Roadha Mihaaru
ބީއެމްއެލް އިން އިންޓާންޝިޕް ޕްރޮގްރާމެއް ފަށަނީ

ބީއެމްއެލް އިން އިންޓާންޝިޕް ޕްރޮގްރާމެއް ފަށަނީ

27 ފެބުރުއަރީ 2018

މަތީ ތައުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި، ދަސްވެނިންނަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމެއް މިއަދު އިފްތިތާހުކޮށްފި އެވެ. މިއީ ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދައި ބޭންކުގެ ދާއިމީ ވަޒީފާއެއް ހޯދުމަށް ލިބިގެންދާނެ ވަރަށް ފަހި ފުރުސަތެކެވެ.

އަލީ ޝިނާން އަލީ ޝިނާން

މަތީ ތައުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި، ދަސްވެނިންނަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމެއް މިއަދު އިފްތިތާހުކޮށްފި އެވެ. މިއީ ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދައި ބޭންކުގެ ދާއިމީ ވަޒީފާއެއް ހޯދުމަށް ލިބިގެންދާނެ ވަރަށް ފަހި ފުރުސަތެކެވެ.

ބީއެމްއެލް އިން ބުނީ، އިންޓާންޝިޕް ޕްރޮގްރާމު އަމާޒުކޮށްފައިވަނީ އެ ކުންފުނީގެ "ޕްރޮސްޕެކްޓް" ގައި ބައިވެރިވެފައިވާ މަތީ ތައުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް ކަމަށެވެ. އެގޮތުން އެ ދަރިވަރުންނަށް 12 މަސްދުވަހުގެ މުއްދަތަށް އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މި ޕްރޮގްރާމަށް ހޮވޭ މީހުންނަށް ބޭންކުގެ އެކިއެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި މި ޕްރޮގާރާމްގައި ބައިވެރިވެ ބޭންކުގައި މަސައްކަތްކުރާ ދުވަސްތަކުގައި ކޮންމެ ބައިވެރިއަކަށް ވެސް އިރުޝާދު ދޭނެ ހާއްސަ މުވައްޒަފެއް ހުންނާނެ އެވެ.

ގައުމީ ބޭންކުން ބުނީ، މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ މީހުންނަށް ބޭންކުގެ ދާއިމީ ވަޒީފާ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

"ގައުމީ ޔުނިވާސިޓީ އާއި ކޮލެޖްތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް މި އިންޓާންޝިޕް ޕްރޮގްރާމް ހުޅުވާލެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ޕްރޮގްރާމްގެ ދަށުން ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބި، ރަނގަޅު އިރުޝާދުތަކެއް ލިބިގެންދާނެ. އަދި ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ބޭންކުގެ ވަޒީފާ ހޯދުމަށް ފަހި ފުރުސަތެއް މިވަނީ ހުޅުވާލެވިފައި،" މިކަމާ ގުޅޭ ގޮތުން ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ބޭންކްގެ އިންޓާންޝިޕް ޕްރޮގްރާމް ކުރިއަށް ގެންދަނީ، މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ފަށާފައިވާ "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ދަށުންނެވެ.

ރާއްޖޭގައި ބޭންކިންގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ބީއެމްއެލް އިން ބުނީ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން މުޅި އަހަރު ދުވަހަށް ބަހާލައިގެން 300 މިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވާ ކަމަށެވެ. އެ ބޭންކުން މިދިޔަ އަހަރު ވެސް "އަހަރެންގެ ބޭންކް"ގެ ނަމުގައި ހިންގި ކެމްޕޭންގެ ދަށުން 300 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވެ އެވެ.