Roadha Mihaaru
އެމްޑަބްލިއުއެސްސީން ދެ ޓަވަރުގެ މަސައްކަތް ފަށައިފި

ހިޔާ މަޝްރޫއުގައި އެމްޑަބްލިޔުއެސްސީން ހަދާ ދެ ޓަވަރުގެ މަސައްކަތް ފަށައިފި

25 ފެބުރުއަރީ 2018

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ "ހިޔާ" ޕްރޮގްރާމްގެ ދަށުން މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ހަދާ 15 ބުރީގެ ދެ ޓަވަރުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ "ހިޔާ" ޕްރޮގްރާމްގެ ދަށުން މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ހަދާ 15 ބުރީގެ ދެ ޓަވަރުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އެމްޑަބްލިއުއެސްސީ އިން ދެ ޓަވަރު އަޅަން ހަވާލުކުރީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޓްވެންޓީ ތާޑް މެޓަލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑް އޮފް މިނެމެޓަލްސް އަށެވެ. ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ހިއްކި ބިމުގައި އެ ޓަވަރުތައް އަޅަން އެ ކުންފުންޏާ ހަވާލުކުރީ ކޮންޓްރެކްޓަ ފައިނޭންސް އުސޫލުންނެވެ. ނަމަވެސް މި ޕްރޮޖެކްޓުގެ އަގެއް ހާމައެއް ނުކުރެ އެވެ.

އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ މި ދެ ޓަވަރުގައި ހުންނާނީ 384 އެޕާޓްމަންޓް ކަމަށެވެ. އޭގެ ތެރޭގައި އެއް ކޮޓަރި އާއި ދެ ކޮޓަރީގެ އިތުރުން ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ވެސް ހުންނާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.

ޓަވަރުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ޖަލްސާގެ ތެރެއިން.

ޓަވަރުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ޖަލްސާގެ ތެރެއިން.

"ކޮންޓްރެކްޓަރަކީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ވެސް މަސައްކަތް ކޮށްފައިވާ އަދި މިހާރު ވެސް މަސައްކަތްތައް ކުރަމުން އަންނަ ކުންފުންޏެއް. އެހެންކަމުން އަޅުގަނޑަށް އެބައޮތް ޔަގީންކަން އެއްބަސްވެފާ ގޮތަށް މި ތަންތަން ނިންމާނެ ކަމުގެ،" އެމްޑަބްލިއުއެސްސީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި ރަސްމިއްޔާތުގައި ފަޒުލް ވިދާޅުވި އެވެ.

ޓަވަރުތައް އަޅާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ފަޒުލް ވިދާޅުވީ، އެ ކުންފުނީގައި 700 ވަރަކަށް މުވައްޒަފުން އުޅޭއިރު، މީގެ ތެރެއިން 50 ޕަސެންޓް މީހުންނަށް މި ދެ ޓަވަރުން ފްލެޓް ދެވޭނެ ކަމަށެވެ. އަދި ފުލެޓް ދޫކުރާ އުސޫލުތައް ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިއުލާނު ކުރާނެ ކަމަށާއި، ފްލެޓްތަކުގެ އަގުތައް ހެޔޮވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީން ބުނީ ޓަވަރުތަކުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކަމަށެވެ.

އެމްޑަބްލިއުއެސްސީގެ ދެ ޓަވަރުގެ ކުރެހުމެއް.

އެމްޑަބްލިއުއެސްސީގެ ދެ ޓަވަރުގެ ކުރެހުމެއް.

މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ރާއްޖޭގެ ތަރައްގީ އަށް މިހާ ބާރަށް މަސައްކަތް ނުކުރާ ކަމަށެވެ. އަދި ސަރުކާރުން ތަރައްގީއަށް ކުރާ މަސައްކަތްތައް ބަލައިގަނެ، އިދިކޮޅު ފަރާތްތަކުން މަސައްކަތްތަކާ ގުޅުމަށް ވެސް ގޮވާލެއްވި އެވެ.

"ރައީސުލް ޖުމްހޫރިއްޔާ ބާރު ސްޕީޑުގައި މި ގެންނަ ތަރައްގީއަށް ތަންކޮޅެއް އުނދަގޫވާގޮތް އިދިކޮޅުގަ ތިބި ފަރަތްތަކަށްވާ މައްސަލަ، މީ ހަމައެކަނި އަޅުގަނޑުމެންނަށް ދިމާވާ މައްސަލަ އަކީ. އެހެންނަމަވެސް އެ ފަރާތްތަކަށް ވެސް ތެދުމަގު ދައްކަވާށި،" ސައީދު ވިދާޅުވި އެވެ.

"އަދި އެފަރާތްތައް ވެސް ބަސްއަހާ، ރަނގަޅު މަގު އިހުތިޔާރުކޮށް، ވީހާ އަވަހަކަށް މިފަދަ މަޝްރޫއުތަކުގަ އެބޭފުޅުން ވެސް ބައިވެރިވެ ދިވެހިރާއްޖެ ތަރައްގީކުރުމުގައި ހިންގާ މަސައްކަތްތަކުގައި ގައުމު ހަލަބޮލިނުކޮށް، ގައުމުގެ އަގުބައްޓާ ނުލާ،"

ޓަވަރުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ޖަލްސާގެ ތެރެއިން.

ޓަވަރުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ޖަލްސާގެ ތެރެއިން.

މި ރަސްމިއްޔާތުގައި އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވެސް ވަނީ، އިދިކޮޅު ފަރާތްތަކުން ގައުމު ހަލަބޮލި ކުރަން މަސައްކަތްކުރާ ކަމަށާއި، އެކަން ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ. އަދި މިފަދަ އިތުރު ޕްރޮޖެކްޓްތައް ހިންގުމަށް ހުރިހާ ރައްޔިތުންގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ.

"ހާއްސަކޮށް އަޅުގަނޑު އަދާލަތު ޕާޓީ އަށް ދަންނަވަން، ވަރަށް އިހުލާސްތެރިކަމާ އެކީ، ތެދު މައުލޫމާތު ފޯރުކޮށްދެއްވާށޭ،" ތޯރިގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުރިހާ ފަރާތްތަކަކުން ވެސް އަމަލުކުރަން ޖެހޭނީ ޒިންމާދާރު ކަމާ އެކީގައި ކަމަށެވެ. އަދި ސަރުކާރުން ތަރައްގީ އަށް ކުރަމުން އަންނަ މަސައްކަތްތައް، އިދިކޮޅު ފަރާތްތަކުން ބަލައިގަތުމަށް ވެސް ގޮވާލެއްވި އެވެ.