Roadha Mihaaru

ޕީޕީއެމުން މަގުމަތީ ހަރަކާތްތައް ބާއްވައި، ޖެއްސުމެއް ނުކުރަން: ނިހާން

ވެރިކަން ކުރާ ޕީޕީއެމް އާއި ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ އޮފީހުން (މެޑަމް އޮފީސް) މަގުމައްޗަށް ނުކުމެ، ރައްޔިތުންނަށް ޖެއްސުން ކުރުމުގެ ނިޔަތުގައި ހަރަކާތްތައް ނުބާއްވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން މަގުމަތީގައި ހަރަކާތެއް ނުބާއްވަން: ނިހާން
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

25 ފެބުރުއަރީ 2018

ވެރިކަން ކުރާ ޕީޕީއެމް އާއި ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ އޮފީހުން (މެޑަމް އޮފީސް) މަގުމައްޗަށް ނުކުމެ، ރައްޔިތުންނަށް ޖެއްސުން ކުރުމުގެ ނިޔަތުގައި ހަރަކާތްތައް ނުބާއްވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުގެ އެއްވުންތަކަށް ޖާގަ ނުދީ، ޕީޕީއެމްގެ ހަރަކާތްތައް މާލޭގައި ބޭއްވުމުގެ ފުރުސަތު ފުލުހުން ދޭ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި އިދިކޮޅު ފަރާތްތަކުން ކޮންމެ ރެއަކު އެމްޑީޕީ ހަރުގޭ ކައިރީގައި ބާއްވާ މުޒާހަރާތައް ފުލުހުން ނިކުމެ ރޫޅާލާ މައްސަލައިގައި ފުލުހުންނަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާނު ވިދާޅުވީ ޕީޕީއެމާއި މެޑަމް އޮފީހުން ކުރިއަށް ގެންދާ ހަރަކާތްތަކަކީ ހުއްދަ ނުނަގައި، ރައްޔިތުންނަށް ޖެއްސުން ކުރުމުގެ ނިޔަތުގައި މަގުމަތީގައި ބާއްވާ ހަރަކާތްތަކެއް ނޫން ކަމަށެވެ. އެގޮތުން ރުމާލު 2 ޖަގަހައިގައި ބޭއްވި ކޮންމެ ބައްދަލުވުމެއް ކުރިއަށް ގެންދިޔައީ ހަމަ އާއި އުސޫލާއި އިންސާފުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި އެއްވުމެއް ރޫޅާލުމަށް ފުލުހުން ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި އެއްވުމެއް ރޫޅާލުމަށް ފުލުހުން ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"ރުމާލު 2 ގައި ބޭއްވި ކޮންމެ ބައްދަލުވުމެއް އޮންނާނީ ހަމަ އާއި އުސޫލުން، އިންސާފުގެ ތެރެއިން ހަތަރު ފާރުން އެތެރޭގައި ބާއްވާފައި. މަގުމައްޗަކު ބާއްވާފައެއް ނޯންނާނެ،" ނިހާނު ވިދާޅުވި އެވެ.

ނިހާނު އެހެން ވިދާޅުވިއިރު، ޕީޕީއެމްގެ ޖަލްސާތައް މާލެ ހިޔާ ކައިރީގައި ހުުންނަ ރުމާލު 2 ޖަގަހައިގައި ބާއްވާ ކޮންމެ ރެއަކު ހެން، ކޮއިމަލާ ހިނގުމުގެ ބޮޑު ބައެއް ބަންދު ކުރެ އެވެ. އަދި ކުރީގެ ވެސްޓް ޕާކް ސަރަހައްދުގައި ޖަލްސާތައް ބާއްވާ ދުވަސްތަކުގައި ބޮޑުތަކުރުފާނު މަގުގެ ބޮޑު ސަރަހައްދެއް އޮންނަނީ ދުއްވާ އެއްޗިއްސަށް ނުވަދެވޭ ގޮތަށް ބަންދު ކޮށްފަ އެވެ.

ޕީޕީއެމްގެ ޖަލްސާތައް ބާއްވާ ސަރަހައްދުތަކުގެ މަގުތައް ބަންދުކޮށްދީގެން ފުލުހުން އެ ސަރަހައްދުގެ ސަލާމަތީ ކަންތައް ބަލަހައްޓައިދޭ އިރު، އެމްޑީޕީގެ ހަރުގެ ކައިރީގައި އިދިކޮޅު މީހުންގެ އެއްވުންތައް ބާއްވާ އިރު، އެ ސަރަހައްދުތައް ބަންދުކޮށްދީ ސަލާމަތީ ކަންތައް ބަލަހައްޓައިދީ ހަދާފައެއް ނުވެ އެވެ.

ސަރުކާރުން އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން މާލޭގެ މަގުމަތީގައި މުޒާހަރާ ކުރުމަކީ މަނާ ކަމެކެވެ. އަދި މާލޭގައި ހަމައެކަނި އެއްވެވޭނީ ކާނިވާ ސަރަހައްދަށް އެކަންޏެވެ.

ކާނިވާ ސަރަހައްދުގަ އާއި މާލޭގެ ކޮންމެ ތަނެއްގައި ވެސް ޕީޕީއެމުން ބާއްވަން ބޭނުންވާ ހުރިހާ ހަރަކާތްތަކެއް ބޭއްވޭ އިރު، އިދިކޮޅު އެއްވެސް ޕާޓީއެއްގެ ޖަލްސާއެއް އަދި އެއްވުމެއް ބާއްވަން ވެސް ސަރުކާރުގެ ރަސްމީ އިދާރާތަކުން ހުއްދައެއް ނުދެ އެވެ. އަދި އެއްވެސް ބިމެއް ވެސް އިދިކޮޅު ފަރާތްތަކުގެ އެއްވުމަކަށް ދުލެއް ނުކުރެ އެވެ.

ނިހާނު ވިދާޅުވި ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތީ ފުރިހަމަ އަށް ހުޅުވާލައިފަ އެވެ. އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތުގެ މަތިން އެ މީހަކު ބޭނުން ގޮތަކަށް، ހިތުގައި އޮންނަ ހިޔާލެއް ފާޅުކޮށްލަން ފުރުސަތު އޮތް ގައުމެއް ރާއްޖެ ނޫނީ ނޯންނާނެ ކަމަށް ނިހާނު ވިދާޅުވި އެވެ. އެކަމަކު، ދީނާ ހިލާފު ވާހަކައެއް ދައްކާނަމަ، އެކަމާ ދެކޮޅަށް ޕީޕީއެމްގެ ޓީމާއި މުޅި ގައުމު ނިކުންނާނެ ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.

ނިހާނު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތަކީ މަގުމައްޗަށް އެއްވެ، ރައްޔިތުންނަށް އުނދަގޫ ކުރުން ކަމަށެވެ. އަދި އެމްޑީޕީ ޖަގަހަ ތެރޭގައި ތިބެގެން އެމީހުން ދައްކަން ބޭނުން ކޮންމެ ވާހަކައެއް ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.

ޕީޕީއެމުން ބުނީ ރޭގަނޑު 10:30 އިން ފެށިގެން އެ ޕާޓީގެ އެއްވެސް ހަރަކާތެއް ނޯންނާނެ ކަމަށެވެ.