އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް ދާދިފަހުން ވަނީ ފަގީރަކަށް ހެދިގެން މުމްބައިގެ އެތައް މަގުތަކެއްގައި ހިނގައި މަގުގެ އެއްފަރާތުގައި އިށީނދެ އިނދެ ލަވަކިޔައިގެން ވަރަށް އާދަޔާޚިލާފު އެހާމެ ހިތްތަކަށް އަސަރުކުރާ ކަހަލަ ތަޖުރިބާއެއް ކޮށްފަ އެވެ.
24 މެއި 2016
އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް ދާދިފަހުން ވަނީ ފަގީރަކަށް ހެދިގެން މުމްބައިގެ އެތައް މަގުތަކެއްގައި ހިނގައި މަގުގެ އެއްފަރާތުގައި އިށީނދެ އިނދެ ލަވަކިޔައިގެން ވަރަށް އާދަޔާޚިލާފު އެހާމެ ހިތްތަކަށް އަސަރުކުރާ ކަހަލަ ތަޖުރިބާއެއް ކޮށްފަ އެވެ.
ގެދޮރުނެތި މަގުމަތީގައި އުޅޭ ފަގީރު މުސްކުޅިއެއް ގޮތަށް މޭކަޕްކޮށްގެން ޖޫހޫގެ މަގެއްގެ އެއްފަރާތު ކަނެއްގައި ހަރްމޯނިއަމުން ރާގު ކުޅެމުން ސޯނޫ ލަވަކިޔަމުން ގެންދިޔަ އެވެ.
އޭނާ ލަވަކިޔަން ފެށުމުން އެއްވެސް މީހެއްގެ ސަމާލުކަމެއް ނުލިބުނެވެ. ނަމަވެސް އޭނާގެ ލަވައިގެ އަޑުގަދަވެ ރީތިކަން އިތުރުވީ ވަރަކަށް މީހުންގެ ސަމާލުކަން ލިބޭލެއް އިތުރުވަމުން ދިޔަ އެވެ. އޭނާގެ ކައިރީގައި ލިޔުމެއް ބަހައްޓާފައި އެބަހުއްޓެވެ. އެ ލިޔުމުގައި ވަނީ "އުފާހޯދަން ތި ހޯދަނީ ކޮންތަނެއް ހެއްޔެވެ؟ އުފާވެރިކަން ވަނީ މިތަނުގަ އެވެ." މިހެންނެވެ.
އޭނާގެ މި ލިޔުމުގައިވާ މާނައިގެ ރީތިކަމުންނާއި އޭނާ ލަވަކިޔާލެއް ރީތިކަމުން ގިނަ ބަޔަކު ޖަމާވެ އެ އަޑުގެ ޖާދޫގައި ޖެހިފައި ތިއްބެވެ. ނަމަވެސް އެއްވެސް މީހަކަށް އެއީ ސޯނޫކަމެއް ނޭނގެ އެވެ.
ވަރަށް ގިނަ ފަހަރަށް ވަރަށް ހުނަރުވެރި މީހުންނާ ވެސް އަހަރެމެންނަށް ދިމާވެ އެވެ. ނަމަވެސް އެއީ ކާކުކަމެއް ދެނެއެއް ނުގަނެވެ އެވެ. ނަމަވެސް ސޯނޫގެ މި މަސައްކަތުގެ އަގު ވަޒަންކުރާނެ ޒުވާނަކު އޭނާއާ ބައްދަލުވެ އެވެ. އަދި އޭނާ ކަންތައް ކުރި ގޮތުން ސޯނޫ އަށް ވެސް އަދި މި ވީޑިއޯ ބެލި އެންމެންނަށް ވެސް އިންތިހާއަށް އަސަރު ކުރި އެވެ. އަދި މިޒަމާނުގައި ވެސް މިފަދަ މީހުން މަދުން ނަމަވެސް ތިބިކަން މި ޒުވާނާ އަމަލުކުރި ގޮތުން ސާބިތުވާކަން ހާމަވިކަމަށް ސޯނޫ ބުނެފައިވެ އެވެ.
ވީދި ހަލާކުވެފައިވާ ބާ ހެދުމެއްގައި ނުރަ އިސްތަށިގަނޑެއް ޖަހައި މޫނުގެ ސިފަ ބަދަލުކޮށްގެން ހުރި ސޯނޫ އެއްވެސް މީހަކަށް ފާހަގަ ނުކުރެވޭ ވަރަށް ސިފަ ބަދަލުވެފައި ހުރުމުން ސޯނޫގެ ލަވަ އަޑުއެހުމަށް އޭނާގެ ކައިރިއަށް އެއްވި މީހުންގެ ތެރޭގައި ހުރި މި ޒުވާން ފިރިހެން ކުއްޖާއަކަށް ހަގީގަތުގައިވެސް އެއީ ސޯނޫ ކަމެއް ނޭނގެ އެވެ.
އޭނާ ވަރަށް އިހުތިރާމާ އެކު ސޯނޫ ކައިރީގައި އޭނާ އެ ކިޔާ ލަވަ ރެކޯޑްކޮށްލަންތޯ ސުވާލު ކުރެ އެވެ. އަދި އޭނާގެ ފޯނުން ލަވަ ރެކޯޑް ކުރަން ފަށަ އެވެ. އެއަށްފަހު ސައި ބޮއެފިންތޯ ސުވާލުކޮށްލުމަށް ފަހު އެތަނުން ދަމުން ސޯނޫ އާ ސަލާން ކޮށްލާފައި ދަނީ އެވެ.
ސޯނޫގެ މި ތަޖުރިބާއާ ބެހޭ ގޮތުން ވާހަކަދައްކަމުން ފަހުން އޭނާ ބުނެފައި ވަނީ ތިން ގަޑިއެއްހާއިރު މުމްބައިގެ މަގުތަކުގައި ލަވަކިޔަމުން އޭނާ ކުރި މި ދަތުރުގައި ބައްދަލުވި މީހުންގެ ތެރެއިން އެ ޒުވާނާ އޭނާއަށް ފާހަގަކުރެވުނީ ސައި ބޮއެފިންތޯ ސުވާލުކޮށްލުމަށްފަހު މީހުންނަށް ނޭނގޭ ގޮތަށް އޭނާގެ އަތަށް ލައިދިން 12 ރުޕީސްގެ ސަބަބުން ކަމަށެވެ. އެ ޒުވާނާގެ އަމަލުން އޭނާއަކީ ކިހާ ރަނގަޅު މީހެއްކަން ސާބިތުވީ ކަމަށް ސޯނޫ ބުންޏެވެ.
ސޯނޫ މަގުމަތީގައި ލަވަކިޔަމުން ހިނގާ ވީޑިއޯ ޔޫޓިއުބުގައި އާއްމުވުމަށް ފަހު މިހާތަނަށް 3.5 މިލިއަނަށް ވުރެ ގިނަ މީހުން ވީޑިއޯ ބަލާފައިވެ އެވެ. އަދި ގިނަ ބަޔަކު ސޯނޫގެ މަސައްކަތަށް ތައުރީފުކޮށްފައިވެ އެވެ. ނަމަވެސް މި ޒުވާނާގެ ރަނގަޅުކަމުގެ ވާހަކަ ފެންމަތިވީ ސޯނޫ އެ ޒުވާނާއާ ބައްދަލުކުރަނިކޮށް ނަގާފައިވާ ވީޑީއޯއެއް އާއްމުވުމުންނެވެ.
ސޯނޫ ބުނި ގޮތުގައި މި ޒުވާނާގެ ދީލަތިކަމާއި ރަނގަޅުކަމުން އޭނާއަށް ކުރި އަސަރުން އޭނާ ދިން 12 ރުޕީސް ރީއްޗަށް ފްރޭމް ކުރުމަށްފަހު، އޭނާއަށް ލިބިފައިވާ އެވޯޑުތަކާއެކު ބަހައްޓާފައިވާ ކަމަށެވެ. އަދި އެ ހަނދާން މުޅި އުމުރަށް ވެސް އޭނާގެ ހިތުގައި ނުފިލާ ހުންނާނެ ކަމަށް ސޯނޫ ބުންޏެވެ. އަދި އެދުވަހު މަގުމަތީގައި ލަވަކިޔަން ހޭދަކުރި ވަގުތުތަކުގައި އެ ޒުވާނާ ނޫން މީހަކު ކައިފިންތޯ ވެސް އަހާ ނުލާ ކަމަށާއި އަދި އެއްވެސް ފައިސާއެއް ވެސް އެހެން މީހަކު ނުދޭކަން ސޯނޫ ފާހަގަކުރި އެވެ. ސޯނޫއަށް އެ ދުވަހު ފައިސާގެ އެހީ ދިނީ ޝާހްބާޒް އަލީ ކިޔާ ޒުވާނެކެވެ. އެ ޒުވާނާ ހޯދައި ސޯނޫ މިހާރު ވަނީ "ބީން އިންޑިއަން" ކިޔާ ފޭސް ބުކް ސައިޓެއްގައި ލައިވް ޗެޓް ސެޝަންއެއްގައި އެ ޒުވާނާ އާ ބައްދަލުކޮށްފަ އެވެ.
އެ ޒުވާނާ ސޯނޫ އާ ބައްދަލުވުމުން އޭނާގެ ގައިގައި ބައްދައިގެން އެތައް އިރަކު ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓެވެ. އަދި އޭނާއަށް ސޯނޫ ދިން ލޯތްބަށް އެ ޒުވާނާ އެތައް ފަހަރަކު ޝުކުރު އަދާކުރި އެވެ. އަދި ސޯނޫވެސް އެ ޒުވާނާގެ ދީލަތިކަން ދެއްކި ގޮތަށް ޝުކުރު އަދާކުރި އެވެ.
ސޯނޫ ނިގަމް ފަގީރަކަށް ވެގެން މަގުމަތީގައި ލަވަކިޔަނިކޮށް އޭނާއަށް ސައިބޯން ފައިސާ ދިން ޒުވާނާ އާ ބައްދަލުކުރަނީ
ޝާހްބާޒް ބުނި ގޮތުގައި ސޯނޫ ނިގަމް އަށް ވުރެ ވެސް އެމީހާ ލަވަކިޔާލެއް މާރީތިކަމަށް އޭނާ ކައިރީ ބުނަން އެ ދުވަހު ހިތަށް އެރި އެވެ. އަދި އެ ދުވަހު ފައިސާ ދިނީ ކޮންމެހެން ވަކި މީހަކަށް ވާތީ ނޫން ކަމަށާއި މަގުމަތީގައި އުޅޭ އެކަހަލަ މީހުންނަށް އޭނާގެ އަތުގައި ފައިސާ ހުރި މިންވަރަކުން އަބަދުވެސް އެއްޗެއް ފޯރުކޮށްދޭ ކަމަށް ޝާހްބާޒް ބުންޏެވެ.
ނޭނގި ނަމަވެސް ޝާހްބާޒަށް ކުރެވުނު މި އަމަލުގެ ސަބަބުން އޭނާއަށް ވެސް ވަނީ ބޮޑު މަޝްހޫރުކަމެއް ލިބިފަ އެވެ. އަދި ސޯނޫ ބުނި ގޮތުގައި ޝާހްބާޒްގެ ރަނގަޅުކަމުގެ ބަދަލުގައި އޭނާވެސް ޝާހްބާޒަށް ކޮންމެވެސް ކަހަލަ އިނާމެއް ދޭނެ އެވެ.
ސޯނޫ ނިގަމްގެ ބައޮގްރަފީ މި އަހަރުގެ ފަހުކޮޅު
ތަރިންނާއެކު އިންޑިއާގައި އަނެއްކާވެސް ބޮޑު ކައިވެންޏެއް
"ހައްގު" ނުހިފެހެއްޓި، އިއްޔެ ޕްރިމިއާކޮށްފި
ތާޖް މަހަލްއަކީ ފައްޅިއެއް ކަމަށް ބުނާ ފިލްމެއް
މޯދީގެ ދިރިއުޅުމަށް ފިލްމެއް ހަދަނީ
ކަޝްމީރް ފައިލްސްގެ ޑައިރެކްޓަރަށް ބޮޑު ނާކާމިޔާބީއެއް
ދިލްޖީތުގެ އާ ފިލްމުގައި ޕާކިސްތާނުގެ ތަރިއެއް
ޕީވީއާރް އިން ސިނަމާއެއް ހަދަން ބޭނުންވަނީ ރާއްޖޭގައި
"އޮޕަރޭޝަން ސިންދޫރު" ބޭނުންކުރުމާ ދެކޮޅަށް ކޯޓަށް
އިންޑިއާ-ޕާކިސްތާން ފަންނާނުންގެ މެދުގައި "ހަމަލާތައް"