Roadha Mihaaru

ކުއްލި ނުރައްކަލުގެ ގަރާރު ފާސްކުރި ކޮމެޓީ ސައްހައެއް ނޫން: އިބޫ

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ނެރުނު ގަރާރު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީން ފާސް ކުރަން ނިންމި ނިންމުން، ސައްހަ ނުވާނެ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ގަރާރު ފާސްކުރި ކޮމެޓީ ސައްހައެއް ނޫން: އިބޫ
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

20 ފެބުރުއަރީ 2018

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ނެރުނު ގަރާރު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީން ފާސް ކުރަން ނިންމި ނިންމުން، ސައްހަ ނުވާނެ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން މި މަހުގެ ފަސް ވަނަ ދުވަހުގެ ރެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް ދަމަހައްޓަން ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ. ކޮމެޓީން އެ ގޮތަށް ފާސް ކުރީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ ހަ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

އިބޫ "މިހާރު" އަށް ވިދާޅުވި ގޮތުގައި މި ވަގުތު، ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަށް މަޖިލީހުގެ މެޖޯރިޓީއެއް ނެތެވެ. އެހެންވެ، ކޮމެޓީތަކަށް މެމްބަރުން އައްޔަން ކުރަން ޖެހޭނީ ޕާޓީގެ މެމްބަރުން ނިސްބަތްވާ ގޮތަށް ބަލައިގެން ކަމަށާއި ކޮމެޓީތައް މިހާރު ހިނގަނީ ގަވައިދުތަކާ އެއްގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި ކޮމެޓީތަކުގައި އިދިކޮޅު އެމްޑީޕީއަށާއި ޖުމްހޫރީ ޕާޓީ އަށް ލިބެން ޖެހޭ ސްލޮޓުތަކެއް ނުލިބެ އެވެ. ކޮމެޓީތަކަށް މެމްބަރުން އައްޔަންކޮށް، ވަކި ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ކަމަށް ވެސް އިބޫ ތުހުމަތު ކުރެއްވި އެވެ.

"މަސީހު އަމިއްލަ އަށް އެކަމެއް އެ ކުރައްވަނީ. ޕާޓީތަކަށް ހައްގުވާ މިންވަރު ލިބެން ޖެހޭ. ކޮމެޓީތަކުގެ ނިންމުންތަކާ މެދު ސައްހަކަން އުފެދޭ ގޮތަށް މި ކަންކަން ހިނގަނީ،" އިބޫ ވިދާޅުވި އެވެ.

މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 85 މެމްބަރުންގެ ތެރެއިން ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގައި މި ވަގުތު ތިއްބެވީ ރިޔާސަތުގައި އިންނަވާ މަސީހު ވެސް ހިމަނައިގެން 41 މެމްބަރުންނެވެ. ބާކީ މެމްބަރުންނަކީ އިދިކޮޅު ފިކުރުގެ ބޭފުޅުން ކަމަށްވީ ނަމަވެސް، އޭގެ ތެރެއިން ތިން މެމްބަރަކު މި ވަގުތު ވަނީ ހައްޔަރުކޮށްފަ އެވެ.

އެއީ، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނެވެ. މީގެ އިތުރުން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މިވަގުތު ހުންނެވީ ތިން އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އަދި މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުން މަޖިލީހަށް ވަނުމަށް ހުރަސްއަޅާ އަމުރެއް ސުޕްރީމް ކޯޓުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވަނީ ނެރެފަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ކުއްލި ނުރައްކަލުގެ ހާލަތަށް އިތުރު 30 ދުވަސް ބޭނުން ވަނީ ގާނޫނުއަސާސީ ހިމާޔަތްކޮށް، ގާނޫނު ނަގަހައްޓައި ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ދެމެހެއްޓުމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރަން މަޖިލީހަށް ހުށަހަޅާފައިވީ ނަމަވެސް އެ ގަރާރު ފާސްކުރަން ބޭނުންވާ އަދަދަށް ވެރިކަންކުރާ ޕީޕީއެމަށް މެމްބަރުން ހަމައެއް ނުވެ އެވެ.

ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުންް ފާސްކުރަން ވޯޓަށް އަހަން ވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާ އަށް ހާޒިރުވެ ތިބޭ ވަގުތެއްގަ އެވެ. އެއީ މަޖިލީހުގެ މިހާރުގެ ޖުމްލަ މެމްބަރުންގެ އަދަދުން ބަލާއިރު 43 މެމްބަރުންނެވެ.