މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާ ގުޅިފައިވާ، މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދައި، ތާރު އެޅުމަށްޓަކައި އެ މަގުތައް މިއަދު ސާފުކުރަން ފަށައިފި އެވެ.
15 މާޗް 2018
މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާ ގުޅިފައިވާ، މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދައި، ތާރު އެޅުމަށްޓަކައި އެ މަގުތައް މިއަދު ސާފުކުރަން ފަށައިފި އެވެ.
މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ބްރިޖާ ހަމަށް ބޮޑުތަކުރުފާނު މަގު ފުޅާކޮށް މި މަހުގެ ތެރޭގައި ތާރު އަޅަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. ބްރިޖުން ފެށިގެން އާޓިފިޝަލް ބީޗްގެ އުތުރުކޮޅާ ހަމައަށް އޮތް ބައި ވެސް ފުޅާކޮށް، ތާރު އެޅުމަށް ވަނީ ނިންމައިފަ އެވެ.
ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަގު ހެދުމަށް "ސައިޓް ކްލިއާ" ކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު، ބްރިޖް ނިމުމުގެ ކުރިން މަގުތައް ހަދައި ނިމޭނެ ކަމަށެވެ.
މި މަހުގެ އަށް ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވެފައި ވަނީ ބޮޑުތަކުރުފާނު މަގު ފުޅާ ކުރުމުގެ ގޮތުން ޑިޒައިން ބަދަލުކޮށް ތޮށިގަނޑާ ހަމައަށް އެ މަގު ފުޅާކުރާނެ ކަމަށެވެ. އޭގެ އިތުރުން ބްރިޖާ ގުޅުވައިގެން، އަމީނީމަގު ހުރަސްކޮށް މޫންލައިޓް ހިނގުމުން ފެށިގެން މިހާރު އިމާރާތް ކުރަމުން އަންނަ ކިންގް ސަލްމާން މިސްކިތާ ހަމައަށް މަގު ފުޅާކޮށް، ތާރު އަޅައިގެން ހެދުމަށް ވަނީ ނިންމާފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. "ބްރިޖް ހަދާ ބޭފުޅުން އަމީނީ މަގާ ހަމަޔަށް ނިންމާނެ. އެހެންވީމަ އަމީނީ މަގު ހުރަސްކޮށް މޫންލައިޓް ހިނގުމުން ފެށިގެން ކިންގް ސަލްމާން މިސްކިތާ ހަމަޔަށް މަގު ފުޅާކުރެވޭނެ ކޮންމެ ވެސް ވަރަކަށް އާޓިފިޝަލް ބީޗް ތެރެއަށް،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންނަ އޮގަސްޓް މަހުގެ ނިޔަލަށް، މާލޭގެ ބޭރު މަގުގެ ޓްރެފިކަށް ފަސޭހަވާނެ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށެވެ. އެގޮތުން ބްރިޖާ ގުޅުވައިގެން ހަދާ މަގުތަކުގެ އިތުރުން ވިޔަފާރި ބަނދަރުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖަށް ދަތުރުކުރަން އޮންނަ މަގުތަކަށް ވެސް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ބްރިޖްގައި، މާލޭ ކޮޅުން ކޮންކްރީޓް ކުރަމުންދާ ބަޔާއި ހުޅުލޭ ކޮޅުން ކޮންކްރީޓް ކުރަމުންދާ ބައި އެކުގައި ގުޅާލެވި ބްރިޖްގެ ކޮންކްރީޓް މަސައްކަތްތައް އަންނަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހަށް ނިމޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޗައިނާ ސަރުކާރުުގެ ލޯނާއި ހިލޭ އެހީގައި ކުރިއަށް ގެންދާ އެ މަޝްރޫއުގެ މަސައްކަތް ކުރަނީ ޗައިނާ ކުންފުންޏެއް ކަމަށްވާ ސީސީސީސީ އިންނެވެ. ޖުމްލަ 200 މިލިއަން ޑޮލަރު ޚަރަދުވާ އެ މަޝްރޫއަށް ޗައިނާ އިން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭއިރު ބާކީ ބަޔަކީ އެ ގައުމުން ދޭ ލޯނެކެވެ.
ބްރިޖާ ގުޅޭ މަގުތައް ހުޅުވާލާނީ ބުރާސްފަތި ދުވަހު
"މާލޭގައި ތާރު އެޅުން ދެ ދުވަސްތެރޭ ނިންމާނަން"
"ތާރު އަޅާ މަގުތައް ބްރިޖު ހުޅުވެންވާއިރަށް ނިމޭނެ"
ބްރިޖާއި ހުޅުމާލެ ގުޅުވާލާ ހައިވޭ ހަދަން އެޗްޑީސީ އަށް
ބްރިޖުގެ ފީ ނެގުން އާ ސަރުކާރަށް ދޫކޮށްލައިފި
ތާރު ނެއްޓުނީ ޖަންކްޝަނެއްގެ މަތި އަޅަން ދޫކުރިތަނަކުން
ފެންބޮޑުވާ މައްސަލައިގެ ޖަވާބުން ރުޅިގަދަވެއްޖެ!
ދަތުރުތަކަށް ބްރިޖު ހުޅުވާލާނީ މާދަމާ ހަވީރު 4ޖަހާއިރު
ބްރިޖާ ގުޅޭ މާލޭގެ ބޮޑު މަގުގައި ތާރު އަޅައިފި
ބްރިޖު ހުޅުވުމުން އުފަލާއެކު ރާޅާ އެޅޭނެ: މުއިއްޒު