މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި، މާލެ ރަށްވެހިންގެ ތެރެއިން ގޯތި ސްކީމަށް އެދެވޭނީ މާލޭގެ ރަށްވެއްސަކަށްވެ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށް ކަމަށް ކަނޑައަޅާފައި އޮތް ޝަރުތު މުރާޖައާ ކުރުމާ މެދުގައި ވިސްނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
08 ޑިސެމްބަރ 2025
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި، މާލެ ރަށްވެހިންގެ ތެރެއިން ގޯތި ސްކީމަށް އެދެވޭނީ މާލޭގެ ރަށްވެއްސަކަށްވެ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށް ކަމަށް ކަނޑައަޅާފައި އޮތް ޝަރުތު މުރާޖައާ ކުރުމާ މެދުގައި ވިސްނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކަލާފާން ސްކޫލް ހޯލުގައި ރޭ ބޭއްވި ޖަލްސާގައި އާންމުންގެ މީހަކު ވަނީ މާލެ ރަށްވެހިންނަށް ގޯތި ދިނުމުގައި، މާލޭގެ ރަށްވެސަކަށްވެ ފަސް އަހަރުވެފައިވާ މީހަކަށް ވުން ޝަރުތުކޮށްފައި އޮތުމުން އެކަމާ ގުޅޭ ގޮތުން އޮތް ކަންބޮޑުވުމެއް ހިއްސާކޮށްފަ އެވެ.
އޭނާ ބުނީ އޭނާގެ އެއްބަނޑުއެއްބަފާ ހަ ބެއިން ފެށުނީއްސުރެ ދިރިއުޅެމުން އައީ މާލޭގައި އެ ކުދިންގެ މަންމަގެ އާއިލީ ގޯތީގައި ކަމަށެވެ. ނަމަވެސް، އެ ގެ ބަހައިގެން އެއްވެސް ތަންކޮޅެއް މަންމައަށް ނުލިބުމުން ހުރިހާ ކުދިންގެ ރަށްވެހިކަން އައްޑުއަށް ބަދަލުކުރި ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް، އައްޑޫގައި ރަށްވެހިކަން އޮތުމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުން އެއްވެސް ކުއްޖަކަށް ގޯއްޗަށް ކުރިމަތިނުލެވުމުން 2022 ވަނަ އަހަރު މާލެއަށް އަލުން ރަށްވެހިކަން ބަދަލުކުރި ކަމަށް އޭނާ ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އޭގެ ފަހުން، މި ސަރުކާރުން މިދިޔަ މަހު އިއުލާންކުރި ގޯތި ސްކީމަށް ޝަރުތު ކަނޑައެޅި އިރު ވެސް، މާލޭގައި ރަށްވެހިވެފައިވާތާ ފަސް އަހަރު ވެފައިވާން ޖެހޭ ކަމަށް އޮތުމުން ދެން ވެސް އެ މީހުންނަށް ގޯއްޗަށް ކުރިމަތިނުލެވޭ ކަމަށް އޭނާ ބުންޏެވެ.
"މިހާރު މި އޮތް އުސޫލުގެ ސަބަބުން ބޯހިޔާވަހިކަމަށް ޝަރުތު ހަމަ ނުވާ ވަރަށް ބޮޑު ގެޕެއް އުފެދޭ. އެ ގެޕަކީ މާލެ ރަށްވެހިންނަށް ބަދަލުކުރިތާ ފަސް އަހަރު ނުވާ، ނަމަވެސް މާލޭގައި މުޅި އުމުރު ދުވަހު ދިރިއުޅެމުންދާ މީހުން ބާކީވޭ،" އުސޫލު އިސްލާހުކޮށްދޭން އެދި އޭނާ ބުންޏެވެ.
އެ ކަންބޮޑުވުމާ ގުޅިގެން ރައީސް ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް އެކަމާ މެދުގައި އީޖާބީ ގޮތެއްގައި "ޕޮޒިޓިވް ނޯޓެއް"ގައި ސަރުކާރުން ވިސްނާނެ ކަމަށެވެ.
"ވިސްނާފައި އެއަށް ގެނެވޭނެ އެންމެ ބޮޑު ލުޔެއް ގެނެސްދީ، އެ މުއްދަތު ކުރުކޮށްދެވޭނެ އެންމެ ބޮޑަކަށް. އެ ހަމަ އެއްކޮށް އުވާ ވެސް ލެވިދާނެ. އެހެންވީމަ، އަޅުގަނޑުމެން ބަލާނަން އެއަށް ގެނެވޭނެ ބަދަލަކީ ކޮބައިތޯ. ބަލައިފައި އަޅުގަނޑުމެން ބޭނުންވަނީ އެންމެ ގިނަ ރައްޔިތުންނަށް ފުރުސަތު ދޭން،" ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި ގޯތި ދިނުމަށް ދެ ކެޓަގަރީއެއް ކަނޑައަޅާފައިވެ އެވެ. އެއީ މާލޭ ރަށްވެހިންގެ ކެޓަގަރީ އާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ކެޓަގަރީ އެވެ.
މާލެ ރަށްވެހިންގެ ކެޓަގަރީގެ ޝަރުތުތަކަކީ އުފަންވީއްސުރެ މާލޭގެ ރަޖިސްޓަރީގައި ޖެހިފައިވުން ނުވަތަ މާލޭ ރަށްވެހިންގެ ދަފުތަރުގައި ޖެހިފައިވުން ނުވަތަ ފަހުން މާލޭގެ ގެއެއްގެ ރަޖިސްޓަރީގައި ޖެހިފައިވުން ނުވަތަ މާލޭގެ ރަށްވެއްސަކަށްވެ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވުމެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ޝަރުތަކީ މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވުމެވެ.
"އާ ފްލެޓްތައް ހާއްސަ ކުރާނީ ވިލިމާލޭ ރައްޔިތުންނަށް"
ފްލެޓު ލިބޭނީ މާލޭގައި ދިރިއުޅޭތާ 15 އަހަރު ވުމުން
ފްލެޓް ދޭން ގެދޮރުނެތް މީހުންނަށް އިސްކަންދެވޭނެ ގޮތެއް
މާލޭގައި އުޅޭ މީހުންނަށް ގޯތި ދެނީ ދެ ކެޓަގަރީއަކުން
ސަރުކާރުގެ ބޯހިވާހިކަމުގެ ސިޔާސަތު އިފުތިތާހުކޮށްފި
ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އަޅަނީ
ގުޅިފަޅުން ދޭ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން ފަށައިފި
ގޯތިތަކުގެ އެއްބަސްވުމަށް ބަދަލުގެނައީ ގާނޫނާ ފުށުއަރާތީ
4،000 ފްލެޓުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި
މާލެއިން ގޯތި ދޫކޮށްލާ މީހުންނަށް ގޯތި ދޭން ފަށަނީ