Roadha Mihaaru
ގައުމީ ޓީމަށް އާ ކޯޗެއް ހޯދުން، ސަމާލުވާން ޖެހޭ

ގައުމީ ޓީމަށް އާ ކޯޗެއް ހޯދުން، ސަމާލުވާން ޖެހޭ

23 ޖުލައި 2016

ގައުމީ ފުޓްބޯޅަ ޓީމާ ކޮންމެ ކޯޗަކު ހަވާލުވާނީ ވެސް ސަޕޯޓަރުންނަށް ބޮޑު އުއްމީދެއް ދިނުމަށް ފަހު އެވެ. އެކަމަކު މާގިނަ ދުވަސްތަކެއް ނުވަނީސް، ފެންނަނީ ކޮންމެވެސް ސަބަބަކާ ހުރެ އެ ކޯޗަކު ވަކިކުރާ މަންޒަރެވެ. އަހުލާގީ މައްސަލައެކެވެ. ނުވަތަ ނަތީޖާ ނުނެރެވުމެވެ. އެއާ އެކު ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. މިދިޔަ އަހަރެއްހާ ދުވަސް ތެރޭ ގައުމީ ޓީމާ ދެ ކޯޗުން ހަވާލުވި ނަމަވެސް އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވި، އެ ދެ ކޯޗުން ވެސް ވަކިކޮށް މިހާރު އެ މަގާމް އޮތީ ހުސްކޮށެވެ. އެފްއޭއެމަށް އިންތިހާބީ ބޯޑެއް އައިސްފައިވާ މި ދަނޑިވަޅަކީ، އެކަށީގެންވާ ރަނގަޅު ފެންވަރުގެ ކޯޗެއް ހޯދުމުގެ މަސައްކަތް އާ ފެށުމަކުން ފަށަން ލިބިފައިވާ ފުރުސަތެކެވެ. އެކަމަކު މާޒީގެ ތަޖުރިބާއަށް ބަލާއިރު ކޯޗެއް ހޯދުމަކީ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެކެވެ. ހަމައެކަނި ކޯޗެއް ހޯދުމުގެ ބަދަލުގައި، ކޯޗަށް ޓީމު ތައްޔާރުކުރަން ބޭނުންވާނެ ވަސީލަތްތަކާއި ކަންކަން ފަހިކޮށްދޭން ވެސް މިހާރުން ފެށިގެން ތައްޔާރުވާން ޖެހެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ގައުމީ ފުޓްބޯޅަ ޓީމާ ކޮންމެ ކޯޗަކު ހަވާލުވާނީ ވެސް ސަޕޯޓަރުންނަށް ބޮޑު އުއްމީދެއް ދިނުމަށް ފަހު އެވެ. އެކަމަކު މާގިނަ ދުވަސްތަކެއް ނުވަނީސް، ފެންނަނީ ކޮންމެވެސް ސަބަބަކާ ހުރެ އެ ކޯޗަކު ވަކިކުރާ މަންޒަރެވެ. އަހުލާގީ މައްސަލައެކެވެ. ނުވަތަ ނަތީޖާ ނުނެރެވުމެވެ. އެއާ އެކު ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. މިދިޔަ އަހަރެއްހާ ދުވަސް ތެރޭ ގައުމީ ޓީމާ ދެ ކޯޗުން ހަވާލުވި ނަމަވެސް އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވި، އެ ދެ ކޯޗުން ވެސް ވަކިކޮށް މިހާރު އެ މަގާމް އޮތީ ހުސްކޮށެވެ. އެފްއޭއެމަށް އިންތިހާބީ ބޯޑެއް އައިސްފައިވާ މި ދަނޑިވަޅަކީ، އެކަށީގެންވާ ރަނގަޅު ފެންވަރުގެ ކޯޗެއް ހޯދުމުގެ މަސައްކަތް އާ ފެށުމަކުން ފަށަން ލިބިފައިވާ ފުރުސަތެކެވެ. އެކަމަކު މާޒީގެ ތަޖުރިބާއަށް ބަލާއިރު ކޯޗެއް ހޯދުމަކީ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެކެވެ. ހަމައެކަނި ކޯޗެއް ހޯދުމުގެ ބަދަލުގައި، ކޯޗަށް ޓީމު ތައްޔާރުކުރަން ބޭނުންވާނެ ވަސީލަތްތަކާއި ކަންކަން ފަހިކޮށްދޭން ވެސް މިހާރުން ފެށިގެން ތައްޔާރުވާން ޖެހެ އެވެ.

މެޗު މަދުވުން، ކުޅުންތެރިންނާއި ކޯޗަށް ވެސް އޮތް ގޮންޖެހުމެއް

ގައުމީ ޓީމުގެ ކޯޗުކަމުން ވެލިޒާ ޕޮޕޯފް ވަކިކުރިއިރު އެފްއޭއެމްގެ އެއިރުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު ވިދާޅުވީ ޕޮޕޯފަށް ގިނަ މެޗުތަކެއް ކުޅެން ފުރުސަތު ދިން ކަމަށާއި އެހެން ނަމަވެސް ނަތީޖާ ދަށްވުމުގެ ބިރު އޮތުމުގެ ސަބަބުން އޭނާ އެ މެޗުތަކުގެ ބޭނުން ނުކުރި ކަމަށެވެ.

ފަހުން ހަވާލުވި ރިކީ ހާބަޓްގެ އޮތީ އެހެން ޝަކުވާ އެކެވެ. ބޭނުންވާ ވަރަށް ފަރިތަކުރަން މެޗުތައް ނުލިބުމުގެ ޝަކުވާ އެވެ. އަދި ކޮންމެ ފަހަރަކު މުބާރާތެއް ކުޅެލަން ލިބެނީ މަދު ދުވަސްކޮޅެއްގެ ފަރިތަކުރުން ކަމަށް އޭނާ ބުންޏެވެ.

ހާބަޓްގެ ކޯޗުކަމުގައި ރާއްޖެ ވަނީ ހަތަރު މަސް ދުވަހުގެ ތެރޭގައި ތިން މުބާރާތުގައި ކުޅެފަ އެވެ. ސާފް ސުޒުކީ ކަޕާއި ބަންގުބަންދު ގޯލްޑް ކަޕްގެ އިތުރުން ސައުތު އޭޝިއަން ގޭމްސް އިން ވެސް ކެޓީ ސެމީ ފައިނަލުންނެވެ. ތިން މުބާރާތަށް ފަހު ވެސް އޭނާ ކުރި ޝަކުވާ އަކީ ޕްރެކްޓިސް ކުރުމަށާއި ތައްޔާރުވުމަށް ލިބޭ ވަގުތު ކުޑަކަމާއި މެޗު މަދުވުމުގެ ޝަކުވާ އެވެ.

އޭޝިއަން ކަޕް ޕްލޭ އޮފްގައި ޔަމަނާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ހާބަޓް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭޝިއަން ކަޕް ޕްލޭ އޮފްގައި ޔަމަނާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ހާބަޓް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެފްއޭއެމުން އާ ކޯޗެއް ކަނޑައަޅާއިރު އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭ އެއް ކަމަކީ ގައުމީ ޓީމަށް ކުޅެން ލިބޭ ބައިނަލްއަގްވާމީ މެޗުތައް އިތުރު ކުރުމެވެ. އެއީ ތައްޔާރުވާން މެޗެއް ނުކުޅެ، ވާދަވެރި މެޗުތަކުންނާއި މުބާރާތްތަކުން ނަތީޖާ ނެރުމަކީ ފަސޭހަކަމަކަށް ނުވާތީ އެވެ.

"މެޗުތަކެއް ނުލިބި ސީދާ މުބާރާތަކަށް މިދަނީ. ނޫނީ ކޮލިފައިން މެޗަކަށް. އިދިކޮޅަށް ނުކުންނަ ޓީމު މި އަންނަނީ ހަތަރެއް ނޫނީ ފަސް ވަރަކަށް ހަފްތާ ވަންދެން ކޭމްޕެއް ޖަހާލާފައި އަދި ގިނަ މެޗުތަކެއް ކުޅެގެން. ކިހިނެއް ސީދާ މެޗަށް އަރައިގެން ނަތީޖާ ނެރެނީ. އަސްލު ގިނަ މެޗުތަކެއް އެބަ ބޭނުންވޭ. ޓީމު މި އަންނަނީ ޒުވާން ވަމުން. މި ޓީމަށް އެކުގައި މެޗުތަކެއް ބޭނުންވޭ،" ގައުމީ ޓީމުގެ ކުޅުންތެރިއަކު ޝުއޫރު ފާޅުކުރި އެވެ.

ސަރަހައްދީ އެހެން ގައުމުތަކަށް ބަލާއިރު އިންޑިއާ އާއިި ނޭޕާލް މިހާރު އަންނަނީ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް ހޯދަމުންނެވެ. ފީފާގެ ކަލަންޑަރުގައި ބައިނަލްއަގްވާމީ މެޗުތައް ކުޅެން ލިބޭ ހުރިހާ ފުރުސަތުތަކެއްގެ ބޭނުން މި ދެ ޓީމުން ހިފަ އެވެ.

ކޯޗާ އެކު މަސައްކަތް ކުރެވޭ ގޮތަށް ރަނގަޅު ކޯޗިން ސްޓާފުން ކަނޑައެޅުން

ހާބަޓްގެ ކޯޗުކަމުން ވަކިކުރިއިރު އޭނާގެ ކޯޗުކަމުގައި ހިނގާދިޔަ ކަންތައްތައް ބެލުމަށާއި ގޯސްކޮށް ދިޔަ ކަންތައްތައް ހޯދުމަށް އެފްއޭއެމުން ވަނީ ރިޕޯޓެއް އެކުލަވާލައިފަ އެވެ. މި ރިޕޯޓް އެކުލަވާލީ އެފްއޭއެމްގެ ޑިޕާޓްމެންޓުތަކާއި ކުޅުންތެރިން އަދި ކޯޗުންނާއި މަޝްވަރާ ކުރުމަށް ފަހު ކަމަށް އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ވަނީ ވިދާޅުވެފަ އެވެ. ހާބަޓްގެ ކޯޗުކަމުގައި އޭނާގެ ކޯޗިން ސްޓާފުންނާ މައްސަލަތަކެއް ޖެހުނެވެ. އެފްއޭއެމް އެކްސްކޯގެ މިހާރުގެ މެންބަރު އަދި އޭރުގެ އެސިސްޓަންޓް ކޯޗު އައްސަދު އަބްދުލް ގަނީ އާއި ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބްދުލް ރަހީމް ވަނީ ސާފް ސުޒުކީ ކަޕަށް ފަހު ގައުމީ ޓީމުން އިސްތިއުފާ ދީފަ އެވެ. ސަބަބެއްގެ ގޮތުގައި އައްސަދާއި އަސްލަމް ވެސް ފާހަގަކުރީ ގައުމީ ޓީމާ ބެހޭ ކަންކަން ނިންމުމުގައި ހާބަޓް އެއްވެސް ވަރަކަށް މަޝްވަރާ ނުކުރާ ކަމެވެ.

ހާބަޓްގެ ކޯޗުކަމުގައި ދެން ފެނިގެންދިޔަ އަނެއް ކަމަކީ ޓީމުގެ މެނޭޖަރުގެ ޒިންމާއާ ވެސް އޭނާ ހަވާލުވެ، ފިޒިކަލް ޓްރެއިނަރެއް ގެނައުމެވެ. މިއީ ދިވެހި ފުޓްބޯޅައިގައި ފަހަކަށް އައިސް އަލަށް ފެނުނު ކަމެކެވެ. އެއީ މެނޭޖަރާއި ކޯޗުގެ ޒިންމާއާ އެކަކު ހަވާލުވުމެވެ. މިކަމުގެ ސަބަބުން ގިނަ މައްސަލަތަކެއް ދިމާވި އެވެ. މެނޭޖަރުގެ ޒިންމާއާ ހަވާލުވި ފަހުން ހާބަޓްގެ ފަރާތުން ޓީމަށް ދޭން ޖެހޭ ސަމާލުކަން ގެއްލުނުކަމަށާއި ކުޅުންތެރިންނާ މެދު އޮތް ގުޅުން ކުޑަވިކަމަށް އެފްއޭއެމްގެ ރިޕޯޓްގައިވެ އެވެ.

އާ ކޯޗަކާ ގައުމީ ޓީމު ހަވާލުކުރުމަށް އެފްއޭއެމުން ތައްޔާރުވަމުން އަންނައިރު އެފްއޭއެމުން އެންމެ ވިސްނަންޖެހޭ އެއް ކަމަކީ މި ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމެވެ. ތޯރިގް ވިދާޅުވީ އާ ކޯޗެއް ގެންނައިރު ކޯޗިން ސްޓާފުންގެ ކަންތައްތަކާ ގުޅޭގޮތުން އޭނާއާ މަޝްވަރާ ކުރާނެ ކަމަށެވެ.

ގަލޮޅު ދަނޑުގައި ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން ހާބަޓް ކުޅުންތެރިންނަށް އިރުޝާދު ދެނީ.-- ފޮޓޯ: އެފްއޭއެމް

ގަލޮޅު ދަނޑުގައި ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން ހާބަޓް ކުޅުންތެރިންނަށް އިރުޝާދު ދެނީ.-- ފޮޓޯ: އެފްއޭއެމް

އާ ކޯޗަކާ ޓީމު ހަވާލުކުރާއިރު އޭނާ ބޭނުންނަމަ އަދި އެފްއޭއެމްގެ ބަޖެޓް ތަންދޭނަމަ އެ ކޯޗެއް ބޭނުންވާ ކޯޗިން ސްޓާފުން ގެންނަން ވެސް ފުރުސަތުދޭން އެފްއޭއެމްގެ ވިސްނުން އެބަހުއްޓެވެ. ނޫންނަމަ އޮތީ ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާހުރި ދެ ކޯޗަކާ އެކު މަސައްކަތް ކުރާގޮތަށް ހަމަޖެއްސުމެވެ.

"ހާބަޓްގެ ސަބަބުން ގައުމީ ޓީމު ވަރަށް ބޮޑަށް ބައިބައި ވެގެން ދިޔަ މަންޒަރު ފެނުނު. އޭގެ ނަތީޖާއެއް ސަޕޯޓަރުން ޔަމަން މެޗަށް ފަހު ކޯޗުގެ އިސްތިއުފާ އަށް ގޮވުމަކީ. ރާއްޖެ ޓީމު ގަލޮޅު ދަނޑުގައި އެންމެ ފަހުން ކުޅުނު މެޗުތަކުގައި ޓީމުގެ ރޫހު ވެސް އޮތީ ދަށްކޮށް. މިއީ ވަރަށް ގޯސްކަމެއް. އާ ކޯޗެއް ގެންނައިރު އެބަޖެހޭ ރަނގަޅު ކޯޗިން ސްޓާފުންތަކަކާ އެކު މަސައްކަތްކުރެވޭ ކޯޗެއް ގެންނަން،" ފުރަތަމަ ޑިވިޝަންގެ ކްލަބެއްގެ ކޯޗެއް ބުންޏެވެ.

ބަޖެޓް ލިބޭ ނަމަ އެންމެ ރަނގަޅު ގޮތަކީ އެ ކޯޗަކު ބޭނުންވާ ކޯޗިން ސްޓާފުން ގެނައުމެވެ. ނަތީޖާ ނެރުމަށް އެއީ މުހިއްމު ކަމެކެވެ. އެކަމަކު ރާއްޖޭގެ ހާލަތަށް ބަލާއިރު، އެއީ ފަސޭހަ ކަމެއް ނޫނެވެ. އެހެންކަމުން، ގެންނަ ކޯޗަކީ، އެފްއޭއެމުން އައްޔަންކުރާ ކޯޗިން ސްޓާފުންނާ އެކު ވެސް މަސައްކަތްކުރެވޭނެ ފަދަ މީހަކަށް ވާން ޖެހެ އެވެ.

ހާބަޓްގެ ކޯޗުކަމުގައި ދެން ފެނިގެންދިޔަ އަނެއް ކަމަކީ ބައެއް ކުޅުންތެރިންނާ މައްސަލަ ޖެހުމެވެ. ސައުތު އޭޝިއަން ގޭމްސްގެ ސެމީ ފައިނަލުން ރާއްޖޭގެ ޒުވާން ޓީމު ބަލިވުމުން ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ވަނީ ހާބަޓަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އޭގެ ފަހުން ކުޅުނު އެއްވެސް މެޗަކަށް ނެގި ސްކޮޑުން ބަކާ އަށް ޖާގައެއް ނުދެ އެވެ. ކުޅުންތެރިންނާއި ކޯޗުން ޖެހުމަކީ ނަތީޖާ އަށް އަސަރުކުރާނެ ކަމެކެވެ. އެހެންކަމުން އެގޮތަށް ޖެހޭ މައްސަލަތައް، ޓީމުގެ ތެރެއިން ހައްލުކުރުމަކީ އެފްއޭއެމްގެ ޒިންމާ އެކެވެ.

އެފްއޭއެމްގެ ވިސްނުން ހުރީ ކިހިނެއް؟

ގައުމީ ޓީމުން ދެން އެންމެ އަވަހަށް ވާދަވެރި މެޗެއް ކުޅޭނީ އަންނަ ސެޕްޓެމްބަރު މަހު ހަ ވަނަ ދުވަހު އެވެ. އެއީ އޭޝިއަން ކަޕް ކޮލިފައިން ބުރުގައި މާލޭގައި ލާއޯސްއާ ދެކޮޅަށް ކުޅޭ ފުރަތަމަ ލެގުގެ މެޗެވެ. ދެ ވަނަ ލެގު އޮންނާނީ އޮކްޓޫބަރު މަހު 11 ވަނަ ދުވަހު އެވެ.

އެ މެޗަކީ 2019 ވަނަ އަހަރުގެ ޔޫއޭއީގައި އޮންނަ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެ ކުރަމުން އަންނަ މަސައްކަތަށް އެންމެ މުހިއްމު މެޗެވެ. އެއީ މި މެޗުން މޮޅުނުވެއްޖެނަމަ ކޮލިފައިންގައި ކުރިއަށްދާން ރާއްޖެ އަށް ލިބިފައިވާ ފުރުސަތު ގެއްލުނީ އެވެ.

މި މަހު 14 ވަނަ ދުވަހު އެފްއޭއެމްގެ ރައީސް ތޯރިގް ވިދާޅުވީ ފެންވަރު ރަނގަޅު 10 ކޯޗުންގެ ސީވީ ލިބިފައިވާ ކަމަށެވެ. ޓެކްނިކަލް ކޮމިޓީން އެ 10 ކޯޗުންގެ ސީވީ ބެލުމަށް ފަހު ހުށަހަޅާ ކޯޗުންގެ ނަންތަކާ ގުޅޭގޮތުން އެކްސްކޯގައި މަޝްވަރާކޮށް އަވަހަށް ކޯޗެއް ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.

އަދި ލާއޯސް މެޗުގެ ކުރިން ބިދޭސީ ކޯޗެއް ގެނައުމުގެ ފުރުސަތު އެބައޮތް ކަމަށާއި ނޫނީ އެ ދެ މެޗުގައި ދިވެހި ދެ ކޯޗަކާ ޓީމު ހަވާލުކުރުމުގެ ވިސްނުން ވެސް އެބަހުރި ކަަމަށެވެ.

ގައުމީ ޓީމަށް އާ ކޯޗެއް ހަމަޖައްސަން ބަލާއިރު ވިސްނަންޖެހޭ ބައިވަރު ކަންތައްތަކެއް އެބަހުރިކަން ތޯރިގް އެ ދުވަހު ވެސް ފާހަގަކުރެއްވި އެވެ. އެއީ ބޭނުންވަނީ ލާއޯސްއާ ކުޅޭ ދެ މެޗަށް 45 ވަރަކަށް ދުވަހަށް ވެފައި އޮއްވާ އާ ކޯޗެއް ގެނައުމަށް ވުރެ ބޮޑަށް ދުރު މުސްތަގުބަލަށް ބަލައި ކޯޗެއް ހޯދުން ކަމަށެވެ.

އެފްއޭއެމްގެ ރައީސް ތޯރިގް ގައުމީ ޓީމުގެ ކުރީގެ ކޯޗު ހާބަޓްއާ ސަލާމްކުރަނީ.-- ފޮޓޯ: އެފްއޭއެމް

އެފްއޭއެމްގެ ރައީސް ތޯރިގް ގައުމީ ޓީމުގެ ކުރީގެ ކޯޗު ހާބަޓްއާ ސަލާމްކުރަނީ.-- ފޮޓޯ: އެފްއޭއެމް

ލާއޯސް މެޗަކީ ފަސޭހަ ކޮށްލެވެން ނެތް މެޗެކެވެ. އެއީ ގައުމީ ޓީމު އެންމެ ފަހުން ކުޅުނު މެޗުތަކަށް ބަލާއިރު، މި މެޗަކީ ރިސްކެއް ނަގައިދިން ކުޅެވޭ ވަރަށް ވުރެން މާ މުހިއްމުކަން ބޮޑު މެޗެކެވެ. އެންމެ ފަހުން ގަލޮޅު ދަނޑުގައި ކުޅުނު ބޫޓާން މެޗުން ވެސް ރާއްޖެ މޮޅުވީ އެންމެ ފަހު ވަގުތު އެވެ. ކުރިން މި ސަރަހައްދުގެ ޓީމުތަކުގެ ތެރެއިން ރާއްޖެ އެންމެ ފަސޭހައިން މޮޅުވަނީ ބޫޓާން އަތުންނެވެ. އެންމެ ފަހުން ބޫޓާނާއި ޔަމަނާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުގައި ރާއްޖޭން ދެއްކި ކުޅުމަށް ބަލާއިރު ރާއްޖޭގެ ޓީމު ވަރަށް ބޮޑަށް ރަނގަޅު ކުރަންޖެހެ އެވެ.

ލާއޯސް އަތުން ބަލިވެއްޖެނަމަ އޭޝިއަން ކަޕްގައި ކުޅުމުގެ ފުރުސަތު ރާއްޖެ އަށް ގެއްލުނީ އެވެ. ލާއޯސް ބަލިކޮށް ނޫނީ ކުރިއަށް އޮތް އަހަރެއްހާ ދުވަހު ވާދަވެރި މާގިނަ މެޗުތަކެއް ރާއްޖެ އަށް ނުލިބޭނެ އެވެ. އެއީ ރަޝިއާގައި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕް ކޮލިފައިން އިން ރާއްޖެ އަށް ފުރުސަތު ގެއްލިފައިވާއިރު، ދެން އޮތީ އޭޝިއަން ކަޕް ކޮލިފައިން އެކަނި ކަމަށް ވުމުންނެވެ. ލާއޯސް އަތުން މޮޅުވެއްޖެނަމަ ރާއްޖެ ދެން ކުޅޭނީ ކޮލިފައިން ގްރޫޕް ސްޓޭޖުގަ އެވެ.

އެއް ބަޔަކު ބުނާ ގޮތުގައި އެންމެ އެކަށީގެންވާ ގޮތަކީ، މި ދެ މެޗަށް ދިވެހި ފުޓްބޯޅަ އެނގޭ ރަނގަޅު ފެންވަރުގެ ދިވެހި ކޯޗަކާ ޓީމު ހަވާކުކޮށްގެން ނަތީޖާ ނެރުމެވެ. އޭގެ ފަހުން ވަގުތު ނަގައިގެން ރަނގަޅު ފެންވަރުގެ ބިދޭސީ ކޯޗެއް ހޯދުމެވެ. ސަބަބަކީ އެކަށީގެންވާ ވަގުތު ނެތުމާއި، އަވަސް އަރުވާލައިގެން ބިދޭސީ ކޯޗެއް ހޯދުން ފަސޭހަނުވާނެތީ އެވެ.މިއީ މާޒީގެ ތަޖުރިބާ އިން ފިލާވަޅު ހޯދައިގެން، އެފްއޭއެމުން ރަނގަޅު ނިންމުމެއް ނިންމަން ޖެހިފައިވާ ވަގުތެވެ. ދިވެހި ފުޓްބޯޅަ އާއި ދިވެހިންނާ އެންމެ ބޮޑަށް ގުޅުވައިދެނީ ގައުމީ ޓީމެވެ. ގައުމީ ޓީމުން ރަނގަޅު ނަތީޖާއެއް ހޯދައިފި ނަމަ އެއީ ދިވެހި ފުޓްބޯޅައިގެ ފޯރި އާލާކުރެވޭނެ ކަމެކެވެ. އެހެންވެ ގައުމީ ޓީމާ ގުޅޭ މިފަދަ ކޮންމެ ނިންމުމެއް އެފްއޭއެމުން އެކަށީގެންވާ ގޮތަކަށް ނިންމަން ޖެހެ އެވެ.