ރާއްޖޭގައި މިހާތަނަށް ހެދި އެންމެ މަތީ ފެންވަރުގެ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލް އަންނަ ބުރާސްފަތިދުވަހު ހުޅުވާ ގޮތަށް ހަމަޖައްސައި، އެކަން މިއަދު އިއުލާންކޮށްފި އެވެ.
ރާއްޖޭގައި މިހާތަނަށް ހެދި އެންމެ މަތީ ފެންވަރުގެ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލް އަންނަ ބުރާސްފަތިދުވަހު ހުޅުވާ ގޮތަށް ހަމަޖައްސައި، އެކަން މިއަދު އިއުލާންކޮށްފި އެވެ.
ރާއްޖޭގެ މަޝްހޫރު ވިޔާރިވެރިންތަކެއް އެކުވެގެން 110 މިލިއަން ޑޮލަރު ހޭދަކޮށްގެން ހުޅުމާލޭގައި ތަރައްގީކުރި ހޮސްޕިޓަލުން ސިއްހީ މަތީ ފެންވަރުގެ ހިދުމަތް ލިބޭނެ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލް ތަރައްގީކުރި ޓްރީ ޓޮޕް އިންވެސްޓްމަންޓްގައި ހިމެނެނީ ރާއްޖޭގެ މަހުޖަނުން ކަމަށް ވާ ޗަމްޕާ ހުސެން އަފީފާއި، ޗަމްޕާ މުހައްމަދު މޫސާ އާއި އަހުމަދު ނަޒީރާއި އަހުމަދު ސަލީމް (ގަދަގޭ ސަލީމް)، އިބްރާހިމް ނޫރައްދީނާއި އަބްދުލްގަނީ އަދި ސަލީމްގެ ދަރިކަލުން އާދަމް ސަލީމް (އެޑަމް) ގެ އިތުރުން ޑރ. އިބްރާހިމް ވިޝާން އަދި ލާސް ޕީޓާ އެވެ.
ކުންފުނީގެ ޗެއާމަނަކީ ލާސް އެވެ. މެނޭޖިން ޑިރެކްޓަރަކީ ނަޒީރެވެ.
އޮސްޓްރޭލިއާގެ ރަމްސޭ ގްރޫޕާއި މެލޭޝިއާގެ ސައިމް ޑާބީ ގުޅިގެން މެނޭޖްކުރާ ހޮސްޕިޓަލްގައި 210 އެނދު ހުރެ އެވެ. އަދި 30 ގައުމެއްގެ މީހުންގެ ވަޒީފާ އަދާކުރާނެ ކަމަށް، ޓްރީ ޓޮޕުން ބުނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ އިސްވެރިން މިއަދު މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: މިހާރު
ހޮސްޕިޓަލް ހުޅުވާ ދުވަސް އިއުލާންކުރަން އެ ހޮސްޕިޓަލްގައި، ނޫސްވެރިންނާ އެކު، ބޭއްވި ހަފުލާއެއްގައި އެޑަމް ވިދާޅުވީ އާސަންދަގެ ހިދުމަތް މި ވަގުތު ދެވޭނީ އެޑްމިޓްކޮށްގެން ފަރުވާ ހޯދަ ބަލި މީހުންނަށް އެކަނި ކަމަށެވެ.
"ހުޅުވާއިރު އިންޕޭޝެންޓުންނަށް އެކަނި އާސަންދަ ލިބިގެން މި ދަނީ. އަޅުގަނޑުމެން އެބަ މަޝްވަރާ ކުރަން [ޑޮކްޓަރަށް ދައްކާ] ފަރާތްތަކަށް ވެސް އާސަންދަ ހިދުމަތް ލިބޭގޮތް ހަމަޖެއްސުމަށް. އެލައިޑް ވެސް އަދި ބޭރުގެ އެހެން އިންޝުއަރެންސް ކުންފުނިތަކުގެ ހިދުމަތް ލިބޭނެ. "ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަމާނާ ތަކާފުލްގެ އިންޝުއަރެންސުން ވެސް މިކޮޅުން ހިދުމަތް ލިބޭނެ،" ރަސްމިއްޔާތަށް ފަހު "މިހާރު" އަށް އެޑަމް ވިދާޅުވި އެވެ.
ހޮސްޕިޓަލުން ޑޮކްޓަަރަށް ދެއްކުން ފަދަ ހިދުމަތްތަކުގެ އަގުތައް އަދި ސާފެއް ނުވެ އެވެ. އެޑަމް ވިދާޅުވީ އެ މައުލޫމާތުތައް މެނޭޖުމަންޓުން ހާމަ ކުރާނެ ކަމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަށް ދާ މީހުންނަށް ހާއްސަކޮށްގެން ގަޑިއަކު އެއް ފަހަރު ހާއްސަ ފެރީއެއް އޮންނާނެ ކަމަށް ވެސް މިއަދު އިއުލާންކުރި އެވެ. ބްރިޖް ބޭނުންކުރަން ފަށަންދެން ގިނަ ޕޭޝެންޓުން އެ ފެރީ ބޭނުން ކުރާނެ ކަމަށް ޓްރީ ޓޮޕްގެ މަސައްކަތުގައި އިސްކޮށް އުޅުއްވި ސަލީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މާލޭގައި އުޅޭ މީހުން ފުރަތަމަ ޑޮކްޓަރަށް ދައްކާނީ، މާލޭގައި ހުޅުވާފައިވާ ކްލިނިކަށް ކަމަށާއި ހޮސްޕިޓަލަށް ގެންނާނީ އެތަނުން ބެލުމަށް ފަހު ކަމަށެވެ. އެ ކްލިނިކުގައި ޖެނަރަލް ޑޮކްޓަރުންގެ އިތުރުން ކޮންމެ ދުވަހަކު ވެސް ސްޕެޝަލިސްޓެއް އިންނަވާނެ އެވެ.
ރާއްޖޭގެ މަޝްހޫރު އާކިޓެކްޓެއް ކަމަށްވާ އަދި ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ކްރައުން ކޮމްޕެނީގެ އެއް ހިއްސާދާރު ސަލީމް ވިދާޅުވި ގޮތުގައި ހޮސްޕިޓަލްގެ މަސައްކަތަކީ އޭނާގެ ހަޔާތުގައި ކުރިމަތިވެވަޑައިގެންނެވި އެންމެ ބޮޑު އަދި އެންމެ އުނދަގޫ މަސައްކަތް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މަސައްކަތް އުނދަގޫކަން އެނގިވަޑައިގަތީ ހޮސްޕިޓަލަކީ ރިސޯޓެއް ހަދާ ގޮތެއް ހަދާ ނިންމޭނެ ތަނަކަށް ނުވުމާއި އެ ތަޖުރިބާ ވެސް ނެތުމުން ކަމަށެވެ. އަދި ތުރުކީގެ ޓާމާކްސް ކުންފުންޏާ ހޮސްޕިޓަލް އިމާރާތްކުރުން ހަވާލުކުރީ ރާއްޖޭގައި އެ ފެންވަރުގެ ހޮސްޕިޓަލެއް އިމާރާތްކުރާނެ ތަޖުރިބާ ހުރި ކުންފުންޏެއް ނެތުމުން ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ އިސްވެރިން މިއަދު ބޭއްވި ނިއުސް ބްރީފިންގައި، ބައިވެރިވި އެތަނުގެ ބައެއް މުވައްޒަފުން.---ފޮޓޯ: މިހާރު
"އަޅުގަނޑުމެންގެ މަގުސަދަކީ ރާއްޖެއަށް ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ތައާރަފުކުރުން. މަގުސަދު ވަރަށް ފަސޭހަ. [އެކަމަކު] ހަގީގަތަކީ ހޮސްޕިޓަލަކީ ވަރަށް ބައިވަރު ހިދުމަތްތަކެއް ހިމެނޭ ތަނެއް،" ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓްރީ ޓޮޕްގައި ހަރުކޮށްފައިވާ އޭސީ ސިސްޓަމަކީ ރާއްޖެ އަށް މުޅިން އަލަށް ގެނައި ނިޒާމެއް ކަމަށެވެ. އަދި މާޗު 1 ގައި ހޮސްޕިޓަލް ހުޅުވި ނަމަވެސް އެ ދުވަހުން ފެށިގެން ހުރިހާ ހިދުމަތެއް ނުލިބޭނެ ކަމަށާއި ނަމަވެސް ފަހަރަކު ހިދުމަތެއް ތައާރަފުކުރަމުން ގޮސް، ޖޫން ނިމޭ އިރު ހުރިހާ ހިދުމަތްތަކެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
"ފަށައިގަންނަ އިރު ހޮސްޕިޓަލްގެ 70 ޕަސެންޓް ހިދުމަތް ފޯރުކޮށްދެވޭނެ،" ސަލީމް ވިދާޅުވި އެވެ.
ބޮޑެތި ބައެއް ފަރުވާތައް އެކި ދުވަސްވަރު ތައާރަފުކުރަން ނިންމީ، ސަލީމް ވިދާޅުވި ގޮތުގައި، ހުރިހާ ކަމެއް ބަރާބަރަށް، މައްސަލައެއް ނުޖެހި ގެންދިއުމުގެ ގޮތުންނެވެ.
ހޮސްޕިޓަލްގެ މަޝްރޫއު ހިންގުމުގައި އިސްކޮށް އުޅުއްވި ސަލީމް ވިދާޅުވީ އަންނަ ހުކުރުދުވަސް ވާނީ "އަޅުގަނޑުގެ ހަޔާތުގެ އެންމެ އުފާވެރި ދުވަހަށް" ކަމަށެވެ.
"ވަރަށް އުނދަގޫ މަސައްކަތްތަކަށް ފަހު މި ހިސާބަށް މި އާދެވުނީ...ވަރަށް ބޮޑު އުއްމީދެއް މިއީ،" ސަލީމް ވިދާޅުވި އެވެ.
ވަކި ހޮސްޕިޓަލަކާ ވާދަކުރުމެއް ނެތް: ޗަމްޕާ އަފީފް
ޓްރީ ޓޮޕްގެ މެނޭޖްމަންޓް އެގްރީމަންޓް ބާތިލްކޮށްފި
މަސައްކަތް މިކުރަނީ ރާއްޖެ އެހެން ހަރުފަތަކަށް ގެންދަން
ޓްރީ ޓޮޕް ހޮސްޕިޓަލަށް އާއްމުންގެ ބޮޑު ތަރުހީބެއް!
ޓްރީ ޓޮޕް: ޓޫރިޒަމްގެ ހިނިތުންވުން ބަލިމީހުންނަށް
ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވައިފި
ޓްރީ ޓޮޕް ހޮސްޕިޓަލް މި މަހު ހުޅުވަނީ
ޓްރީޓޮޕް ހޮސްޕިޓަލް ހުޅުވުން އަންނަ އަހަރަށް ފަސްކޮށްފި
ޓްރީ ޓޮޕުން އާސަންދަ ލިބޭނެ، ބޮޑު ތަފާތެއް ފެންނާނެ
ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަސައްކަތް ނިމިއްޖެ