Roadha Mihaaru

އިނގިރޭސިން ދަނީ "އަލިފާނާ ކުޅެމުން" ކަމަށް ރަޝިޔާ އިން ބުނެފި

މޮސްކޯ (އެޕްރީލް 6) - އިނގިރޭސި ވިލާތުން "ފޭކް ވާހަކައެއް" އުފައްދައިގެން "އަލިފާނާ ކުޅެމުންދާ ކަމަށް" ރަޝިޔާ އިން ބުނެފި އެވެ.

އިނގިރޭސިން ދަނީ އަލިފާނާ ކުޅެމުން: ރަޝިޔާ
ހަސަން އާމިރު
ހަސަން އާމިރު

06 އެޕްރީލް 2018

މޮސްކޯ (އެޕްރީލް 6) - އިނގިރޭސި ވިލާތުން "ފޭކް ވާހަކައެއް" އުފައްދައިގެން "އަލިފާނާ ކުޅެމުންދާ ކަމަށް" ރަޝިޔާ އިން ބުނެފި އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ރަޝިޔާގެ މަންދޫބު ވަސިލީ ނެބެންޒިއާ ވިދާޅުވީ އިނގިރޭސި ވިލާތުގެ މައިގަނޑު ބޭނުމަކީ އަސްލެއް ނެތް ވާހަކަތަކެއް އުފައްދައިގެން މައްސަލަ ގޯސް ކުރުން ކަމަށެވެ.

ދެ ގައުމުގެ ގުޅުން ގޯސްވެފައި ވަނީ ރަޝިޔާގެ ކުރީގެ ޖާސޫސަކަށް ވިހަ ދިން މައްސަލައިގަ އެވެ. ސަލްސްބަރީގެ ޝޮޕިން މޯލެއްގެ ބޭރުގައި ކުރީގެ ޖާސޫސް ސާގީ ސްކްރިޕަލް އާއި އޭނާގެ އަންހެން ދަރިފުޅު ޔޫލިއާ އަށް ވިހަ ދިން މައްސަލައިގެ ތުހުމަތު އިނގިރޭސި ވިލާތުން އަޅުވާފައި ވަނީ ރަޝިޔާގެ ބޮލުގަ އެވެ. އެކަމަކު ރަޝިޔާ އިން އެކަން ދޮގު ކުރެ އެވެ. ޔޫލިއާ، 33، މިހާރު ވާހަކަ ދައްކަން ފަށާފައިވީ ނަމަވެސް އޭނާގެ ބައްޕަ ސްކްރިކަލް، 66، ގެ ހާލު ދެރަ އެވެ.

މި މައްސަލާގައި ދެ ގައުމުގެ ގުޅުން ހީނަރުވެފައިވާ އިރު އިނގިރޭސި ވިލާތުން ވަނީ ރަޝިޔާގެ 23 ޑިޕްލޮމެޓުން ފޮނުވާލައިފަ އެވެ. އަދި ރަޝިޔާ އިން ވެސް ވަނީ އިނގިރޭސި ވިލާތުގެ 23 ޑިޕްލޮމެޓުން ފޮނުވާލައިފަ އެވެ. މީގެ އިތުރުން 20 އަށް ވުރެ ގިނަ ގައުމުން ވަނީ ރަޝިޔާގެ ޑިޕްލޮމެޓުން ފޮނުވާލައިފަ އެވެ.