Roadha Mihaaru
ރާއްޖެއަށް ގެންނަން އުޅެނީ އެހެން ހާލަތެއް: ނަޝީދު

ރާއްޖެއަށް ގެންނަން އުޅެނީ އެހެން ހާލަތެއް، ދުލެއް ނުދޭނަން: ނަޝީދު

22 މާޗް 2018

މިދިޔަ މަހުގެ 5 ގައި ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ފަހު، ރާއްޖެ އަށް ގެންނަން އުޅެނީ އެހެން ހާލަތެއް ކަމަށާއި ނަމަވެސް ރައްޔިތުން އެކަމުގައި ދުލެއް ނުދޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މިދިޔަ މަހުގެ 5 ގައި ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ފަހު، ރާއްޖެ އަށް ގެންނަން އުޅެނީ އެހެން ހާލަތެއް ކަމަށާއި ނަމަވެސް ރައްޔިތުން އެކަމުގައި ދުލެއް ނުދޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިހާރު ސްރީ ލަންކާގައި ދިރިއުޅުއްވަމުން ގެންދަވާ ނަޝީދު ވިދާޅުވީ ރައީސް ޔާމީން އިއުލާންކުރައްވަނީ "ހުދުމުހުތާރު ވެރިކަމާއި ޗައިނާގެ ގޮނޑިކޮއްކޮ ދައުލަތެއް ކަމުގެ ހާލަތު" ކަމަށެވެ.

"މިއީ ދިވެހިން އުންމީދުކުރާ، ބޭނުންވާ ގޮތެއް ނޫން. އަޅުގަނޑުމެން ވާގިވެރި ސިޔާސީ ޕާޓީތައް، ރާއްޖޭގެ ރައްޔިތުން ދުލެއް ނުދޭނަން،" ނަޝީދު ވިދާޅުވި އެވެ.

"ރާއްޖެ އަލުން އަނބުރައި ދިވެހި ރައްޔިތުންނަށް ހޯދައި ދޭނަން."

ނަޝީދު އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވި ގޮތުގައި ރައީސް ޔާމީން ކުއްލި ހާލަތު އިއުލާން ކުރެއްވީ ޝަރީއަތުގެ ނިޒާމާއި ގާނޫނު ހެދުމުގެ ނިޒާމު ގަނޑުބަޑުކޮށް ބަލިކަށި ކުރާށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުއްލި ހާލަތުގެ ދަށުން 400 މީހުން ހައްޔަރުކުރި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރައީސް ޔާމީން އިއުލާން ކުރައްވާ އަނެއް ހާލަތުގައި ދިވެހިން ތިބޭނީ ހައްގުތައް ގެއްލި، ޗައިނާ އަށް އިންތިހާއަށް ދަރަނިވެރިވެފަ އެވެ. ރައީސް ޔާމީންގެ ތަރައްގީގެ ތަސައްވުރަކީ އޮޅުވާލުމެއް ކަމަށާއި "ކޮންކްރީޓަކީ" ތަރައްގީއެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމެއްގެ ތެރެއިން މީހަކު ހައްޔަރު ކުރަނީ. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމެއްގެ ތެރެއިން މީހަކު ހައްޔަރު ކުރަނީ. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ބްރިޖަކަސް، ކިތައް ބުރީގެ އިމާރާތަކަސް، އެއީ ތަރައްގީއެއް ނޫން. އެއީ ދަރަނި. ރާއްޖޭގެ ވިޔަފާރިތަކާއި ދިވެހި ދައުލަތާއި ސަރުކާރު ޗައިނާގެ އެގްޒިމް ބޭންކަށް ދެރުވުމަށްޓަކައި އެ ބޭންކް އެތިބެނީ ފޫގަޅާފައި. ރާއްޖެ މިވެއްޓެނީ އަނދަވަޅަކަށް،" މާލެ އާއި ހުޅުލެއާ ދެމެދު އަޅަމުން އަންނަ ބްރިޖާއި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައީސް ޔާމީން ދައްކަވާ އެތައް ހާސް "ކާޓޫން ހުއްޖަތެއްގައި" ވެސް އުއްތަމަ ފަނޑިޔާރަކީ އަބްދުﷲ ސައީދު ކަމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކީ އަލީ ހަމީދެވެ. މި ދެ ބޭފުޅުން ވެސް ތިއްބަވަން ޖެހޭނީ ސުޕްރީމް ކޯޓުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްސަލައެއް ބެލުމުގެ އިހްތިސޯސެއް ނޯންނާނެ ކަމަށާއި ދެ ފަނޑިޔާރުންގެ މައްސަލަ ބަލަން ޖެހޭނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަފުޅުގައި ވަނީ ޗީފް އޮފް ޑިފެންސް ފޯސް، އަހުމަދު ޝިޔާމާއި ފުލުހުންގެ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒާއި ފުލުހުންނާއި ސިފައިންގެ ވަކިވަކި ފަރުދުންގެ މައްޗަށް ވާޖިބު ވަނީ ދެ ފަނޑިޔާރުން ސުޕްރީމް ކޯޓަށް ގެނައުން ކަމަށް ވިދާޅުވެފަ އެވެ.

ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލިސް އަލުން ގާއިމުކޮށް، ރާއްޖެ ހޯދައި ދިނުމަކީ ރައްޔިތުން މިހާރު ކުރަން ޖެހިފައިވާ ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ޝަރީއަތުގެ އަޑު އެހުމަކަށް ފަހު، އުއްތަމަ ފަނޑިޔާރު ދޫނިދު އަށް ގެންދަނީ. --ފޮޓޯ/މިހާރު

ޝަރީއަތުގެ އަޑު އެހުމަކަށް ފަހު، އުއްތަމަ ފަނޑިޔާރު ދޫނިދު އަށް ގެންދަނީ. --ފޮޓޯ/މިހާރު