Roadha Mihaaru
އިބޫ ކަމުދޭ، ރައީސް ޔާމީން ބައްޔެއް ނުކުރެވޭނެ:ނިހާން

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުކަން އިބޫ އަށް ހައްގު، އެކަމަކު ރައީސް ޔާމީން ބައްޔެއް ނުކުރެވޭނެ: ނިހާން

30 މާޗް 2018

އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޓިކެޓް އެންމެ ހައްގީ، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ކަމަށާއި އެކަމަކު އޭނާ އަށް ރައީސް އަބްދުﷲ ޔާމީން ބަލި ނުކުރެއްވޭނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޓިކެޓް އެންމެ ހައްގީ، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ކަމަށާއި އެކަމަކު އޭނާ އަށް ރައީސް އަބްދުﷲ ޔާމީން ބަލި ނުކުރެއްވޭނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން "ހުއްޓުވަން" ނަމުގައި އިދިކޮޅު ފަރާތްތަކުން މި މަހުގެ 16 ގައި ކުރި ބޮޑު މުޒާހަރާގެ ތެރެއިން ޖުމްހޫރީ މައިދާނަށް ވަދެވަޑައިގެންނެވި މައްސަލާގައި ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ ހައްޔަރުކޮށް، 12 ދުވަސް ފަހުން މިދިޔަ ބުދަ ދުވަހު ވަނީ ދޫކޮށްލައިފަ އެވެ.

އިބޫއާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ އެމްޑީޕީގެ ތެރޭގައި އިބޫގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ކުރީގެ ރައީސް، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދަށް ރިޔާސީ ޓިކެޓު ދިނުމަށް ބޭނުންވާ މީހުން އެބަތިބި ކަމަށެވެ. އެކަމަކު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ މެމްބަރުން ތާއީދު ކުރައްވަނީ ޝާހިދަށް ކަމަށް އެނގިވަޑައިގެންފައިވާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި އިބޫ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

ނޫސްވެރިންގެ ބައްދަލުވުމެއްގައި އިބޫ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކަށް ރައީސް ޔާމީން ބަލި ކުރެއްވޭނެ ވަރުގެ ކެންޑިޑޭޓެއް ނުނެރުއްވޭނެ އެވެ. އަދި އެވަރުގެ ގާބިލް ބޭފުޅެއް އިދިކޮޅު ފަރާތްތަކުގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، އެމްޑީޕީގެ ރިޔާސީ ޓިކެޓު އިބޫ އަށް ހައްގު ކަމަށް ވިދާޅުވީ، ފެށުނީއްސުރެ އެ ޕާޓީގައި ހުންނެވި ބޭފުޅަކަށް އޭނާ ވެވަޑައިގަންނަވާތީ، އެކަމަށް އިހްތިރާމް ކުރެއްވުމުގެ ގޮތުން ކަމަށް ނިހާން ވިދާޅުވި އެވެ.

"އާންމުކޮށް ޓްރާންސްފާ މާކެޓުގައި އަންނަ މީހުންނާއި ވައި ކުޑައިގައި ފައިބާ މީހުން ޕާޓީތަކުން ހިފަހައްޓާލެވޭ މިންވަރަކީ ވަރަށް ކުޑަ މިންވަރެއް،" ކުރީގެ ޑީއާރުޕީ ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ އިސް ބޭފުޅުންނަށް އިޝާރާތް ކުރައްވައި ނިހާން ވިދާޅުވި އެވެ.

"ފަހަރެއްގައި އިބޫ [ރިޔާސީ އިންތިޚާބަށް] ކުރިމަތިލާން ބޭނުން ނުވެދާނެ. އަޅުގަނޑަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓަކަށް ނެރެންވީ މީހާ ބުނެދޭން ޖެހޭ މީހާއެއް ނޫން. އެކަމަކު ސިޔާސީ ގޮތުން ހިޔާލު ފާޅުކުރެވިދާނެ."

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ރައީސް ޔާމީން އެކަންޏެވެ. އަދި، ރައީސް ޔާމީން ބަލި ކުރުމަށް އިދިކޮޅު ފަރާތްތަކުން ގުޅިގެން އެއް ކެންޑިޑޭޓެއް ނެރުމުގެ މަޝްވަރާތައް އަލުން ފަށަން ވަނީ ތައްޔާރުވެފަ އެވެ.

ސިޔާސީ މައިދާނުގައި 24 އަހަރު ހޭދަ ކުރެއްވި އިބޫ މިހާތަނަށް، ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައެއް ނުވެ އެވެ. ޅ. އަތޮޅު މެމްބަރުގެ ގޮތުގައި 1994 ގައި ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެން ފަސް ވަނަ ދައުރު ފުރުއްވަމުން ގެންދަވާ އިބޫ އަކީ ގާނޫނީ ދާއިރާގެ ތަޖުރިބާކާރެކެވެ. މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ ފަރުމާ ކުރުމުގައި އޭނާގެ ދައުރު ބޮޑެވެ.