Roadha Mihaaru
ކުރީގެ ޓީމާ ދެކޮޅަށް ކުޅޭއިރު ދާދު ރަނގަޅު ފޯމެއްގައި

ކުރީގެ ޓީމާ ދެކޮޅަށް ކުޅޭއިރު ދާދު ރަނގަޅު ފޯމެއްގައި

15 އެޕްރީލް 2018

ޓީސީ ސްޕޯޓްސް ކްލަބަށް މި ދިޔަ ތިން އަހަރު މޮޅު ކުޅުމެއް ދެއްކުމަށް ފަހު މި ސީޒަނުގައި އުއްމީދީ ފޯވާޑް ނާއިޒު ހަސަން (ދާދު) ވަނީ މާޒިޔާއާ ގުޅިފަ އެވެ. މާޒިޔާ އަށް ބަދަލުވެ އެންމެ ފުރަތަމަ ރަނގަޅު ފޯމުގައި ނެތް ނަމަވެސް ފަހުން ކުޅުނު މެޗުތަކުގައި އޭނާ ވަނީ ތަފާތު ދައްކައިފަ އެވެ. އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ޓީސީއާ ދެކޮޅަށް މާޒިޔާ ކުޅޭއިރު، މިއީ ދާދު އޭނާގެ ކުރީގެ ޓީމާ ދެކޮޅަށް ކުޅޭނެ ފުރަތަމަ މެޗެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާން އަތުން ރާއްޖެ 7-0 އިން މޮޅުވި މެޗުގައި ޖެހި ހަތަރު ގޯލާ އެކު ރަނގަޅު ފޯމަކަށް އެޅިފައިވާއިރު އޭގެ ފަހުން މާޒިޔާ އަށް ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ދާދު ވަނީ މޮޅަށް ކުޅެ ލަނޑު ވެސް ޖަހައިފަ އެވެ.

އެ ފޯމުގައި އޭނާ މިއަދު ކުރީގެ ޓީމާ ދެކޮޅަށް ކުޅޭއިރު، މިއީ އޭނާ އަށް ހާއްސަ މެޗެއްގެ ގޮތުގައި ބެލެވެ އެވެ.

"ޓީސީ އަކީ އަހަންނަށް ފުރުސަތު ދިން ޓީމު. ނިޒާމްބެ (ޓީސީގެ ކޯޗު) އާއި ޓީސީ އަަށް އަބަދުވެސް ޝުކުރުވެރިވާނަން. އެކަމަކު މި ވަގުތު މި ހުރީ މާޒިޔާގައި. ބޭނުންވަނީ މާޒިޔާ މޮޅުވާން،" މިއަދުގެ މެޗާ ބެހޭގޮތުން ދާދު "މިހާރަ'ށް ބުންޏެވެ.

ދާދު ބުނީ ފުރަތަމަ މެޗުތަކަށް ފަހު މިހާރު ޓީމަށް ހޭނިގެން ރަނގަޅަށް ކުޅެވެން ފެށުމުން ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.

"މިހާރު ވަރަށް ހިތްހަމަ ޖެހޭ ވަރަށް އެބަކުޅެވޭ،" އޭނާ ބުންޏެވެ.

މިދިޔަ ސީޒަނުގައި ކުޅުނު ހަ މެޗުގެ ތެރެއިން މާޒިޔާ އަށް ޓީސީ އަތުން މޮޅުވެވުނީ އެންމެ މެޗަކުންނެވެ. ޓީސީ ވަނީ ހަތަރު މެޗުން މޮޅުވެފަ އެވެ. މި މެޗުތަކުގައި ޓީސީގެ ފަރާތުން ފެނުނު މޮޅު ކުޅުމުގައި ދާދު ދައުރު ހިމެނެ އެވެ.

ޓީސީ އާއި މާޒިޔާ ކުޅޭ މެޗު އޮންނާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.