Roadha Mihaaru
މާލޭގެ އަމަން ނަގާލުމަށް އެމްޑީޕީން ބޭނުންވޭ: ނިހާނު

މާލޭގެ އަމަން ނަގާލުމަކީ އެމްޑީޕީ ބޭނުންވާ ކަމެއް: ނިހާނު

08 މާޗް 2018

މާލޭގެ ހަމަނުޖެހުން ނަގައިލުމަކީ އިދިކޮޅު އެމްޑީޕީން އަބަދުވެސް ބޭނުންވެފައި އޮތް ކަމެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު މި ރޭ އެ ޕާޓީ އަށް ފާޑު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލޭގެ ހަމަނުޖެހުން ނަގައިލުމަކީ އިދިކޮޅު އެމްޑީޕީން އަބަދުވެސް ބޭނުންވެފައި އޮތް ކަމެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު މި ރޭ އެ ޕާޓީ އަށް ފާޑު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާނު މި މޭރުމުން ވާހަކަ ދެއްކެވީ، މި ރެޔާއި މާދަމާ ރޭ މާލޭގެ އެކި ތަންތަނުގައި އަލިފާން ރޯކޮށް ދައުލަތާއި އާންމު ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުމަށް ރާވަމުންދާ ކަން ފުލުހުން ހާމަ ކޮށްފައިވަނިކޮށެވެ.

ނިހާނު ވިދާޅުވީ 2004ގެ ފަހުން މާލޭގައި ހިނގި ހާދިސާތަކާ ގުޅިގެން ސިޔާސީ ގޮތުން އެމްޑީޕީން ފައިދާ ނަގަމުން ދިއުމަކީ އާންމު ގޮތެއްގައި އެ ޕާޓީން ކުރާ ކަންކަން ކަމަށެވެ. އަދި އެއްވުންތަކުގެ މަންޒަރުތައް ދައްކައިގެން، ރާއްޖެއާ މެދު ފިޔަވަޅު އަޅައި، މީހުން ރާއްޖެ ނައުމަށް ގޮވަމުންދާ ކަމަށެވެ.

ނިހާނު ވިދާޅުވި ގޮތުގައި މާލޭގައި ހަމަނުޖެހުން ހިންގައި، ފައިސާ ދީގެން މާރާމާރީ ހިންގުމަކީ ރައްޔިތުންގެ ހިތްތަކުގައި އުފެދިގެންދާނެ ބޮޑު ބިރުވެރިކަމެކެވެ. އެގޮތުން ސިޔާސީ ހަރަކާތްތަކާ ގުޅުން ނެތް މީހުންނަށް މިފަދަ ހަމަލާތައް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ނިހާނު ވިދާޅުވި އެވެ.

"ބޭނުމަކަށް ވާނީ ހަލަބޮލިކޮށްލައި، މާލެ ތެރޭގައި އާންމު ރައްޔިތުންގެ ހިތްތަކުގައި އިންތިހާ އަށް ބޮޑު ބިރުވެރިކަން އުފެދިގެން ދިއުން،" ނިހާނު ވިދާޅުވި އެވެ.

މާލޭގެ އަމަން ނަގާލުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އާއި ހުޅުމީދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) އާއި އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމުގައިވާ ހުސައިން އިލްހާމެވެ.

ނިހާނު ވިދާޅުވި ގޮތުގައި ސަލާމަތީ ބާރުތަކަށް ހިތްވަރު ދޭ ސަބަބަކީ މިފަދަ ހަމަނުޖެހުންތައް ހުއްޓަވަން އެ ފަރާތްތައް ތިބުމުންނެވެ. އަދި މާލޭގެ އެއްވެސް ތަނެއްގައި ހަމަނުޖެހުމެއް ހިންގަން އުޅޭ ކަމަށްވާ ނަމަ، ރައްޔިތުން ލަސްނުކޮށް، ކަމާ ބެހޭ ފަރާތްތަކާ ހިއްސާ ކުރުމަށް ނިހާނު އެދިވަޑައިގެންނެވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ގައުމަށް ޣައްދާރުވާ މީހުން އުޅޭ ޕާޓީތައް އުވާލެވޭ ގޮތަށް ގާނޫނުގެ ތެރެއިން އެ ޖާގަ ހޯދަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަބްދުއްރަހީމް ވަނީ ގޮވާލައްވައިފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމުން ވަނީ އިދިކޮޅު ފަރާތްތަކުން ރާއްޖެއާ މެދު ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ބުނެ އެކަން ވެސް ކުށްވެރިކޮށްފަ އެވެ.