަކު ވަނީ ސީވީ ފޮނުވާފައި. އޭގެ ތެރޭގައި ހިމެނޭ ފެންވަރު ރަނގަޅު މޮޅު ކޯޗުން ވެސް. ޓެކްނިކަލް ކޮމިޓީއެއް އެއް އެކުވަލާނުލެވޭތީ ކޯޗު ހަމަޖެއްސުމުގެ ކަންތައް މަޑުޖެހިފައި އޮތީ. ފަސް މެންބަރުންގެ މި ކޮމިޓީން މި ސީވީތައް ބެލުމަށް ފަހު ލަފާދޭ ގޮތަކަށް އެކްސްކޯ އިން މަޝްވަރާކޮށް ވަރަށް އަވަހަށް ކޯޗަކު ހަމަޖައްސާނަން،" ތޯރިގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯޗަކު ހަމަޖެއްސުމުގައި ވިސްނަންވީ ދެ މެޗަށް ކޯޗަކު ހަމަޖައްސަންތޯ ނޫނީ އެއަށް ވުރެން ދުރަށް ވިސްނުމަށް ފަހު ކޯޗެއް ގެނައުމާ މެދު ކަމަށެވެ.

"މިއޮތީ ލާއޯސް ދެ މެޗު. މި ދެ މެޗަށް ބޭރުގެ ކޯޗެއް ގެނެސްގެން ކުޅުންތެރިން އެއް މަސް ދުވަހުގެ ތެރޭގައި ދަސްކޮށްގެން ރިސްކެއް ނަގަންވީތޯ؟ މި ދެ މެޗުގައި ދިވެހި ކޯޗުން ލައިގެން މޮޅުވާން މަސައްކަތް ކުރުމުގެ ފުރުސަތު ވެސް އެބައޮތް،" ތޯރިގު ވިދާޅުވި އެވެ.

ކޯޗެއް ގެނައުމުގައި ކޮންމެ ގޮތަކަށް އެފްއޭއެމް އިން ނިންމި ނަމަވެސް އިސްކަމެއް ދޭނީ ލާއޯސް އަތުން މޮޅުވާން ކަމަށާއި އެއީ ފަސޭހަ މެޗެއްގެ ގޮތުގައި ނުދެކޭ ކަމަށް ތޯރިގް ވިދާޅުވި އެވެ.