Roadha Mihaaru
ހިންމަފުށި ބިން ހިއްކުމުގެ މަސައްކަތް ނިމުމަކާ ގާތަށް

ހިންމަފުށީ ބިން ހިއްކުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިއްޖެ

15 ޖުލައި 2016

ކ. ހިންމަފުށީ ދެކުނު ފަރާތު ފަޅު ތެރެއިން 21.6 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކ. ހިންމަފުށީ ދެކުނު ފަރާތު ފަޅު ތެރެއިން 21.6 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ނެދަލެންޑްސްގެ ވެންއޫޑް ޑްރެޖިން އެންޑް މެރިން ކޮންޓްރެކްޓާ ކުންފުނިން ބިން ހިއްކުމުގެ މަސައްކަތް ފެށީ މި މަހު ހަތަރެއްގަ އެވެ. ބިން ހިއްކުމާއި ރިވެޓްމަންޓް ޖެހުމުގެ މި މަޝްރޫއަށް އެ ކުންފުނިން 130 މިލިއަނެއްހާ ރުފިޔާ ހަރަދު ކުރެ އެވެ.

ހިންމަފުށީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސިރާޖު މިއަދު ވިދާޅުވީ ހިންމަފުށީ ބިން ހިއްކުމުގެ 95 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މާދަމާ އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ.

"ރަށުގެ މީހުން ވެސް ތިބީ ވަރަށް އުފަލުން. ބިން ހިއްކުމުގެ ކަންކަން ނިމިގެންދާތީ،" ދެ ހަފުތާ ތެރޭ ހިއްކާލި ބޮޑު ސަރަހައްދާ ބެހޭ ގޮތުން ސިރާޖު ވިދާޅުވި އެވެ.

ހިންމަފުށި ހިއްކި ސަރަހައްދު، ހިއްކަނީ 21 ހެކްޓަރުގެ ބޮޑު ސަރަހައްދެއް. - ފޮޓޯ: ހައުސިން މިނިސްޓްރީ

ހިންމަފުށި ހިއްކި ސަރަހައްދު، ހިއްކަނީ 21 ހެކްޓަރުގެ ބޮޑު ސަރަހައްދެއް. - ފޮޓޯ: ހައުސިން މިނިސްޓްރީ

ބިން ހިއްކާ ނިމުމުން، ނެދަލެންޑްސް ކުންފުނިން ބޮޑު ހިލަ ޖެހުމުގެ މަސައްކަތް ފަށައި އަހަރެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށް ކައުންސިލުން ލަފާ ކުރެ އެވެ. އެ ރަށުގެ ބިން ހިއްކަނީ އއ. އަތޮޅުން ވެލި ނަގައިގެންނެވެ. އަދި ސަރުކާރުގެ ވިސްނުން ހުރީ ހިއްކި ސަރަހައްދުގައި ގެދޮރުވެރި ކުރުމަށެވެ.

އއ. އަތޮޅު ކައުންސިލުން ބުނީ ވެލި ނެގުމުގެ ސަބަބުން ފަރަށާއި، ޑައިވް ކުރަން ހާއްސަ ތަންތަނަށާއި މަސްވެރިކަމަށް ގެއްލުން ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ހިންމަފުށީ ބިން ހިއްކަމުން ދަނިކޮށް އެ ރަށުގައި ހުންނަ "ލައިފް" ފެން އުފައްދާ ޕްލާންޓުތަކަށް ލޮނު ނަގާ ހޮޅި ފެޅި، ފެން އުފެއްދުން ގާތްގަނޑަކަށް ހުއްޓުނެވެ. ނަމަވެސް ލައިފް ފެން އުފައްދާ ކުންފުންޏާއި ބިން ހިއްކާ ކުންފުންޏާއި ކައުންސިލާ ގުޅިގެން ވަގުތީ ހޮޅިއެއް އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެން ހޮޅި ފެޅުނު ދިމާލަށް ފަސް އަޅައި އިއްޔެ އެ ނިންމާލީ، ދާއިމީ ހޮޅި އެޅުމަށް މަސައްކަތް އެބަ ކުރޭ." ސިރާޖު ވިދާޅުވި އެވެ.

ފެން ހޮޅި ހަލާކުވުމާ ގުޅިގެން ހިންމަފުށީ މީހުން ބޯފެނަށް ޖެހުނެވެ. އެ ރަށުގައި އާންމުކޮށް ބޭނުން ކުރަމުން އަންނަ ލައިފް ފެން ނުލިބިގެން ފަސް ވަރަކަށް ދުވަސް ވަންދެން އުޅެން ޖެހުނެވެ. ނަމަވެސް ވަގުތީ ހޮޅިއެއް އަޅައިގެން އެ ރަށު މީހުންނަށް ކުރިއެކޭ އެއްގޮތަށް ހިލޭ ފެން ފޯރުކޮށްދެމުން ދެ އެވެ.

ހިންމަފުށި ހިއްކުމުގެ މަސައްކަތް ކުރަނީ، މި ތަން ހިއްކާ ނިމުމުން ހިންމަފުށީގައި މިހާރު މީހުން ދިރިއުޅޭ ސަރަހައްދަށް ވުރެ ބޮޑު ވާނެ ކަމަށް ކައުންސިލުން ބުނޭ. - ފޮޓޯ: ހައުސިން މިނިސްޓްރީ

ހިންމަފުށި ހިއްކުމުގެ މަސައްކަތް ކުރަނީ، މި ތަން ހިއްކާ ނިމުމުން ހިންމަފުށީގައި މިހާރު މީހުން ދިރިއުޅޭ ސަރަހައްދަށް ވުރެ ބޮޑު ވާނެ ކަމަށް ކައުންސިލުން ބުނޭ. - ފޮޓޯ: ހައުސިން މިނިސްޓްރީ

ފަޅައިގެން ދިޔަ 298 މީޓަރު ދިގު ހޮޅިއަކީ ހިންމަފުށިން ފެށިގެން ގިލި ލަންކަންފުށި ރިސޯޓާ ދިމާލަށް ގެންގޮސް 30 މީޓަރު އަޑިން ފެން ނަގަން އަޅާފައިވާ ހޮޅިއެކެވެ. އަދި އެ ހޮޅި ފެޅިފައި ވަނީ ގާތްގަނޑަކަށް 100 ވަރަކަށް މީޓަރާ ހިސާބުން ކަމަށްވެ އެވެ.

ހިންމަފުށި ބިން ހިއްކުމުގެ މަސައްކަތް ނެދަލެންޑްސްގެ ކުންފުނިން ފެށީ ސ. ފޭދޫ އާއި ގދ. ތިނަދޫ އަދި މާލޭގައި ހަދަމުން އަންނަ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކާ ނިންމުމަށް ފަހު އެވެ.