Roadha Mihaaru
އަސަދުﷲއާ އެކު މާޒިޔާ އިން ތަފާތު ފެންނާނެ

އަސަދުﷲއާ އެކު މާޒިޔާ އިން ތަފާތު ފެންނާނެ

20 މެއި 2018

ނުވަ މަސް ދުވަހު އަނިޔާގެ ސަބަބުން ކުޅުމާ ދުރު ހުރުމަށް ފަހު މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) މިވަނީ ޓީމާ ގުޅިފަ އެވެ. އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި ވެލެންސިއާ ކޮޅަށް އަސަދުﷲ ލަނޑު ޖެހި އެވެ. އޭނާ އެނބުރި އައުމަކީ މުޅި ޓީމަށް ލިބިގެންދާ ފުރިހަމަ ކަމެއް މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) އާއި އެސިސްޓަންޓް ކޯޗު އަހުމަދު ސުޒޭރު (ކޮއްކޮ) ވެސް ވަނީ މީގެ ކުރިން ބުނެފަ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިދިޔަ ސީޒަނުގެ ފަހު ތިން މުބާރާތުގައި މާޒިޔާ އެންމެ ބޮޑަށް އަޑިއަޅާލި ސަބަބަކީ އަސަދުﷲ އަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހުމެވެ. އަސަދުﷲ ނެތި މާޒިޔާ އިން މި ސީޒަން ފެށިއިރު، އެ ޓީމު ދޫކޮށް ވަނީ ސީނިއާ ކުޅުންތެރިންތަކެއް ގޮސްފަ އެވެ. އަސްހަދު އަލީ (އަޑުބަރޭ) ގްރީން ސްޓްރީޓްސްއާ ގުޅުނުއިރު، މުހައްމަދު އުމެއިރު ބަދަލުވީ ނިއު އަށެވެ. އަދި އެ ޓީމުގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) ހުރީ އަނިޔާގަ އެވެ.

އަޑުބަރޭ އާއި އުމެއިރު އަދި އެންޑީ އަކީ މިދިޔަ ސީޒަނުގައި އަސަދުﷲ ނެތް މެޗުތަކުގައި ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ކުޅުންތެރިންނެވެ. މި ތިން ކުޅުންތެރިން ނެތި މި ވަގުތު މާޒިޔާގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުންދަނީ މުހައްމަދު އިރުފާން (އިރޭ) އެވެ. އިރޭ ނެތް މެޗެއްގައި އިސްމާއިލް އީސަ (މެސީ) ކެޕްޓަންގެ ރޯލު އަދާކުރި އެވެ.

އެކަމަކު އެ ހުރިހާ ކުޅުންތެރިންނަށް ވުރެ އަސަދުﷲ ކެޕްޓަނެއްގެ ރޯލު އަދާކުރާ މިންވަރު ފުރިހަމަ އެވެ. އެންމެ ފަހުން ލީގުގައި ޓީސީ އާއި މާޒިޔާ 2-2 އިން އެއްވަރުވި މެޗަށް ފަހު އެ ޓީމުގެ ބައެއް ކުޅުންތެރިން ރެފްރީގެ ނިންމުންތަކާ ހިތްހަމަ ނުޖެހުން ފާޅުކުރަމުންދިޔައިރު، އެކަން ކޮންޓްރޯލް ކުރުމުގެ ޒިންމާ އަދާކުރީ އަސަދުﷲ އެވެ. އޭގެން ވެސް އޭނާގެ މުހިއްމުކަން އެނގިގެންދެ އެވެ.

ވެެލެންސިއާ ކޮޅަށް ލަނޑު ޖެހުމަށްފަހު އަސަދުﷲ (ވ) އެ ޓީމުގެ ކުޅުންތެރިއަކާ އެކު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވެެލެންސިއާ ކޮޅަށް ލަނޑު ޖެހުމަށްފަހު އަސަދުﷲ (ވ) އެ ޓީމުގެ ކުޅުންތެރިއަކާ އެކު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަސަދުﷲ އަކީ ޓީމުގެ ކެޕްޓަން. އޭނަ ހުރުމުން ވެސް އެހެން ކުޅުންތެރިންނަށް ހިތްވަރު ލިބޭ. އޭނަ އެނބުރި އައުމަކީ ޓީމަށް ލިބޭނެ އިތުރު ފުރިހަމަކަމެއް،" މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރް (ކޮއްކޮ) ލީގުގެ މެޗެއްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ބުންޏެވެ.

މާޒިޔާ އިން މި ސީޒަނުގައި ޓީމު ވަރުގަދަކުރިއިރު ޓީމުގެ ކުރިއަށް ގެނައި އެންމެ ވަރުގަދަ ދެ ކުޅުންތެރިންނަކީ ޓީސީ އަށް މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ނާއިޒު ހަސަން (ދާދު) އާއި ކޮނޭލިއަސް ސްޓެވާޓް އެވެ.

މާޒިޔާ އިން ސެޓެވާޓް ކުޅުވަމުން ގެންދަނީ އެންމެ ކުރިއަށެވެ. ހަގީގަތުގައި އޭނާގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނީ ފަޅި އަކަށް ކުޅުވައިގެންނެވެ. މިދިޔަ ސީޒަނުގައި ޓީސީގައި ވެސް އޭނާ އެންމެ ބޮޑަށް ތަފާތު ދެއްކީ އެ މަގާމުގަ އެވެ. ބެލެވޭ ގޮތުގައި އަސަދުﷲ ފުރަތަމަ އެގާރައިގައި ކުޅެން ފަށާ ހިސާބުން ސްޓެވާޓް ކުޅޭނީ ފަޅިންނެވެ. މިއީ މާޒިޔާގެ ފޯވާޑް ލައިނަށް ލިބޭނެ ފުރިހަމަ ކަމެކެވެ.

މެޗަކަށް ވުރެ މެޗެއްގައި ދާދުގެ ކުޅުން ރަނގަޅުވަމުން އަންނައިރު، ލަނޑު ޖަހަން އޭނާ ތަނަވަސްކޮށްދޭ ފުރުސަތުތަކުގެ ބޭނުން ކުރިއަށް ކުޅޭ ކުޅުންތެރިންނަށް ހިފެނީ ނިސްބަތުން މަދުންނެވެ. އެކަމަކު އަސަދުﷲ އަކީ ލަނޑު ޖެހުމުގެ ހުނަރު ލިބިފައި ހުރި ކުޅުންތެރިއަކަށްވާއިރު، އޭނާ ގިނައިން ކުޅެން ފެށުމާ އެކު ދާދުގެ ކުޅުން ވެސް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެ އެވެ.

ލީގުގެ ދެ ވަނައިގައި އޮތް މާޒިޔާ މިރޭ ނުކުންނާނީ ތިން ވަނައިގައި އޮތް އީގަލްސްއާ ދެކޮޅަށެވެ. މެޗު ފަށާނީ މިރޭ 10 ޖަހާއިރު އެވެ.