Roadha Mihaaru
ޓްރީ ޓޮޕް ހޮސްޕިޓަލް މި މަހު ހުޅުވަނީ

ޓްރީ ޓޮޕް ހޮސްޕިޓަލް މި މަހު ހުޅުވަނީ

14 ފެބުރުއަރީ 2018

ހުޅުމާލޭގައި ހެދި ފެންވަރު މަތީ ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގުމުގެ ހުރިހާ ހުއްދަތަކެއް ދީފައިވާ ކަމަށާއި މި މަހު ތެރޭގައި ހުޅުވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ހުޅުމާލޭގައި ހެދި ފެންވަރު މަތީ ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގުމުގެ ހުރިހާ ހުއްދަތަކެއް ދީފައިވާ ކަމަށާއި މި މަހު ތެރޭގައި ހުޅުވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މަހުޖަނުންތަކެއް ހިއްސާވާ ޓްރީ ޓޮޕް އިންވެސްޓްމަންޓުން ހެދި ހޮސްޕިޓަލް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ހޮސްޕިޓަލުގެ ހުރިހާ މަސައްކަތެއް ނިމި އަދި ޑޮކްޓަރުންނާއި ނަރުހުންނަށް ދޭން ޖެހޭ ހުއްދަތައް ވެސް ދީފައިވާ ކަމަށެވެ.

ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި 159 އެނދުގެ އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ހޮސްޕިޓަލުގެ ހުރިހާ މަސައްކަތެއް ނިމި، މިހާރު ވަނީ ހިދުމަތް ދޭން ތައްޔާރުވެފަ އެވެ.

ހެލްތު މިނިސްޓަރު ނާޒިމް މިއަދު ޓްރީ ޓޮޕް ހޮސްޕިޓަލް ބައްލަވާލައްވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ހެލްތު މިނިސްޓަރު ނާޒިމް މިއަދު ޓްރީ ޓޮޕް ހޮސްޕިޓަލް ބައްލަވާލައްވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ނޫސްވެރިންނާ އެކު އެ ހޮސްޕިޓަލް ބައްލަވާލެއްވުމަށް ފަހު ނާޒިމް ވިދާޅުވީ އެއީ ރާއްޖޭގެ ސިއްހީ ހިދުމަތް އެހެން ލެވެލަކަށް ގެންގޮސްދޭނެ ތަނަކަށް ވާނެ ކަމަށެވެ.

މިއަދު ވަނީ ހޮސްޕިޓަލުގެ ހުރިހާ ޑިޕާޓްމަންޓްތަކަށާއި ބަލިމީހުންގެ ކޮޓަރިތައް ވެސް ވަކިވަކިން ބައްލަވާލައްވައި މައުލޫމާތު އޮޅުން ފިލުވައިފަ އެވެ. އަދި އެ ހޮސްޕިޓަލްގެ ހިދުމަތް ހޯދަން ބޭނުންކުރާ ކާޑެއް ނާޒިމަށް ހަވާލުކުރި އެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ ވަރަށް ހިތްގައިމު ސްޓޭޓް އޮފް ދި އާޓް ފެސިލިޓީސް [އެންމެ ޒަމާނީ ވަސީލަތްތައް] ގާއިމުކުރެވިފައި ހުރި ލޭޓެސްޓް ޓެކްނޮލޮޖީ [ފަހުގެ ޓެކްނޮލޮޖީ] ގާއިމުކުރެވިފައި ހުރި، ވަރަށް ކަސްޓަމާ ފްރެންޑްލީކޮށް ހެދިފައި ހުރި ހޮސްޕިޓަލެއްގެ ގޮތުގައި،" ނާޒިމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އޭޑީކޭއާ އެއްގޮތަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ހޯދާ ހިދުމަތްތަކަށް ވެސް އާސަންދަ ހިދުމަތް ލިބޭނެ ކަމަށެވެ.

"އަޅުގަނޑަށް އުނދަގޫވޭ މިވަގުތު މިވެނި ކަމަކަށް މިތައް ޕަސެންޓް ކަވަރުކުރާނޭ. ދުނިޔޭގެ އެހެން ގައުމުތަކުގައި ހުންނަ މި ފެންވަރުގެ ކަސްޓަމާ ކެއަރިން، ޕޭޝަންޓްގެ ކެއުން ބުއިމާއި އެތަނަކުން ހުރިހާ ހިދުމަތްތަކެއް ލިބޭ ހޮސްޕިޓަލްތަކުގައި ސަރުކާރުގެ ހެލްތު އިންޝުއަރެންސް ސްކީމްތަކުގައި ކަވަރުކުރާ ނިޒާމް ތަފާތު ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއިން ލިބެން ނެތް ވަރަށް ގިނަ ފަރުވާތަކެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ލިބޭނެ ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވެސް ފައިދާތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.

"މިތަނުގެ ކީމޯ ތެރެޕީ އާއި ކެތު ލެބް މިހާރު ވެސް ހުރީ ރެޑީގައި. އެމްއާރުއައި، ސީޓީ ސްކޭން ރެޑީގައި. މިތަނުގެ ހިދުމަތް ފެށޭއިރު، އަޅުގަނޑުމެންނަށް އެމްއާރުއައި އަށް އޮންނަ ތޮއްޖެހުން ކުޑަވާނެ،" ނާޒިމް ވިދާޅުވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ އިމާރާތް.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ޓްރީ ޓޮޕް ހޮސްޕިޓަލްގެ އިމާރާތް.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ޓްރީ ޓޮޕް ހޮސްޕިޓަލް ކުރިން ހުޅުވަން ނިންމާފައި އޮތީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. ނަމަވެސް ހޮސްޕިޓަލް ހުޅުވުން ލަސްވީ އިމާރާތުގައި ހުރި މައްސަލަތަކާ ގުޅިގެން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގާނީ އޮސްޓްރޭލިއާގެ ރަމްސޭ ގްރޫޕާއި މެލޭޝިއާގެ ސައިމް ޑާބީ ގުޅިގެންނެވެ. އެ ހޮސްޕިޓަލްގައި ބަލި މީހުން އެޑްމިޓްކުރުމަށް ތަފާތު ފަސް ކެޓަގަރީގެ ކޮޓަރި ހުރެ އެވެ. އެގޮތުން ކޮންމެ ބަލި ދެ މީހަކަށް 30 ކޮޓަރި އާއި އެކަކަށް ޚިދުމަތް ދެވޭ ގޮތަށް ހަދާ 57 ކޮޓަރި އާއި ހަތަރު ޖޫނިއަ ސުއިޓާއި ހަ ސުޕީރިއާ ސުއިޓް އަދި ދެ ޕްރެޒިޑެންޝަލް ސުއިޓް ހުރެ އެވެ.

ތުރުކީގެ ޓާމާކްސް ކުންފުންޏާ ހަވާލުކޮށްގެން ހެދި ހޮސްޕިޓަލުގައި ހަ ބުރީގެ ގާތްގަނޑަކަށް 30،000 އަކަފޫޓުގެ ބިޔަ ބިލްޑިންގެއް ހިމެނެ އެވެ. ހޮސްޕިޓަލް ބިލްޑިންގުގެ އިތުރުން މުވައްޒަފުންގެ އެކޮމޮޑޭޝަނާއި ބަލި މީހުންގެ އާއިލާ މީހުން ތިބޭނެ އެކޮމޮޑޭޝަން އަދި ރެސްޓޯރަންޓަކާއި ފިހާރައެއް ހިމެނޭ 10،000 އަކަފޫޓުގެ ބިމެއްގައި އަށް ބުރީގެ ހޮޓަލެއް ވެސް ވަނީ ހަދައިފަ އެވެ.