Roadha Mihaaru
ވިލާއަށް ދިން ރަށްތައް އަތުލި މައްސަލަ މާދަމާ ބާއްވަނީ

ވިލާ އަށް ދޫކުރި ރަށްތަކާއި ފަޅުތައް އަތުލި މައްސަލަ މާދަމާ ސުޕްރީމް ކޯޓުގައި

07 މާޗް 2018

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ދޫކުރި ރަށްތަކާއި ފަޅުތައް ސަރުކާރުން އަތުލި މައްސަލަ އިސްތިއުނާފް ކުރަން ވިލާ އިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަތައް ބަލައިގަނެ، އެ މައްސަލައިގެ ޝަރީއަތް މާދަމާ ބާއްވަން އެ ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ދޫކުރި ރަށްތަކާއި ފަޅުތައް ސަރުކާރުން އަތުލި މައްސަލަ އިސްތިއުނާފް ކުރަން ވިލާ އިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަތައް ބަލައިގަނެ، އެ މައްސަލައިގެ ޝަރީއަތް މާދަމާ ބާއްވަން އެ ކޯޓުން ހަމަޖައްސައިފި އެވެ.

ރިސޯޓް ހެދުމަށް ވިލާގެ އެކި ކުންފުނިތަކަށް ސަރުކާރުން ދޫކުރި ބައެެއް ރަށްތަކާއި ފަޅުތައް 2015 ގައި ސަރުކާރުން އަތުލި މައްސަލާގައި ދަށު ކޯޓުން ވިލާއާ އެއްކޮޅަށް ހުކުމް ކޮށްފައި ވަނިކޮށް، ހައި ކޯޓުން މިދިޔަ އަހަރު އެ ހުކުމްތައް ބާތިލްކޮށް، އެ ރަށްތައް ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ވަނީ ހުކުމް ކޮށްފަ އެވެ.

ހައި ކޯޓުގެ އެ ހުކުމްތައް އިސްތިއުނާފް ކުރަން ވިލާ އިން ސުޕްރީމް ކޯޓަށް ހުށަހެޅި ފަސް މައްސަލައެއް ބަލައިގަނެ، އެ މައްސަލަތަކުގެ އަޑުއެހުން މާދަމާ ބާއްވަން ސުޕްރީމް ކޯޓުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

ރަށްތަކާއި ފަޅުތައް އަތުލި މައްސަލާގައި ވިލާ އިން ހުށަހެޅި އިސްތިއުނާފް މައްސަލައިގެ ޝަރީއަތް މާދަމާ ބާއްވާއިރު، އެ ތަންތަނުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 188 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ އެ ކުންފުންޏާ ދެކޮޅަށް ދައުވާކޮށްފަ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް ސިވިލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ.

ރަށްތައް އަތުލި މައްސަލަ އާއި އެ ތަންތަނުގެ ކުލީގެ މައްސަލަ ކޯޓުގައި ހިނގަމުންދާއިރު، ވިލާ އިން ދައްކަންޖެހޭ ޓެކްސް ފައިސާ ނުދައްކާ ކަމަށް ބުނެ ވެސް ދާދި ފަހުން މީރާ އިން ވިލާގެ ކުންފުނިތަކާ ދެކޮޅަށް ދައުވާ ކުރި އެވެ. އެކަމަކު އެ ފައިސާތައް ވިލާ އިން ދެއްކުމުން އެ ދައުވާތައް މީރާއިން މިހާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ.