Roadha Mihaaru
އެސްޓީއޯގެ ދެ ޓަވަރުގެ އަގު 27 މިލިއަން ޑޮލަރު

އެސްޓީއޯގެ ދެ ޓަވަރުގެ އަގު 27 މިލިއަން ޑޮލަރު، އަމަލީ މަސައްކަތް ފަށައިފި

26 ފެބުރުއަރީ 2018

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ "ހިޔާ" މަޝްރޫއުގެ ދަށުން އެސްޓީއޯ އިން ހުޅުމާލޭގައި ހަދާ 15 ބުރީގެ ރެޒިޑެންޝަލް ދެ ޓަވަރު އިމާރާތް ކުރަން 27 މިލިއަން ޑޮލަރު (416 މިލިއަން ރުފިޔާ) އަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށް، އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ "ހިޔާ" މަޝްރޫއުގެ ދަށުން އެސްޓީއޯ އިން ހުޅުމާލޭގައި ހަދާ 15 ބުރީގެ ރެޒިޑެންޝަލް ދެ ޓަވަރު އިމާރާތް ކުރަން 27 މިލިއަން ޑޮލަރު (416 މިލިއަން ރުފިޔާ) އަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށް، އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ޓަވަރުތައް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ، އެ މަސައްކަތް ހަވާލު ކުރީ ޗައިނާގެ އެމްސީޖީ ގްރޫޕާ ކަމަށެވެ.

އޭނާ ވިދާޅުވީ އެއީ ކޮންޓްރެކްޓަ އެސިސްޓެޑް ފައިނޭންސްގެ ތެރެއިން، ލޯނު ނަގައިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށާއި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހޯދުމުގެ ހުރިހާ ކަމެއް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި އެމްސީޖީ ގްރޫޕަށް މަސައްކަތް ހަވާލުކުރީ ބިޑަށް ހުޅުވައިލުމުން، އެންމެ ރަނގަޅު ހުށަހެޅުން ލިބުނު ކުންފުންޏަށް ވުމުން ކަމަށް ވިދާޅުވި އެވެ.

އެހެން ކުންފުނިތަކަށް ވުރެ އެސްޓީއޯގެ ޓަވަރުތަކުގެ އަމަލީ މަސައްކަތް ފެށުން ކޮންމެވެސް ވަރަކަށް ލަސްވީ ޝަހީރު ވިދާޅުވި ގޮތުގައި، އެކަމަށް ބޭނުންވާ ހުއްދަ ތަކާއި އެހެނިހެން މަސައްކަތްތައް އެއްކޮށް ނިންމާލަން ބޭނުންވުމުންނެވެ. އޭނާ ވިދާޅުވީ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމުން ދެން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި ބާރު ސްޕީޑުގައި ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން އެސްޓީއޯ ފެމިލީގައި ގާތްގަނޑަކަށް 4،000 މުވައްޒަފުން އެބައުޅޭ... އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން ސަބްސިޑަރީ ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް ޓަވަރެއް އެޅުމަށް،" ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު މަސައްކަތް ފެށި ދެ ޓަވަރު އެއްކޮށް ނިންމާލެވޭނީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި މި ދެ ޓަވަރުގައި 356 އެޕާޓްމެންޓް ހުންނަ އިރު، އޭގެ ތެރޭގައި އެއް ކޮޓަރި އާއި ދެ ކޮޓަރީގެ އިތުރުން ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ހުންނާނެ އެވެ.

"މި ތަންތަން ވާނީ މުވައްޒަފުންގެ ޖީބަށް ވީހާ ވެސް ލުއި ގޮތްތަކަށް ދޫކުރާ ތަންތަނަށް. ކުރިއަށް އޮތް ދުވަސްތަކުގައި ފްލެޓް ދޫކުރާނެ ގޮތްތައް އަޅުގަނޑުމެން އާންމު ކުރާނަން،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯގެ ޓަވަރުތަކުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

އެސްޓީއޯގެ ޓަވަރުތަކުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

މިއަދުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދުގެ މައި ތަނބަކީ އެސްޓީއޯ ކަމަށާއި، އެ ކުންފުނީގެ ވިޔަފާރި އެހާ ބޮޑަށް ފުޅާކޮށް ވަރުގަދަ ކުރީ ރައީސް އަބްދުﷲ ޔާމީންގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. އަދި އެސްޓީއޯ އަކީ ރާއްޖެ ބިނާ ކުރުމުގެ އެންމެ މުހިންމު ރޯލު އަދާކުރެވޭނެ "ހިއުމަން ކެޕިޓަލް" އޮތް ކުންފުނި ކަމަށް ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ މަގު ހެދުމުގެ ބޮޑުބައި މިހާރު ވަނީ ނިމިފަ އެވެ. އަދި ވަރަށް އަވަހަށް އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ.

އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ކުންފުނިތަކަށް އިހުމާލުވެފައި ކަމަށެވެ. އަދި ބިޔަ ޕްރޮޖެކްޓްތަކާ އެކު މިހާރު ފެނިގެން މި ދަނީ ގައުމުގެ އިގްތިސާދު ވެސް ކުރިއަރަމުން އަންނަ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީން ގެންނަވާ ތަރައްގީ އަށް ހަސަދަވެރިވާ ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ. އަދި ގައުމު ތަރައްގީ ވެގެންދާ މަންޒަރު ބަލަން އެ ފަރާތްތަކަށް ކެތް ނުކުރެވިގެން ވެރިކަމަށް "ދުއްތުރާ" ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.