Roadha Mihaaru
ބައްޝާރަކީ ޓެރަރިސްޓެއް، އޭނާއާ އެކު ސުލްހައެއް ނެތް

ބައްޝާރަކީ ޓެރަރިސްޓެއް، އޭނާއާ އެކު ސުލްހައެއް ނެތް: އުރްދުޣާން

28 ޑިސެމްބަރ 2017

ސީރިޔާގެ ރައީސް ބައްޝާރުލް އަސަދަކީ ޓެރަރިސްޓެއް ކަމަށާއި، ބައްޝާރާ އެކުގައި ސީރިޔާގެ ސުލްހައިގެ ވާހަކަތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރްދުޣާން އިއްޔެ ވިދާޅުވެއްޖެ އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ސީރިޔާގެ ރައީސް ބައްޝާރުލް އަސަދަކީ ޓެރަރިސްޓެއް ކަމަށާއި، ބައްޝާރާ އެކުގައި ސީރިޔާގެ ސުލްހައިގެ ވާހަކަތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރްދުޣާން އިއްޔެ ވިދާޅުވެއްޖެ އެވެ.

އުރްދުޣާންގެ މި ވާހަކަތަކާ ގުޅިގެން ސީރިޔާގެ ޚާރިޖީ ވުޒާރާ އިން ވަނީ ވަގުތުން ބަޔާނެއް ނެރެ އުރްދުޣާން އާއި ތުރުކީ ވިލާތަށް ރައްދު ދީފަ އެވެ. ސީރިޔާ އިން ބުނި ގޮތުގައި ސީރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވާ މީހަކީ އުރްދުޣާނެވެ.

ސީރިޔާގެ ދާޚިލީ ހަނގުރާމަ ފެށުނީއްސުރެ ތުރުކީ ވިލާތުން އަންނަނީ ބައްޝާރު ވެރިކަމުން ދުރުކުރުމަށް ތާއީދުކޮށް، އޭނާގެ ވެރިކަން ވައްޓައިލުމަށް ހަނގުރާމަކުރާ ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ނަމަވެސް ސިޔާސީ މަގްސަދުތަކެއް ހާސިލުކުރުމަށްޓަކައި އީރާނާއި ރަޝިޔާއާ އެކު ގާތް ގުޅުމެއް ބާއްވަން ފެށިފަހުން، ބައްޝާރާ ދެކޮޅަށް ފާޅުގައި ފާޑުކިޔުން ތުރުކީ ވިލާތުން ވަނީ ހުއްޓާލައިފަ އެވެ.

"ބައްޝާރަކީ އެއްވެސް އޮޅުމެއް ނެތް ގޮތުގައި، ރާވައިގެން ޖަރީމާތައް ހިންގާ ޓެރަރިސްޓެއް. ބައްޝާރާ އެކުގައި ސުލްހައިގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މުސްތަހީލު ކަމެއް. ތިމާގެ އަމިއްލަ ރައްޔިތުންގެ ތެރެއިން މިލިއަނެއްހާ މީހުން މަރާފައިވާ ސީރިޔާގެ ރައީސާ އެކުގައި ސީރިޔާގެ މުސްތަގުބަލް އަހަރެމެން އުފާވެރި ގޮތަކަށް ބައްޓަން ކުރާނީ ކިހިނެއް؟" ތޫނިސްގެ ރައީސްއާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވައި އުރްދުޣާން ވިދާޅުވި އެވެ.

ތުރުކީ ސިފައިންގެ އަސްކަރީ އުޅަނދުތަކެއް ސީރިޔާގައި ހަރަކާތްތެރިވަނީ.

ތުރުކީ ސިފައިންގެ އަސްކަރީ އުޅަނދުތަކެއް ސީރިޔާގައި ހަރަކާތްތެރިވަނީ.

ތުރުކީން މީގެ ކުރިން ބޮޑަށް މަސައްކަތް ކުރީ، ސީރިޔާގެ ރައީސް ބައްޝާރު މަގާމުން ދުރު ކުރުމަށް ކަމަށް ވިޔަސް، މިހާރު ތުރުކީން ބޮޑަށް އިސްކަން ދެނީ އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިން ސީރިޔާ އިން ފައްސައިލުމަށާއި ކުރުދީ ހަނގުރާމަވެރިންގެ ބާރު ކަނޑުވައިލުމަށެވެ. ތުރުކީން ގަބޫލުކުރާ ގޮތުގައި ކުރުދީންގެ ވޯކާސް ޕާޓީއަކީ ޓެރަރިސްޓު ހަރަކާތްތައް ހިންގާ ޕާޓީއެކެވެ.

ތުރުކީން ބުނާ ގޮތުގައި ސީރިޔާގައި ހަނގުރާމަކުރާ ކުރުދީ ޖަމާއަތްތަކަކީ 1980ގެ އަހަރުތަކުގައި ތުރުކީގައި ދިން އުދުވާނީ ހަމަލާތަކުގެ މޭސްތިރިންނެވެ. އެހެންކަމުން ސީރިޔާގެ ސުލްހައިގެ ވާހަކަތަކުގައި ވެސް ކުރުދީން ބައިވެރި ނުކުރެވޭނެ ކަމަށް ތުރުކީން ބުނެ އެވެ.

ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު މަގާމުން ދުރުކުރުމަށް ސީރިޔާގައި ކުރަމުންދާ ހަނގުރާމައިގައި އެމެރިކާ އިން އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެނީ ކުރުދީ ހަނގުރާމަވެރިންގެ ޖަމާއަތްތަކަށެވެ. އެމީހުންނަށް ހަތިޔާރު ދީ އަސްކަރީ ތަމްރީން ދެނީ ވެސް އެމެރިކާ އެވެ. އޭގެ އިތުރުން ކުރުދީ ހަނގުރާމަވެރިން އެއްގަމު މަގުން ސީރިޔާ ސިފައިންނަށް ހަމަލާ ދޭ އިރު، އެމެރިކާގެ މަތިންދާބޯޓުތަކުން ދަނީ ސީރިޔާ ސިފައިންނަށް ހަމަލާދީ މަގު އަމާން ކޮށްދެމުންނެވެ.

ސީރިޔާ ހަނގުރާމައިގައި އެމެރިކާ އިން ކުރުދީ ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދޭ މައްސަލައިގައި ތުރުކީ ވިލާތް ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. އަދި ސީރިޔާ ސަރުކާރުން ވެސް އައިއެސްއާ ދެކޮޅަށް ކުރުދީންގެ އެހީތެރިކަން ހޯދާތީ ވެސް ތުރުކީ ވިލާތް ހިތްހަމައެއް ނުޖެހެ އެވެ.