Roadha Mihaaru
ސީރިއާއާ ގުޅޭ ގަރާރު ރަޝިޔާ އިން ވީޓޯ ކޮށްފި

ސީރިއާއާ ގުޅޭ ގޮތުން އެމެރިކާ އިން ހުށަހެޅި ގަރާރު ރަޝިޔާ އިން ވީޓޯކޮށްފި

11 އެޕްރީލް 2018

ޔުނައިޓެޑް ނޭޝަންސް (އެޕްރީލް 11) - ސީރިއާގެ އިރުމަތީ ޣޫތާގައި ދިން ކެމިކަލް ހަމަލާ ތަހްގީގު ކުރަން ތަޖްރިބާކާރުންގެ ޓީމެއް އެކުލަވާލަން އެމެރިކާ އިން ހުށަހެޅި ގަރާރު ރަޝިޔާ އިން ވީޓޯކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޔުނައިޓެޑް ނޭޝަންސް (އެޕްރީލް 11) - ސީރިއާގެ އިރުމަތީ ޣޫތާގައި ދިން ކެމިކަލް ހަމަލާ ތަހްގީގު ކުރަން ތަޖްރިބާކާރުންގެ ޓީމެއް އެކުލަވާލަން އެމެރިކާ އިން ހުށަހެޅި ގަރާރު ރަޝިޔާ އިން ވީޓޯކޮށްފި އެވެ.

މިއީ ސީރިއާގެ ހަނގުރާމަ ފެށި ފަހުން އެ ގައުމާ ގުޅޭ ގޮތުން ހުށަހެޅި ގަރާރުތަކުގެ ތެރޭން ރަޝިޔާ އިން ވީޓޯކުރި 12 ވަނަ ގަރާރެވެ. ރަޝިޔާ އިން ގަރާރު ވީޓޯ ކުރި އިރު ވަނީ ސީރިއާ އަށް ރައްދު ދިނުމުގެ ގޮތުން އަސްކަރީ ހަމަލާއެއް ދީފާނެކަމުގެ އިންޒާރުތައް ދޭން ފަށައިފަ އެވެ.

އެމެރިކާގެ ގަރާރާ އެއްކޮޅަށް ސަލާމަތީ މަޖިލީހުގެ 12 މެންބަރުން ވޯޓުދީފައިވެ އެވެ. ރަޝިޔާގެ އިތުރުން ބޮލީވިއާ އިން ވަނީ ގަރާރު ވީޓޯކޮށްފަ އެވެ. ޗައިނާ އިން ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ. ގަރާރު ފާސް ކުރުމަށްޓަކައި ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުން ކަމަށްވާ ރަޝިޔާ، ޗައިނާ، ފްރާންސް، އިނގިރޭސި ވިލާތް އަދި އެމެރިކާގެ ވީޓޯ ކުރުމަކާ ނުލައި ގަރާރާ އެއްކޮޅަށް ނުވަ ވޯޓު ލިބެންޖެހެ އެވެ.

ސީރިއާ އާއި ރަޝިޔާ އިން ބުނެފައި ވަނީ ދޫމާގައި ކެމިކަލް ހަމަލާއެއް ނުދޭ ކަމަށެވެ. އެކަމަކު އެހީދޭ ޖަމާއަތްތަކުން ވަނީ ކެމިކަލް ހަމަލާއެއް ދިން ކަމަށް ބުނެފަ އެވެ.

ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ރަޝިޔާގެ ސަފީރު ވަނީ ތަހުގީގު ކުރުމަކާ ނުލައި ކުށްވެރިވާ މީހުން މިހާރު ވެސް ކަނޑައަޅައިފި ކަމަށާއި އިތުރު ތަހްގީގެއް ކުރުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު ކޮށްފަ އެވެ.

ސަލާމަތީ މަޖިލީހަށް ރަޝިޔާ އިން ހުށަހެޅި ގަރާރު ވެސް ވަނީ ވީޓޯކޮށްފަ އެވެ. ރަޝިޔާގެ ގަރާރާ ދެކޮޅަށް ހަތް ގައުމުން ވޯޓު ދިނެވެ. އެއްކޮޅަށް ވޯޓު ދިނީ ހަ ގައުމުންނެވެ. ދެ ގައުމުން ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ.