Roadha Mihaaru

ސަރުކާރު ބައިބައިވެއްޖެ، އެއް ހައްލަކީ ބަރުލަމާނީ ނިޒާމުގެ ވޯޓު: އާދަމް ޝަރީފް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ބަލިވެ، އެންމެ ފަހުން އެ ސަރުކާރުގެ ތެރޭގައި ބައިބައިވުން ވެސް އުފެދުމުން ދެން އޮތް ހައްލަކީ ބަރުލަމާނީ ނިޒާމަކަށް ދާން ފެނޭތޯ ބެލުން ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.

އެއް ހައްލަކީ ޕާލަމެންޓަރީނިޒާމުގެ ވޯޓު: އާދަމް ޝަރީފް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ބަލިވެ، އެންމެ ފަހުން އެ ސަރުކާރުގެ ތެރޭގައި ބައިބައިވުން ވެސް އުފެދުމުން ދެން އޮތް ހައްލަކީ ބަރުލަމާނީ ނިޒާމަކަށް ދާން ފެނޭތޯ ބެލުން ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މި ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި މިއަދު ޖަލްސާތައް ފަށަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުއްލި ގޮތަކަށް މަސައްކަތްޕުޅު ފެއްޓެވުމުން އެ މައްސަލައިގައި އެމްޑީޕީގެ އެތެރޭގައި އުފެދުނު ބައިބައިވުމާ ގުޅިގެންނެވެ.

މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ ލޮކްޑައުންގެ މުއްދަތު އަންނަ ބުރާސްފައްޗަށް ހަމަވާއިރު، ނަޝީދު ވިދާޅުވަނީ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ނުފައްޓަވައި، އެ ހިސާބަށް މަޑުކުރައްވައިގެން ހުންނަވަން ދަތި ކަމަށެވެ. މަޖިލީހުގައި މިހާރު އޮތް އެންމެ މުހިންމު ކަމަކީ މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދެންމުމަށް ގާނޫނުއަސާސީ އަށް އިސްލާހެއް ގެނައުމެވެ. އެކަން ކުރެވޭނީ ނަޝީދު ވިދާޅުވެފައިވާ ގޮތުގައި މަޖިލީހުގެ ތަޅުމުގައި ޖަލްސާ ބާއްވައިގެންނެވެ. އަންނަ ޖޫން 3 ގެ ކުރިން ގާނޫނުއަސާސީ އަށް އެ ބަދަލު ގެންނަން މަޖުބޫރެވެ.

ފަހަކަށް އައިސް އިދިކޮޅު ކޯލިޝަނުން ގެންދަނީ ނަޝީދު ފާޅުކުރައްވާ ހިޔާލުތަކާއި އެ މަނިކުފާނު ދައްކަވާ ވާހަކަފުޅުތަކަށް އެކި ޕްލެޓްފޯމުތަކުގައި ތާއީދު ކުރަމުންނެވެ. އާދަމް ޝަރީފްގެ މި ހިޔާލު ވެސް އައީ އޭގެ ތެރެއިން ކަމަށް ބެލެވެ އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ ކޯޅުމާއި ދެބަސްވުން ބޮޑުވެފައިވާ މި ދަނޑިވަޅު ކުރީގެ ޑިފެންސް މިނިސްޓަރު، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ އިތުބާރެއް މި ސަރުކާރަށް މިހާރު ނެތް ކަމަށެވެ. އެހެންވެ ދެން އޮތީ އޭނާ ވިދާޅުވި ގޮތުގައި ދެ ގޮތެވެ.

އެއީ ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބޭއްވުން ނުވަތަ ޕާޓީ ބަދަލު ނުކުރެވޭ ގޮތަށް، ގާނޫނު ބަދަލުކޮށް، ބަރުލަމާނީ ނިޒާމަކަށް ދިއުމަށް ފެނޭތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ.

ފަހަކަށް އައިސް އިދިކޮޅު ކޯލިޝަނުން ގެންދަނީ ނަޝީދު ފާޅުކުރައްވާ ހިޔާލުތަކާއި އެ މަނިކުފާނު ދައްކަވާ ވާހަކަފުޅުތަކަށް އެކި ޕްލެޓްފޯމުތަކުގައި ތާއީދު ކުރަމުންނެވެ. އާދަމް ޝަރީފްގެ މި ހިޔާލު ވެސް އައީ އޭގެ ތެރެއިން ކަމަށް ބެލެވެ އެވެ.

އިދިކޮޅު ކޯލިޝަންގެ އިސް ލީޑަރަކު ޕާލަމެންޓްރީ ނިޒާމުގެ ވިސްނުން ކުރިއަށް ނެރުއްވިއިރު، މަޖިލީހުގެ ރައީސް ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ތާއީދު ކުރައްވަނީ ރައީސަކާއި ބޮޑުވަޒީރަކު ހުންނަވައިގެން ވެރިކަން ކުރާ ނިޒާމު ނުވަތަ ބަރުލަމާނީ ނިޒާމަކަށެވެ. އެހެންވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ވަކި ހިސާބަކުން، ނަޝީދު އިސްވެ ހުންނަވައިގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެ ބަދަލު ގެންނަވާނެ ކަމުގެ ތުހުމަތު އަބދުވެސް އަންނަނީ ކުރަމުންނެވެ.

ނަޝީދު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވިދާޅުވެފައި ވަނީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އެ މަނިކުފާނު އުޅުއްވާނީ މުޅި އެމްޑީޕީ އެކަމަށް ނުކުތުމުންނެވެ. މީގެ އިތުރުން އެ މަސައްކަތަށް ނުކުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެ ކަމަށް ބޭނުންފުޅުވުމުން ކަމަށް ނަޝީދު ވިދާޅުވެފައި ވެ އެވެ.

ރާއްޖޭގައި ވެރިކަން ކުރާނީ ރިޔާސީ ނިޒާމަށް ކަމަށް ކަނޑައެޅީ 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ. އެ ދުވަސްވަރު ވެސް އެމްޑީޕީން ބޭނުންވީ ބަރުލަމާނީ ނިޒާމެއް ހިންގާށެވެ.