Roadha Mihaaru
ރިއަލް އެސްޓޭޓް ކޯޕަރޭޝަނުން މާލޭގެ ގެތައް ހަދައިދެނީ

ރިއަލް އެސްޓޭޓް ކޯޕަރޭޝަނުން މާލޭގެ ގެތައް އިމާރާތްކޮށްދެނީ

28 މާޗް 2018

މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓް ކޯޕަރޭޝަނުން، މާލޭގައި ހުރި އަމިއްލަ މީހުންގެ ގޯތިތައް ވަކި އުސޫލުތަކެއްގެ ތެރެއިން އިމާރާތް ކޮށްދޭން ނިންމައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓް ކޯޕަރޭޝަނުން، މާލޭގައި ހުރި އަމިއްލަ މީހުންގެ ގޯތިތައް ވަކި އުސޫލުތަކެއްގެ ތެރެއިން އިމާރާތް ކޮށްދޭން ނިންމައިފި އެވެ.

އެމްޓީސީސީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ރިއަލް އެސްޓޭޓް ކޯޕަރޭޝަނުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މާލޭގައި ހުރި އަމިއްލަ މީހުންގެ ބިންތައް ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްދޭ ކަމަށެވެ. އަދި އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިއްޔެ އިން ފެށިގެން، އެމްޓީސީސީ ސޯމިލްގައި ހުންނަ އެ ކުންފުނީގެ އޮފީހުން މައުލޫމާތު ސާފުކުރުމަށް އެ އިއުލާނުގައި އެދިފައިވެ އެވެ.

ރިއަލް އެސްޓޭޓް ކޯޕަރޭޝަންގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ މާލޭގެ އަމިއްލަ ގެތައް އިމާރާތް ކޮށްދޭނެ ގޮތްތައް ނިންމާނީ ގޭގެ ވެރިފަރާތާ މަޝްވަރާކޮށްގެން ކަމަށެވެ. އެގޮތުން އެ ކުންފުންޏަށް ބައެއް ފްލޯތައް ދިގު މުއްދަތަށް ކުއްޔަށް ދޭ ގޮތަށް ވެސް އިމާރާތް ކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އަމިއްލަ ފައިނޭންސްގައި ވެސް އިމާރާތް ކޮށްދެވިދާނެ. މީގެ ކުރިން މާލޭގައި އަޅުގަނޑުމެން އަމިއްލަ ގެތައް އިމާރާތް ނުކުރި ނަމަވެސް ހުޅުމާލޭގައި އިމާރާތް ކުރުމަށް ފަހު އެޕާޓްމަންޓްތަކެއް ވިއްކާފައިވާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުޅުމާލޭގައި ހެދި ރީފް ރެސިޑެންސްގެ އެޕާޓްމަންޓްތައް ވިއްކި ނަމަވެސް މާލޭގައި އިމާރާތްކޮށްދޭ އެޕާޓްމަންޓްތައް ވިއްކުމުގެ ބަދަލުގައި ދޫކުރާނީ ކުއްޔަށް ކަމަށެވެ.

ރިއަލް އެސްޓޭޓް ކޯޕަރޭޝަނުން މާލޭގެ އަމިއްލަ މީހުންގެ ގެތައް ވަކި އުސޫލެއްގެ ތެރެއިން އިމާރާތް ކޮށްދޭ އިރު، އަމިއްލަ ކޮންސްޓްރަކްޝަން ކުންފުނިތަކުން ވެސް ބައެއް ފްލޯތައް ދިގު މުއްދަތަށް ލިބޭ ގޮތަށް އިމާރާތްކޮށްދެ އެވެ.