Roadha Mihaaru
ބޮޑު ދެ ބާރުގެ ކުރިމަތިލުން ނިއު ކާމިޔާބުކޮށްފި

ބޮޑު ދެ ބާރުގެ ކުރިމަތިލުން ނިއު ކާމިޔާބުކޮށްފި

02 މާޗް 2018

އެސްޓީއޯ މާލޭ ލީގުގެ ފޭވަރިޓުން ކަމަށްވާ ނިއު ރޭޑިއަންޓާއި މާޒިޔާ ކުޅުނު މެޗުން އުނދަގުލުން 1-0 އިން މޮޅުވެ ނިއު އިން މާޒިޔާއާ ފަސް ޕޮއިންޓް ފެޔަށް ޖެހިލައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އެސްޓީއޯ މާލޭ ލީގުގެ ފޭވަރިޓުން ކަމަށްވާ ނިއު ރޭޑިއަންޓާއި މާޒިޔާ ކުޅުނު މެޗުން އުނދަގުލުން 1-0 އިން މޮޅުވެ ނިއު އިން މާޒިޔާއާ ފަސް ޕޮއިންޓް ފެޔަށް ޖެހިލައިފި އެވެ.

ފުރަތަމަ މެޗުން ގްރީންސްޓްރީޓްސްއާ ފަހު ވަގުތު 2-2 އިން އެއްވަރުވި މާޒިޔާ އާއި ފުރަތަމަ މެޗުން ޓީސީ އަތުން 3-0 އިން މޮޅުވި ނިއުގެ މިރޭގެ ކުރިމަތިލުގެ ފުރަތަމަ ހާފު ނިއު އިން ކޮންޓްރޯލްކުރި ނަމަވެސް ދެ ވަނަ ހާފުގައި އެއްކޮށް އޮތީ މާޒިޔާގެ ކޮންޓްރޯލުގެ ދަށުގަ އެވެ.

ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ޖެހި ލަނޑުން މިރޭ ހޯދި މޮޅާ އެކު، އޭއެފްސީ ކަޕުގެ ފުރަތަމަ މެޗުގައި މި ހަފުތާގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ނިއު ނުކުންނާނީ ލީގުގައި ހޯދި ހަ ޕޮއިންޓާ އެކު އިތުބާރު ހޯދައިގެންނެވެ.

މެޗުގެ ކުރީކޮޅު ނިއުގެ ދަގަނޑޭ އާއި ހަމްޒާ މުހައްމަދު (ހަމްޕު) ހަމަލާ އުފައްދަނިކޮށް މާޒިޔާ އިން އެ ދެ ކުޅުންތެރިންނަށް ހުއްޓުވި ހުއްޓުވުމުގައި ނިއު އިން ތިން ޕެނަލްޓީއަކަށް ވަރަށް ބޮޑަށް އެޕީލްކުރި އެވެ. އެ ހިސާބުން ފެށިގެން މުޅި މެޗުގައި ޖުމްލަކޮށް ރެފްރީ އާދަމް ފަޒީލަށް ދިޔައީ ވަރަށް ޕްރެޝަރު ބޮޑުކޮށެވެ.

މެޗުގެ އެންމެ ފުރަތަމަ ނުރައްކާތެރި ބޯޅަ ފޮނުވާލީ 24 ވަނަ މިނެޓުގައި މާޒިޔާގެ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަށެވެ. އޭނާ އަށް އޭރިއާ ބޭރުން ލިބުނު ބޯޅަ ބާރު ޝޮޓަކުން ފޮނުވާލުމުން ދިޔައީ މުހައްމަދު ފައިސަލް ބަލަހައްޓަމުން ދިޔަ ނިއުގެ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

އޭގެ މިނެޓެއް ފަހުން ނިއު އިން ލީޑު ނެގި އެވެ. އޭރިއާ ތެރެއިން ދަގަނޑޭ އަށް ނިއުގެ ކުޅުންތެރިޔަކު ޖައްސާލި ބޯޅަ އޭނާ ގޯލުގެ ތިރީ ކަނަށް ވައްދާލީ މާޒިޔާގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު އެވެ.

ނިއުގެ އަމީރީ (ކ) އަތުން ބޯޅަ ހޯދަން މާޒިޔާގެ އާއްކޮ މަސައްކަތްކުރަނީ. –ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއުގެ އަމީރީ (ކ) އަތުން ބޯޅަ ހޯދަން މާޒިޔާގެ އާއްކޮ މަސައްކަތްކުރަނީ. –ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުރަތަމަ ހާފުގެ ފަހުކޮޅު ނިއުގެ އަކްރަމް އަބްދުލްގަނީ އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅައެއް، ހަމްޕުގެ ބޮލުގައި ޖެހިފައި ލިބުނީ ގޯލް ކުރިމަތީ ހުހަށް ހުރި ނިއުގެ ސްޕެއިން ފޯވާޑް ގުއިލެމް މާޓީ މިސުޓަށެވެ. އެކަމަކު އޭނާގެ ފަޔަށް އެ ބޯޅަ ރަނގަޅަށް ލައްވާނުލީ އެވެ.

ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ނިއު އިން ލަނޑެއް ޖެހުމާ ގާތަށް ދިޔަ އެވެ. ހިލޭ ޖެހުމަކުން ދަގަނޑޭ އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ނިއުގެ ޑިފެންޑަރު ޖޯޖް ގޮޓޯ މުޅިން ހުހަށް އަރައި ބޮލުން ޖެހުމުން، ދިޔައީ ބޭރަށެވެ.

އޭގެ ފަހުން 49 ވަނަ މިނެޓުގައި ނިއުގެ ވާތު ބެކް ހިސާމް ސަލީމް (ކޮކީ) ފަހަތަށް ޖައްސާލި ބޯޅައެއް ހޯދައި މާޒިޔާގެ އަހުމަދު އިމާޒް (އާއްކޮ) ގޯލަށް ފޮނުވާލި ބާރު ބޯޅައިގެ ހުރަހަކަށްވީ ފައިސަލެވެ. އެ ބޯޅައިން ލިބުނު ކޯނަރުގައި އޭރިއާ ތެރެއިން ކޯނޭ އަށް ހުހަށް ލިބުނު ނަމަވެސް ގޯލަށް ވައްދާލެވޭ ގޮތެއް ނުވި އެވެ.

މެޗުގެ 55 ވަނަ މިނެޓުގައި ނިއުގެ ދަގަނޑޭ ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅައެއް ގުއިލެމަށް ހުހަށް ލިބުނު ނަމަވެސް ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވި އެވެ.

ދެ ވަނަ ހާފުގައި މުޅިން ވެސް ފެނިގެން ދިޔައީ މާޒިޔާ އިން ކުރިއަށް ޖެހި ނިއު ހާސްކޮށްލި މަންޒަރެވެ. އެގޮތުން 63 ވަނަ މިނެޓުގައި ވެސް އެ ޓީމުން ވަރަށް ނުރައްކާތެރި ހަމަލައެއް އަނެއްކާ ވެސް ފޮނުވާލި އެވެ. މި ފަހަރު ކޯނޭ ނެގި ހުރަސް އޭރިއާ ތެރެއިން އާއްކޮ އަށް ހުހަށް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ނިއުގެ ބަދަލު ކުޅުންތެރިޔާ ރިލްވާން ވަހީދު (ރިލޭ) އަށް ވަނީ ދެ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދައްކައިފަ އެވެ. ފުރަތަމަ ރީނދޫ ކާޑު ދެއްކީ މާޒިޔާ އަށް ލިބުނު ހިލޭ ޖެހުމެއް ޖަހަން، އެ ޓީމުގެ އިސްމާއިލް އީސާ އަވަސްކުރަން އުޅެނިކޮށް ހުރަސް އެޅުމުންނެވެ. ދެ ވަނަ ކާޑު ދެއްކީ އެ ވަގުތު އީސާއާ ދެމެދު ހިނގި ހަމަނުޖެހުމަކާ ގުޅިގެންނެވެ. އެ ވަގުތު ރެފްރީ ފަޒީލް ވަނީ އީސަ އަށް ވެސް ރީނދޫ ކާޑެއް ދައްކައިފަ އެވެ.

ނިއުގެ ކޯޗު އޮސްކާ ބްރުޒޮން މެޗަށް ފަހު އުފާފާޅުކުރަނީ. –ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއުގެ ކޯޗު އޮސްކާ ބްރުޒޮން މެޗަށް ފަހު އުފާފާޅުކުރަނީ. –ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނީ މިރޭގެ މެޗުން ފެނިގެން ދިޔައީ ދެ ޓީމުން ވެސް ވަރުގަދައަށް މަސައްކަތްކުރި މަންޒަރު ކަމަށާއި މިއީ ބެލުންތެރިންނަށް ހިތްގައިމު މެޗެއް ކަމަށެވެ.

"އެކަމަކު އަހަރެމެންނަށް މިއީ ވަރަށް އުނދަގޫ މެޗެއް. އަހަރެން ކުރިން ވެސް ފާހަގަކުރި ގޮތަށް އުނދަގޫ މެޗަކަށް މިވީ. ކޮންމެ މީހަކު ވެސް އުއްމީދުކުރޭ ކޮންމެ މެޗެއްގައި އަހަރެމެން ޕާސިން، ކޮމްބިނޭޝަން ފުޓްބޯޅަ ކުޅޭނެ ކަމަށް. އެކަމަކު ދަނޑުގެ ހާލަތު އެކަމަށް ތަންނުދޭ. އެކަމަކު ޝަކުވާކުރަން ބޭނުމެއް ނޫން،" އޮސްކާ ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ ދެ މެޗުގައި ޓީސީ އާއި މާޒިޔާއާ ޖެހުމަކީ އުނދަގުލެއް ކަމަށް ބައެއް ފަރާތްތަކުން ދުށްކަމުގައިވީ ނަމަވެސް އެ ދެ މެޗުން މޮޅުވުމާ އެކު، މިހާރު ބޮޑު ލުޔެއް ލިބިއްޖެ ކަމަށެވެ.

މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މެޗުގައި ފެނިގެން ދިޔައީ އޭނާގެ ޓީމުން މެޗު ޑޮމިނޭޓްކުރި މަންޒަރު ކަމަށާއި މި މެޗުގައި މަދުވީ ހަމައެކަނި ގޯލެއް ކަމަށެވެ.

"އަޅުގަނޑުގެ ނެތް ކުޅުންތެރިންނަށް އެއްވެސް ޝަކުވާއެއް. ކޮންމެ ގޮތެއް ވިޔަސް ލީގުގައި ކުރިއަށްދަންޏާ މޮޅުވުން މުހިއްމު. އެކަމަކު މިރޭ ކުޅުންތެރިން އެ ކުރި މަސައްކަތަށް ބަލާފައި އެއްވެސް ޝަކުވާއެއް ނެތް. އެއީ ނިއު ރޭޑިއަންޓް ފަދަ ވަރުގަދަ ޓީމެއްގެ މައްޗަށް މި ޑޮމިނޭޓްކުރީ. އަޅުގަނޑުމެން ދާނީ ކުރިއަށް،" އިންމަ ބުންޏެވެ.