Roadha Mihaaru
މާލޭގެ އަމަން ނަގާލުމުގެ ތުހުމަތު ތިން މެމްބަރަކަށް!

މާލޭގެ އަމަން ނަގާލުމުގެ ތުހުމަތު، އަމީތާއި އަބުޅޯ އަދި ފަލާހަށް

01 މާޗް 2018

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނިކޮށް، މާލޭގެ އަމަން ނަގާލުމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރަކު ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނިކޮށް، މާލޭގެ އަމަން ނަގާލުމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރަކު ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފި އެވެ.

ފުލުހުން ޗިޓް ފޮނުވީ އެމްޑީޕީގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު އާއި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އެވެ.

އެގޮތުން އަބުޅޯ މިއަދު 3:00 ގައި ފުލުސް އޮފީހަށް ހާޒިރުވާން އެންގިއިރު، ފަލާހަށް އަންގާފައި ވަނީ މިރޭ 9:00 ގައި ފުލުސް އޮފީހަށް ހާޒިރުވުމަށެވެ. އަމީތު ވަޑައިގަންނަވަން ޖެހެނީ މިރޭ 10:00 އަށް ފުލުސް އޮފީހަށް ހާޒިރުވުމަށެވެ.

އެ ތިން މެމްބަރުންގެ ތެރެއިން އަބުޅޯގެ ފޯނު ހިފަހައްޓާފައިވާ ކަމަށްވެ އެވެ.

ތިން މެމްބަރުންގެ މައްޗަށް ފުލުހުން ކުރަނީ މާލޭގެ އަމަންއަމާންކަން ނަގާލުމާއި ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމާއި މާލޭގެ ޓްރެފިކަށް ދަތިވާ ގޮތަށް އަމަލުތައް ބެހެއްޓުމުގެ ތުހުމަތެވެ. އެކަމަކު، ފުލުހުން ކުރާ އެ ހުރިހާ ތުހުމަތުތަކަށް މެމްބަރުން އިންކާރު ކުރައްވަ އެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ މެމްބަރުންގެ މައްޗަށް ފުލުހުން ގިނަ އަދަދެއްގެ ތުހުމަތުތަކެއް ކުރަނީ ސިޔާސީ ހަރަކާތްތައް ހުއްޓުވާލުމުގެ ބޭނުމުގައި ކަމަށެވެ. އެކަމަކު، ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތައް ނުހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއްގެ ސިޔާސީ މަގްސަދު ހާސިލް ކުރުމުގެ ބޭނުމުގައި އިދިކޮޅު މެމްބަރުންގެ ފަހަތުން ނުދުވުމަށް ފުލުހުންނަށް އިލްތިމާސް ކުރަން،" އަމީތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީން މިދިޔަ މަހުގެ 5 ވަނަ ދުވަހުން ފެށިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނީ ޣައިރު ގާނޫނީ ގޮތެއްގަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން ނުހިފެހެއްޓޭނެ އެތައް ގާނޫނެއް ހިފަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ ބައެއް މެމްބަރުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބަންދުކުރާ ކަމަށް ފުލުހުން ބުނާއިރު، އެ ގާނޫނަކީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ އެކު ސަސްޕެންޑްކޮށްފައި އޮތް ގާނޫނެއް ކަމަށެވެ. ސަސްޕެންޑްކޮށްފައި އޮތް ގާނޫނަކަށް އަމަލުކުރަނީ ކީއްވެތޯ އަމީތު ސުވާލު ކުރެއްވި އެވެ.

"އެކަމަކު، ފަހުން އަނެއްކާވެސް ފުލުހުން ބުނަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނޭ ހިފަހެއްޓީ. އެހެންވީމަ ދެކޮޅުނުޖެހޭ ކަންކަން ފުލުހުން މި ކުރަނީ،" އަމީތު ވިދާޅުވި އެވެ.

ސިޔާސީ ބޭފުޅުން ވެސް ހިމެނޭ ގޮތުން ނުވަ ގައިދީއަކު ދޫކުރަން އަންގައި ސުޕްރީމް ކޯޓުން މި މަހުގެ 1 ގައި ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ބޭއްވި އެއްވުންތަކާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. ބައެއް މީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގަ އެވެ.

އެގޮތުން މުޒާހަރާތަކުގައި އެންމެ އިސްކޮށް އުޅުއްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް އަދިވެސް ވަނީ ހައްޔަރުކޮށްފަ އެވެ.