Roadha Mihaaru
އީޔޫގެ އެޖެންޑާގައި ރާއްޖެ ނުހިމަނަން ނިންމައިފި

އީޔޫ ކައުންސިލްގެ އެޖެންޑާގައި ރާއްޖެ ނުހިމަނަން ނިންމައިފި

20 އެޕްރީލް 2018

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ކައުންސިލްގެ އެޖެންޑާގައި ރާއްޖެ ނުހިމަނަން ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ކައުންސިލްގެ އެޖެންޑާގައި ރާއްޖެ ނުހިމަނަން ނިންމައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އީޔޫގެ ކައުންސިލްގެ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި، އީޔޫގެ އެޖެންޑާގައި ރާއްޖެ ހިމެނުމާ މެދު މަޝްވަރާ ކުރި އެވެ. ނަމަވެސް، އޭގެ ބަދަލުގައި އީޔޫގެ ކައުންސިލްގެ އެޖެންޑާގައި ހިމެނުމަށް މި ފަހަރު ނިންމީ އިންޑިއާ އާއި ބަންގްލަދޭޝް އެވެ.

އީޔޫގެ ކައުންސިލްގެ ބައްދަލުވުން މި މަހުގެ ފަހުކޮޅު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިވެހި ސަރުކާރުގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ މިދިޔަ ފެބްރުއަރީ 1 ގައި އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމަށް ފަހު، ރާއްޖޭގެ ސިޔާސީ މަސްރަހު އެންމެ ބޮޑަށް ހަލަބޮލިވި ދަނޑިވަޅުގައި އީޔޫގެ އެޖެންޑާގައި ރާއްޖެ ނުހިމެނުމަކީ ސަރުކާރާއި ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އީޔޫގެ އެޖެންޑާގައި ރާއްޖެ ނުހިމެނުމަށް ނިންމި ސަބަބެއް ގޮތުގައި ބެލެވެނީ އެ ޖަމާއަތުން ގޮވާލި ބައެއް ކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ރާއްޖެ އިން ކުރަމުން އަންނާތީ އެވެ.

އެގޮތުން މި އަހަރުގެ ރިޔާސީ އިންތިޚާބު މޮނިޓާ ކުރުމަށް އީޔޫ އަށް ދައުވަތު ދިނުމާއި ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް ރާއްޖެ އިން މަސައްކަތް ކުރާ ކަމަށް އީޔޫ އިން ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމީހުން ވަނީ ސަރުކާރުން ކުރަމުން އަންނަ އެކި ކަންކަން ބަލައިގެންފައި. ގުޅިގެން މަސައްކަތް ކުރަން ބޭނުންވޭ. އެހެންވީމަ އޭގެ ނަތީޖާ މި ފެނިގެން ދިޔައީ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ދީނީ މިނިވަންކަން ހޯދައި ދިނުމަށް އީޔޫ އިން ގޮވާލި ނަމަވެސް، އެކަން ނުކުރާނެ ކަން އީޔޫ އަށް ތަކުރާރުކޮށް އަންގާފައި ވާނެ ކަމަށެވެ.

އީޔޫ ކައުންސިލްގެ އެޖެންޑާގައި ރާއްޖެ ނުހިމަނާއިރު، ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ސިޔާސީ އިދިކޮޅު ބޭފުޅުން މިނިވަންކޮށް ޑިމޮކްރަސީގެ ހަމަތަކަށް ރުޖޫއަ ނުވާ ނަމަ ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު މިދިޔަ ފެބްރުއަރީ 26 ގައި އީޔޫ ކައުންސިލުން ދީފައިވެ އެވެ.

އޭގެ ފަހުން، އީޔޫ ޕާލަމެންޓުން ވަނީ ރާއްޖޭގައި އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް ހިންގާ އަމަލުތަކުގައި ބައިވެރިވާ، ސަރުކާރުގެ ވެރިންނާއި ދިވެހި ސަރުކާރާ ގުޅިފައި ތިބި ވިޔަފާރިވެރިންނާ މެދު ފިޔަވަޅު އަޅައި ދިނުމަށް ގޮވާލައި ކައުންސިލްގައި އެދެން ގަރާރެއް ވެސް ފާސްކޮށްފަ އެވެ.

ސަރުކާރުގެ އޮފިޝަލް ވިދާޅުވި ގޮތުގައި ރާއްޖޭގެ ސިޔާސީ މަސްރަހު އަދިވެސް ވަނީ ހަލަބޮލިވެފަ އެވެ. މި މަހުގެ ފަހުކޮޅު ބާއްވާ އީޔޫ ކައުންސިލްގެ ބައްދަލުވުމުގައި ރާއްޖެ ނުހިމެނި ނަމަވެސް، އެހެން ބައްދަލުވުމަކަށް ރާއްޖޭގެ މައްސަލަ އެޖެންޑާ ނުކުރާނެ ކަމުގެ ޔަގީން ކަން އަދި ނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގިނަ ސިޔާސީ ބޭފުޅުންތަކަކާއި ފަނޑިޔާރުން އެ ތިއްބެވީ ޖަލުގައި. އެ ބޭފުޅުންގެ ޝަރީއަތްތައް ހިނގަމުން އެ ދަނީ. އެކަމާ ދިމާކޮށް ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ގޮވާލާފައި ވަނިކޮށް، ދެން އޮންނަ ކައުންސިލްގައި ރާއްޖެއާ ބެހޭ ގޮތުން ބަހެއް ނުބުނުމަކީ ކުރިއެރުމެއް،" އޮފިޝަލް ވިދާޅުވި އެވެ.

އީޔޫ އިން މި އަހަރުގެ ޖެނުއަރީ މަހުގެ 8-11 އަށް ރާއްޖެ އަށް ފޮނުވި އިލެކްޓޯރަލް ފޮލޯއަޕް މިޝަންގެ ދަތުރަށް ފަހު އިއްޔެ އާންމުކުރި ރިޕޯޓުގައި ދިވެއްސަކު، އިސްލާމް ދީން ދޫކޮށްލިޔަސް، އެ މީހެއްގެ ކިބައިން ދިވެހި ރައްޔިތުކަން ނުގެއްލޭ ގޮތަށް ހަދަން ވަނީ ހުށަހަޅައިފަ އެވެ. އަދި އެ ރިޕޯޓާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އީޔޫ އަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އީޔޫގެ ރިޕޯޓުގެ މައިގަނޑު ކަންބޮޑުވުމަކީ މިނިވަން އިންތިޚާބެއް ބާއްވަން ހުރި ގޮންޖެހުންތަކެވެ. އެގޮތުން، ރާއްޖެ އެއްބަސްވެފައިވާ ބައިނަލްއަގްވާމީ ހަމަތަކާ އެއްގޮތަށް އިންތިޚާބުތައް ބޭއްވުމަށް މިހާރުގެ ހާލަތު ބަދަލުވާން ޖެހޭ ކަމަށާއި އިންތިޚާބުތަކުގައި ވާދަކުރާ ހުރިހާ ބޭފުޅުންނަށް ތަފާތު ކުރުމެއް ނެތި، އެއް ހަމަޔަކުން ކެމްޕޭން ކުރުމުގެ ފުރުސަތު އޮންނަ މާހައުލެއް ފަހިކޮށްދީ، މަދަނީ ޖަމިއްޔާތަކާއި މީޑިއާއަށް ހުރަހެއް ނެތި މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދައިދޭން މަސައްކަތް ކުރަން ހުށަހަޅައިފައިވެ އެވެ.