Roadha Mihaaru
ހުކުރުދުވަހުގެ ހަރަކާތާ ދެކޮޅަށް އިންޒާރު ދީފި

ހުކުރުދުވަހުގެ އެއްވުމާ ދެކޮޅަށް ސަލާމަތީ ބާރުތަކުން އިންޒާރުދީފި

12 ފެބުރުއަރީ 2018

އަންނަ ހުކުރުދުވަހު މާލެއަށް އެކި ރަށްރަށުން މީހުން އެއްވެ" ގައުމުގެ އަމާންކަމާއި ސުލްހަމަސަލަސްކަން ނަގާލަން" އުޅޭ ކަމަށް ބުނެ، އެފަދަ ހަރަތާކްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު، ފުލުހުންނާއި ސިފައިން ދާދި ދެންމެއަކު ދީފި އެވެ.

އަންނަ ހުކުރުދުވަހު މާލެއަށް އެކި ރަށްރަށުން މީހުން އެއްވެ" ގައުމުގެ އަމާންކަމާއި ސުލްހަމަސަލަސްކަން ނަގާލަން" އުޅޭ ކަމަށް ބުނެ، އެފަދަ ހަރަތާކްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު، ފުލުހުންނާއި ސިފައިން ދާދި ދެންމެއަކު ދީފި އެވެ.

ފުލުހުންނާއި ސިފައިންގެ މީޑިއާ ދެ އޮފިޝަލަކު އިއްވެވި ތަފާތު ދެ ބަޔާނުގައި ބުނެފައި ވަނީ މިހާރު ރާއްޖޭގައި ގާއިމްވެފައިވާ ހަމަޖެހުން ނަގާލާ، ހަމަނުޖެހުން އުފައްދަން ބަޔަކު މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން އިއްވެވި ބަޔާނުގައި ބުނެފައިވާ ގޮތުގައި މާލެ އާއި ރަށްރަށުގައި ސަލާމަތީ ބާރުތަކާ ދެކޮޅަށް ނުކުމެ، ހަމަނުޖެހުން ހިންގާނެކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފަ އެވެ. އެހެންކަމުން އެފަދަ އެއްވެސް ފުރުސަތެއް ފުލުހުން ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގާނޫނާ ހިލާފަށް އެއްވެ، ހަމަނުޖެހުން އުފައްދަން އެއްވެސް ފުރުސަތެއް ދިވެހި ފުލުހުން ނުދޭނަން،" ޝިފާން ވިދާޅުވި އެވެ.

ފުލުހުން ބުނި ގޮތުގައި ރޭ އައްޑޫ ސިޓީގައި ހިނގި އަލިފާނުގެ ދެ ހަދިސާގެ ފަހަތުގައި ވެސް ވަނީ ހަމަނުޖެހުން އުފެއްދުމުގެ މަގުސަދެވެ. އެހެންކަމުން އެ މައްސަލަ ބަލައި، އޭގައި ބައިވެރިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނީ ގާނޫނީ ސަރުކާރާއި ރައްޔިތުންގެ ހިމާޔަތުގައި ތަފާތުކުރުމެއް ނެތި އަބަދުވެސް ފުލުހުން ދެމިތިބޭނެ ކަމަށެވެ. އަދި އިސްލާމްދީނާއި ދިވެހި ގައުމުގެ ހިމާޔަތުގައި ކުރަންޖެހުނު ކޮންމެ ކަމެއް، ފަސްޖެހުމެއްނެތި ކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ފުލުހުންނަކީ ގައުމުގެ ދިފާއުގަ އާއި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދީ، ގާނޫނުގެ ބާރުވެރިކަން ދެމެހެއްޓުމުގެ ގާނޫނީ ބާރުދެވިފައިވާ ފަރާތްކަމުގައި ވީހިނދު ގައުމުގެ އަމާންކަމާއި މަސްލަހަތު ހިމާޔަތްކުރުމަށް ފުލުހުންނަށް ލިބިފައިވާ ގާނޫނީ ބާރު އޭގެ އެންމެ މަތީ ދަރަޖައިގައި ބޭނުންކުރާނެކަން މިފުރުސަތުގައި ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

ފުލުހުން ބުނިގޮތުގައި ގައުމުގައި ސުލްހަވެރިކަމާއި އަމާންކަން ގާއިމްވެފައި މިއޮތީ ގިނަ ބައެއްގެ މަސައްކަތުންނެވެ. އެކަމުގެ ފައިދާ ހުރިހާ ރައްޔިތުންނަށް ލިބެމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ސިޔާސީ ބައެއް ފަރާތްތަކުން ހުކުރުދުވަހު ބާއްވާ އެއްވުމަކީ އަމާންކަން ނަގާލަން ބާއްވަން އުޅޭ އެއްވުމެއް ކަމަށެވެ.

"ރާއްޖޭގައި ގާއިމްވެފައިވާ އަމާންކަން ނަގާލުމުގެ އެއްވެސް ފުރުސަތެއް އެއްވެސް ފަރާތަކަށް ދިވެހި ސިފައިން ނުދޭނެކަމުގެ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަން" ކަމަށް ސިފައިންގެ ތަރުޖަމާން އާދަމް އާޒިމް އިއްވެވި ބަޔާނުގައިވެ އެވެ.

ފުލުހުން ބުނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތަސް އެއްވެއުޅުމުގެ މިނިވަންކަން ދީފައިވާ ކަމަށެވެ. ނަމަވެސް ގާނޫނާ ހިލާފަށް އެއްވެ އުޅެ ހިންގާ ހަރަކާތްތައް ހުއްޓުވާނެ ކަމަށާއި މާލެ އަށް މީހުން އެއްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް ވެސް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެ އެވެ.

އެއްވެ އުޅުމުގެ މިނިވަންކަން އޮތް ކަމަށް ފުލުހުން ބުނި ނަމަވެސް އިދިކޮޅު ފަރާތްތަކުން ބާއްވާ ގިނަ އެއްވުންތައް ރޫޅާލައި، މީހުން ފޮނުވާލާ ކަމަށް، އެ ފަރާތްތަކުން ބުނެ އެވެ. އެކަމަކު ވެރިކަން ކުރާ ޕީޕީއެމްގެ ހުރިހާ ޖަލްސާތަކެއް، މާލޭގެ ކޮންމެ ތަނެއްގައި ވެސް، އެއްވެސް ހުރަހެއް ނެތި ބޭއްވުމުގެ ފުރުސަތު ފުލުހުން ދޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ޝަކުވާ ވެސް ކުރެ އެވެ.