Roadha Mihaaru
ގާސިމް ވިދާޅުވީ، ފަޅު ވިއްކަނީ ދަތިވެގެން ކަމަށް!

މި އުޅެނީ ވަރަށް ދަތިކޮށް، ފަޅު ވިއްކަން ޖެހުނީ އެހެންވެ: ގާސިމް

15 ޖޫން 2023

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ކ. ވާވެއްދިފަޅު ނުވަތަ ވާރެއްދޫ ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވީ އޭނާ އަށް ވަރަށް ބޮޑަށް ދަތިކުރުމުގެ ބޭނުމުގައި ކަމަށާއި އެކަމަކު އެކަން އެ ކުރަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށް ގާސިމް މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ކ. ވާވެއްދިފަޅު ނުވަތަ ވާރެއްދޫ ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވީ އޭނާ އަށް ވަރަށް ބޮޑަށް ދަތިކުރުމުގެ ބޭނުމުގައި ކަމަށާއި އެކަމަކު އެކަން އެ ކުރަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށް ގާސިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވާވެއްދިފަޅު ވިއްކުމުގެ 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ) ގެ މުއާމަލާތް ފެށުމާ އެކު، އޭސީސީން ވަނީ އެކަން ހުއްޓުވައިފަ އެވެ. އެކަމަކު، މިހާތަނަށް އޭގެ އެއްވެސް ތަފުސީލެއް އެ ކޮމިޝަނުން ނުދޭތީ، އެކަން ހަތް ދުވަހުގެ ތެރޭގައި ސާފުކޮށް ނުދީފި ނަމަ އޭސީސީ އާއި ޓޫރިޒަމް މިނިސްޓްރީއާ ދެކޮޅަށް ކޯޓަށް ދާނެ ކަމަށް ވިލާ އިން ވަނީ މިދިޔަ ހަފުތާގައި އަންގައިފަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް ޖޭޕީގެ ޓިކެޓް ދީފައިވާ ގާސިމް "މިހާރު" އަށް ވިދާޅުވީ، ކޮވިޑް-19 އާ އެކު ކުރިމަތިވި އިގްތިސާދީ އަޑިގަނޑާ ގުޅިގެން ކުންފުނި ވަރަށް ބޮޑަށް އަޑި އަޅާލި ކަމަށެވެ. އެކިއެކި ޓެކްސްތަކާއި އެހެނިހެން ގޮތް ގޮތުން ސަރުކާރަށް ފައިސާތައް ދައްކަމުން އައިސް އަދިވެސް 11 މިލިއަން ޑޮލަރު ނުދެއްކިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އަނެއްކާ ނުލާހިކު އޮކިއުޕަންސީ ދަށް. ދެ ރަށް ބަންދުކޮށްގެން މި އުޅެނީ. އަނެއް ތިން ރަށް ވެސް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ. އޮކިއުޕަންސީ އެހާ ބޮޑަށް ދަށްވީމާ މި އުޅެނީ މުވައްޒަފުންނަށް މުސާރަ ވެސް ހަމަ ނުކުރެވިގެން،" އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، ފައިސާގެ ތާށިކަމާ ހެދި އޭނާގެ ވިލާ އެއާގެ މުވައްޒަފުންނަށް ވެސް މުސާރަ ދޭން ދަތިވެފައިވާ ކަމަށެވެ. ވިދާޅުވީ، އެހެންވެ، އެއާލައިން ވެސް އޮތީ "ހުއްޓާލާ ހިސާބުގައި" ކަމަށް ވިދާޅުވި އެވެ.

"ވިޔަފާރީގައި އޮންނާނީ ފައިދާވާއިރާއި ގެއްލުންވާއިރު. ކޮވިޑްގައި ދިމާވި ކަންކަމާ ހެދި އަދިވެސް ނޭވާ ނުލެވިގެން މިދަނީ. އަނެއްކާ އެއްވެސް ވަގުތެއް ނުދީ ސަރުކާރުން ޓެކްސް ބޮޑުކޮށްލީ. މިނިމަމްވޭޖް ބޮޑުކޮށްލީ. އެހެން ގޮސް އެތައް ކަމެއް. ކޮވިޑަށް ފަހު މި ހުރިހާ ކަމެއް އައީ. ރިހޭފައިމައްޗަށް ފޮއި މި ވެއްޓުނީ،" ހަތަރު ރިސޯޓުގެ ވެރިޔާ ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވިގޮތުގައި ވާވެއްދިފަރު ވިއްކާލަން ނިންމީ އެ ދަތިތަކުން އަރައިގަތުމަށެވެ.

"އެކަމަކު ކީއްކުރާނީ. ނުލިބޭ އެއްޗެއް ނުދެވޭނެ ނޫންތޯ،" ގާސިމް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ވިލާ އަށް ދޫކުރި ރަށްތަކުގެ ތެރެއިން ވާވެއްދިފަޅު އަތުލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިސެމްބަރު 2015 ގަ އެވެ. އެ މިނިސްޓްރީން ދޫކުރި ބޭނުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ އޭރު އަތުލި ތަންތަނުގެ ތެރޭގައި ކ. ބޮލިދިއްފަރާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާ އާއި ކ. މާދިއްގަރުފަޅު ވެސް ހިމެނެ އެވެ.

ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ މަރުހަލާތަކަށް ފަހު، ސުޕްރީމް ކޯޓުން ނިމުނީ ވިލާ ކުންފުންޏާ އެއްކޮޅަށެވެ.

އޭސީސީ ގާނޫނާ ހިލާފު، ރައީސަށް ވެސް ދެންނެވި

ގާސިމް ވިދާޅުވީ، އޭނާގެ ކުންފުންޏަށް ވާވެއްދިފަޅު ލިބުނީ ސުޕްރީމް ކޯޓުގެ ނިންމުމަކުން ކަމަށް ވާއިރު، އެއާ ހިލާފު ކޮންމެ ބަޔަކު ވިޔަސް ގާނޫނާ ހިލާފުވާނެ ކަަމަށެވެ. އޭސީސީގެ އެންގުމަށް އެކަން ހުއްޓުވީ ޓޫރިޒަމް މިނިސްޓްރީން ކަމަށް ވާއިރު، ގާސިމް ވިދާޅުވިގޮތުގައި ސުޕްރީމް ކޯޓުގެ ނިންމުމެއް އޮތުމުން އޭސީސީގެ އެންގުމަށް ޓޫރިޒަމް މިނިސްޓްރީ އަށް އަމަލު ނުކުރެވޭނެ އެވެ.

"އޭސީސީގެ އަމަލުތައް ގާނޫނުއަސާސީއާ ހިލާފު. އަަޅުގަނޑުމެން ކުރާ ވިޔަފާރިއަކަށް އެ މީހުންނަށް ނުވަދެވޭނެ. ހާއްސަކޮށް ސުޕްރީމް ކޯޓުން ނިންމާފައި އޮތް ކަމަކަށް ނުވަދެވޭނެ. ޓޫރިޒަމް މިނިސްޓަރަށް ނުޖެހޭނެ އެެ އަށް އަމަލު ކުރާކަށް ވެސް،" ގާސިމް ވިދާޅުވި އެވެ.

"ގާނޫނުއަސާސީގައި އޮންނާނެ ގާނޫނާ ހިލާފަށް ކުރާ އަމުރަަށް ކިޔަމަން ނުވުމަށް ވެސް. އެ މީހުންނަށް [ޓޫރިޒަމް މިނިސްޓަރާއި ކަމާ ގުޅޭ އެހެން މުއައްސަސާތަކަށް] ނުކެރެނީ ރައީސުލްޖުމްހޫރިއްޔާގެ ބާރު އޮތީމާ."

ގާސިމް ވިދާޅުވީ، އެ މައްސަލައިގެ ވާހަކަތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ދަންނަވާ ކަމަށާއި އެކަމަކު ރައީސްގެ ޖަވާބަކީ އެކަމާ ބެހިވަޑައި ނުގަންނަވާ ކަމަށެވެ.

"އަޅުގަނޑު އެހިން ގާނޫނުއަސާސީގެ 115 ވަނަ މާއްދާގައި ނުބުނޭހޭ ދައުލަތުގެ މުއައްސަސާއަކުން ގާނޫނާ ހިލާފަށް ކަންކަން ކުރާ ނަމަ އެ ކަމެއް އިސްލާހު ކުރުމާއި އޮޑިޓް ކުރުމާއި އެ ކަމެއް ރައީސުލްޖުމްހޫރިއްޔާ ބައްލަވަން ވާނެ ކަމަކަށް. ރައީސް ވިދާޅުވީ، އެނގިވަޑައިގެންފިއްޔާ ހުއްޓުވަމޭ. ބައްލަވަމޭ،" މި ސަރުކާރު ހިންގާ ކޯލިޝަންގައި އަދިވެސް ހިމެނޭ ޖޭޕީގެ ލީޑަރު ގާސިމް ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތިމަންނަ އެއްވެސް ކަމަކަށް ހުރަހެއް ނާޅަމޭ. އަޅުގަނޑުގެ ކަމަކަށް ވިޔަސް ހުރަހެއް ނާޅުއްވަމޭ."

ފަޅު ވިއްކުން ހުއްޓުވީ މި ފަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް، ގާސިމަށް ލިބެން އޮތް މަންފާއެއް ހުއްޓުވުމަށް ކަމަށް ގަބޫލު ކުރައްވަންތޯ ދެންނެވުމުން ގާސިމް ވިދާޅުވީ، ކެމްޕެއިންތޯ ނުވަތަ އެހެން ކަމެއް ތޯ އެއްވެސް ބަޔަކު ބަލަން ނުޖެހޭނެ ކަމަށެވެ.

އަނެއްކާ ނުލާހިކު އޮކިއުޕަންސީ ދަށް. ދެ ރަށް ބަންދުކޮށްގެން މި އުޅެނީ. އަނެއް ތިން ރަށް ވެސް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ. އޮކިއުޕަންސީ އެހާ ބޮޑަށް ދަށްވީމާ މި އުޅެނީ މުވައްޒަފުންނަށް މުސާރަ ވެސް ހަމަ ނުކުރެވިގެން،"--- ގާސިމް

"ގާނޫނާ ހިލާފު ކަމެއް ނޫނިއްޔާ މި ކުރަނީ. ހާއްސަކޮށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަކަށް ނުވަދެވޭނެ،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފަޅު ވިއްކައިގެން ލިބޭ ފައިސާގެ މިލިއަނެއްހާ ރުފިޔާ ވެސް މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހަރަދު ކުރަން ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.

"ސަރުކާރަށް ރަނގަޅަށް އެނގޭނެ އަޅުގަނޑުމެން ދައްކަން ޖެހޭ ފައިސާ ހުންނާނެކަން. ކިހާވަރެއްކަން އެއީ. އެހެންވީމާ އަޅުގަނޑަށް ކެމްޕެއިނަށް ބޭނުން ކޮށްލަން މިލިއަނެއްހާ ޑޮލަރު ވެސް ނުލިބޭނެ،" ގާސިމް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަކުން ގާސިމަށް ވާވެއްދިފަޅު ލިބުނު ފަހުން ވެސް އޭސީސީން އެ ފަޅުގެ މައްސަލަ ބެލި އެވެ. އެކަމަކު، އެ ކޮމިޝަނުން އޭރު ނިންމީ ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނެތް ކަމަށެވެ.