Roadha Mihaaru
ޖަލްސާގައި ބައިވެރިވުމާމެދު މެމްބަރުން މަޝްވަރާ ކުރަނީ

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި ބައިވެރިވާނެތޯ ނިންމާނީ މަޝްވަރާ ކޮށްފަ

21 ފެބުރުއަރީ 2018

ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވެވުމަށް މިރޭ ދަރުބާރުގޭގައި ބާއްވާ، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ބައިވެރިވުމާ މެދު ވަކި ގޮތެއް ނިންމާނީ މިއަދު ހަވީރު ބާއްވާ މަޝްވަރާ އަށް ފަހު ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވެވުމަށް މިރޭ ދަރުބާރުގޭގައި ބާއްވާ، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ބައިވެރިވުމާ މެދު ވަކި ގޮތެއް ނިންމާނީ މިއަދު ހަވީރު ބާއްވާ މަޝްވަރާ އަށް ފަހު ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެއްޖެ އެވެ.

އިދިކޮޅު މެމްބަރަކު "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި ޖަލްސާގައި ބައިވެރިވުމާ މެދު ގޮތެއް ނިންމުމަށް މިއަދު ހަވީރު 4:30 ގައި ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕްގެ ބައްދަލުވުމެއް ބާއްވާނެ އެވެ. އެ ބައްދަލުވުމުގައި މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން އިދިކޮޅު މެމްބަރުން ވަނީ ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވެވުމަށް ބޭއްވި ބައެއް ޖަލްސާތައް ބޮއިކޮޓް ކުރައްވައިފަ އެވެ. އަދި ބައެއް ޖަލްސާތަކުގައި މެމްބަރުން އިހުތިޖާޖް ވެސް ކުރެއްވި އެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގައި، ގައުމުގެ ހާލަތު ބަޔާންކޮށްދީ، އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންކަމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އެކުލެވޭ ރިއާސީ ބަޔާނެއް، މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވަންވާނެ އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ދައުރުގެ ޖަލްސާތައް އެ އަހަރެއްގެ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާފައި ފަށަން ޖެހެ އެވެ. ނަމަވެސް، ގަވާއިދުގައި އެ ބުނާ ޖަލްސާ މި މަހުގެ ފަސް ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވުމަށް އިއުލާން ކުރުމަށް ފަހު، ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ މަޖިލީހުގެ އިދާރާ އިން ވަނީ އެ ޖަލްސާ ކެންސަލް ކޮށްފަ އެވެ. އޭގެ ފަހުން އެ ދުވަހުގެ ރޭ ރައީސް ޔާމީން ވަނީ 15 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފަ އެވެ.

ފަނަރަ ދުވަހަށް އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް ދެމެހެއްޓުމަށް އެކަމާ ގުޅޭ ގޮތުން ކުރިން ނެރުނު ގަރާރު ފާސް ކުރުމަށްޓަކައި ދައުރުން ބޭރުން ހޯމަ ދުވަހާއި އިއްޔެ މަޖިލީހުގެ ދެ ޖަލްސާއެއް ބޭއްވި އެވެ.