Roadha Mihaaru
ނިހާން އާންމުކުރެއްވި ފޮޓޯއާއެކު ހޫނު ފެނަށް!

ނިހާން ޓުވިޓާގައި އާންމުކުރެއްވި ފޮޓޯއާއެކު ހޫނު ފެނަށް!

29 ޖުލައި 2018

ރާއްޖެ ދުށް އެންމެ ބޮޑު އަނިޔާވެރިއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ޓްވިޓާގައި އާންމުކުރެއްވި ފޮޓޯއާއެކު އޭނާ އަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ.

ރާއްޖެ ދުށް އެންމެ ބޮޑު އަނިޔާވެރިއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ޓްވިޓާގައި އާންމުކުރެއްވި ފޮޓޯއާއެކު އޭނާ އަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ.

ނަޝީދުގެ ފޮޓޯއަކާއެކު، ނިހާން ކުރެއްވި ޓްވީޓުގައި ރޭ ވިދާޅުވީ އެމްޑީޕީގެ ނަމުގައި މި ގައުމުގައި ވެރިކަން ކުރެއްވި ނަޝީދަކީ ރާއްޖެ ދުށް އެންމެ ބޮޑު އަނިޔާވެރިޔާ ކަމަށެވެ. ނަޝީދާއި "ޕަޕެޓް ޖަމާއަތުގެ" ސިޔާސަތަކީ އަނިޔާވެރި ސިޔާސަތެއް ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. ނިހާން ފާހަގަ ކުރެއްވި އެއް ކަމަކީ އެމްޑީޕީގެ ތިން އަހަރު ދުވަހުގެ ވެރިކަމުގައި ސިވިލް ސާވަންޓުންގެ މުސާރަ "ކަނޑާލުމެވެ".

ނިހާން ކުރެއްވި ޓުވީޓު.

ނިހާން އެގޮތަށް ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންނާ ގުޅޭ ގޮތުން، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ސިޔާސަތުތައް ރާއްޖެ ޓީވީގެ "އިބޫ" ޕްރޮގްރާމްގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހާމަކުރެއްވުމުން ކަމަށް ބެލެވެ އެވެ.

އިބޫ ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންނަށް އިތުރު ގަޑީގެ މުސާރަ ލިމިޓްކޮށްފައި އޮންނަ އޮތުން ހުއްޓާލައްވާނެ ކަމަށެވެ. އަދި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަތައް ރިވިއުކޮށް، ގެންނަން ޖެހޭ ބަދަލުތަކުގެ ތަފްސީލްތައް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިހާނަށް ފާޑު ކިޔައި ބައެއް މީހުން ކުރި ކޮމެންޓު.

ނިހާންގެ ވާހަކަތަކަށް ރައްދު ދީ ޓްވިޓާގައި މުހައްމަދު ރިފްއަތު ނަމުގައި ޝުއޫރު ފާޅުކުރި މީހަކު ބުނީ ނުހައްގުން ބަޔަކު ޖަލުގައި ބޭތިބުމަށް ކިޔަނީ އަނިޔާވެރިކަން ކަމަށެވެ. އަދި "ބިސްމި ކިޔާފައި" ވައްކަން ކުރުމަކުން ވައްކަން ހަލާލެއް ނުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ނިހާނަށް ފާޑު ކިޔައި ބައެއް މީހުން ކުރި ކޮމެންޓު.

"ޔާމީން ވެރިކަމަށް ގެންނަން އެންމެ ބޮޑު މަސައްކަތެއް ކުރެއްވި ނާޒިމް (ކުރީގެ ޑިފެންސް މިނިސްޓަރު) ވެސް ޖަލުގައި. އެއަށްވުރެ ބޮޑު އަނިޔާ ވެރިކަމެއްވޭތޯ؟" ސުޕަ ކްލަސްޓާ ނަމުގައި ޓްވިޓާގައި ޝުއޫރު ފާޅުކުރި މީހަކު ނިހާނަށް ފާޑުކިޔައި ބުންޏެވެ.

ޕްރެސްޝާނީގެ ނަމުގައި ޓްވީޓް ކުރި މީހަކު ވަނީ ނިހާނަށް، ނަޝީދަށް ލިބުނު ވަރުގެ ސަޕޯޓެއް ނުލިބުނީމަ އެކަމާ އަސަރު ކުރީތޯ ސުވާލުކޮށްފަ އެވެ. އަދި ރައީސް ޔާމީން، ނިހާނަށް އިތުބާރު ނުކުރައްވާ ކަމަށާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ވެސް ދެއްވީ ލަނޑެއް ކަމަށް އޭނާ ބުންޏެވެ.

ނިހާނަށް ފާޑު ކިޔައި ބައެއް މީހުން ކުރި ކޮމެންޓު.

އިބޫ ޖަލީލް ނަމުގައި ޓްވިޓާގައި ހިޔާލު ފާޅުކުރި މީހަކު ބުނީ އާސަންދައިގެ ހިދުމަތާއި ޓެކްސް ނިޒާމާއި އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތަކީ އެމްޑީޕީގެ ވެރިކަމުގައި ތައާރަފް ކުރި ބައެއް ކަންކަން ކަމަށެވެ. އެއީ ވެސް ރައްޔިތުންނަށް ގޯސްކަމެއްތޯ އޭނާ ވެސް ސުވާލު ކުރި އެވެ.

ނިހާން އަށް ފާޑު ކިޔައި މީހަކު ކުރި ކޮމެންޓެއް.

ބައެއް މީހުން ބުނި ގޮތުގައި ޕީޕީއެމްގެ ސަރުކާރު ވެރިކަމަށް އައިސް، މުޅި ގައުމު ވަނީ "ދަވާލައިފަ" އެވެ. ވެރިކަން ލިބުނީމަ، އަގު ބޮޑު ފްލެޓުތަކާއި ގަޑިތައް ލިބުނު މީހުންގެ މައްސަލަތައް ބެލޭނެ ދުވަހެއް އަންނާނެ ކަމަށް ވެސް ނިހާންގެ ވާހަކައަށް ރައްދު ދިން ބައެއް މީހުން ބުންޏެވެ.

"މިހާރު އޯވަޓައިމް ލިމިޓްކޮށްގެން ޔާމީން އެދެނީ އަނިޔާއެއް ނޫންތަ؟ ކުރީ ފަހަރު ވޯޓުލީ ތިކަންތައް ރަނގަޅު ވާނެ ކަމަށް،" ޕެލަމޯގެ ނަމުގައި ޓްވިޓާގައި ކޮމެންޓު ކުރި މީހަކު ބުންޏެވެ.