Roadha Mihaaru
އޮޅުވެލިފުއްޓަށް ހޮނު އަޅައި ގެއްލުންތަކެއް ލިބިއްޖެ

އޮޅުވެލިފުއްޓަށް ހޮނު އަޅައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

12 އެޕްރީލް 2018

ޅ. އޮޅުވެލިފުއްޓަށް ހޮނު އަޅައި ބޮޑެތި ގެއްލުންތަކެއް ރޭ ވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޅ. އޮޅުވެލިފުއްޓަށް ހޮނު އަޅައި ބޮޑެތި ގެއްލުންތަކެއް ރޭ ވެއްޖެ އެވެ.

އޮޅުވެލިފުށި ކައުންސިލްގެ ރައީސް މުހައްމަދު އާޒިމް "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ރަށުގެ ފަސް ގެއެއްގައި ހުރި އިލެކްޓްރޯނިކް ސާމާނަށް އެ ހާދިސާގައި ގެއްލުން ވެފައިވާ ކަމަށެވެ. އަދި ރޭ 9:30 ހާއިރު ރަށުން ކަރަންޓު ދިޔަ ގޮތަށް، އަލުން ކަރަންޓު ލިބުނީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށް އޭނާ ވިދާޅުވި އެވެ.

"ރޭ ނުވައެއް ޖަހަން އުޅެނިކޮށް ވާރޭ ވެހެން ފެށީ. ގާތްގަނޑަކަށް 45 މިނިޓެއް ހާއިރަށް ވާރޭ ވެހުނު. އޭގެ ފަހުން ގުގުރީގެ އަޑާ އެކު މުޅި ރަށުން ކަރަންޓު ދިޔައީ،" އާޒިމް ވިދާޅުވި އެވެ.

އޮޅުވެލިފުއްޓަށް ހޮނު އަޅައި، އެ ރަށުގައި ހުރި ކަރަންޓު ބޯޑަކަށް ގެއްލުން ލިބިފައި.--- ފޮޓޯ: ކައުންސިލް

އޮޅުވެލިފުއްޓަށް ހޮނު އަޅައި، އެ ރަށުގައި ހުރި ކަރަންޓު ބޯޑަކަށް ގެއްލުން ލިބިފައި.--- ފޮޓޯ: ކައުންސިލް

އޭނާ ވިދާޅުވި ގޮތުގައި ހޮނު އެޅުމުގެ ސަބަބުން އިންޖީނުގޭގެ ޕެނަލް ބޯޑަށް ވަނީ ގެއްލުން ވެފަ އެވެ. އަދި ދެ އިންޖީނަށް ކޮންމެވެސް ވަރަކަށް ގެއްލުން ވެފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އަދި ކައުންސިލް އިދާރާގައި ހުރި ބައެއް ސިސްޓަމްތަކަށް ގެއްލުންވެ، އެ އިދާރާ އިން އިންޓަނެޓު ކެނޑިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާބާދީގައި 700 އަށް ވުރެ ގިނަ ގިނަ މީހުން ދިރިއުޅޭ އޮޅުވެލިފުއްޓަށް ލިބުނު ގެއްލުންތައް އިތުރަށް ބަލަމުން އަންނަ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ރަށު ތެރެއަށް ލިބުނު ގެއްލުންތައް ބަލަމުން މި ދަނީ. [ގެއްލުންތައް] އިތުރުވާނެ ކަމަށް ބެލެވެނީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.