Roadha Mihaaru
ނޭޕާލަށް ވެއްޓުނު ބޯޓުން 50 މީހުން ވަނީ މަރުވެފައި

ނޭޕާލަށް ވެއްޓުނު ބޯޓުން 50 މީހުން ވަނީ މަރުވެފައި

12 މާޗް 2018

ކަތުމަންޑޫ (މާޗް 12) - ނޭޕާލުގެ ކަތުމަންޑޫ އެއާޕޯޓް ކައިރިއަށް މިއަދު ވެއްޓުނު ބަންގްލަދޭޝް އެއާލައިންސްގެ ބޯޓުން ދަތުރުކުރި މީހުންގެ ތެރޭން 50 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކަތުމަންޑޫ (މާޗް 12) - ނޭޕާލުގެ ކަތުމަންޑޫ އެއާޕޯޓް ކައިރިއަށް މިއަދު ވެއްޓުނު ބަންގްލަދޭޝް އެއާލައިންސްގެ ބޯޓުން ދަތުރުކުރި މީހުންގެ ތެރޭން 50 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ފުލުހުންގެ ތަރުޖަމާން މަނޯޖް ނެއުޕާން ވިދާޅުވީ ބޯޓު ވެއްޓުމާ އެކު 31 މީހަކު ވަގުތުން މަރުވި ކަމަށެވެ. އަދި އިތުރު ނުވަ މީހަކު ހޮސްޕިޓަލަށް ގެންދިޔަ ފަހުން މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެއްޓުނު ބަންގްލަދޭޝްގެ ބޯޓު ކައިރީ ރެސްކިއު ޓީމުތަކުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ވެއްޓުނު ބަންގްލަދޭޝްގެ ބޯޓު ކައިރީ ރެސްކިއު ޓީމުތަކުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ޔޫއެސް- ބަންގްލާ އެއާލައިންސްގެ ބޯޓުން ދަތުރުކުރީ 67 ޕަސިންޖަރުންނާއި ހަތަރު ފަޅުވެރިންނެވެ. އޭގެ ތެރޭގައި ހިމެނެނީ ނޭޕާލުގެ 33 ޕަސިންޖަރުންނާއި ބަންގްލަދޭޝްގެ 32 މީހަކާއި ޗައިނާ މީހަކާ އަދި ދިވެއްސެކެވެ. ނޭޕާލުގައި ކިޔަވަން އުޅޭ ދިވެހި ދަރިވަރަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ނޭޕާލުގެ ޓްރިބުވަން އިންޓަނޭޝަނަލް އެއާޕޯޓާ ކައިރީގައި އޮންނަ ފުޓުބޯޅަ ދަނޑަކަށް ބޯޓު ވެއްޓުނީ ޖައްސަން އުޅެނިކޮށެވެ. ބޯޓު ޖައްސަން ދިޔައިރު ކޮންޓްރޯލް ގެއްލިފައިވާ ކަމަށް އެއާޕޯޓުގެ އޮފިޝަލުން ބުނެ އެވެ. މަންޒަރު ދުށް މީހުން ބުނެފައި ވަނީ ބޯޓު ވެއްޓުނީ ޖައްސަން މަސައްކަތް ކުރި ދެ ވަނަ ފަހަރު ކަމަށެވެ. ބޯޓު ވެއްޓެން ދިމާވި ސީދާ ސަބަބެއް އަދި ނޭނގެ އެވެ.

ވެއްޓުނު ބަންގްލަދޭޝްގެ ބޯޓު ކައިރީ ރެސްކިއު ޓީމުތަކުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ވެއްޓުނު ބަންގްލަދޭޝްގެ ބޯޓު ކައިރީ ރެސްކިއު ޓީމުތަކުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ވެއްޓިފައި ވަނީ ކެނެޑާގެ ބޮމްބާޑިއާގެ ޑޭޝް 8 ގެ ބޯޓެއް ކަމަށް ބަންގްލަދޭޝްގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެ ބޯޓަށް 17 އަހަރުވެފައިވާ ކަމަށްވެ އެވެ.

ޔޫއެސް-ބަންގްލާ އެއާލައިންސްގެ ދަތުރުތައް ފަށާފައި ވަނީ ޖުލައި 2014 ގަ އެވެ. ޑާކާގައި ހިންގާ އެއާލައިނުން ބައިނަލްއަގުވާމީ ފުރަތަމަ ދަތުރުކޮށްފައި ވަނީ މެއި 2016 ގައި ކަތުމަންޑުއަށެވެ. އޭގެ ފަހުން ވަނީ ދެކުނު އޭޝިއާ، މެދުއިރުމަތި އަދި ދެކުނު އިރުމަތީ އޭޝިއާ އަށް ދަތުރުތައް ފުޅާކޮށްފަ އެވެ.