Roadha Mihaaru
ވިޔަފާރިވެރިންނަށް ވެސް އީޔޫން ފިޔަވަޅު އެޅިޔަ ނުދޭނެ

އެއްވެސް ވިޔަފާރިވެރިއަކަށް އީޔޫން ފިޔަވަޅު އެޅިޔަކަ ނުދޭނަން: ޝައިނީ

06 އޯގަސްޓް 2018

ރާއްޖޭގެ ވިޔަފާރިވެރިންނަށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ފިޔަވަޅު އަޅަން އުޅޭ ކަމަށް ބިރު ދައްކައިގެން، އެ މީހުންގެ އަތުން ފައިސާ ހޯދަން އުޅޭ ކަމަށް ތުހުމަތު ކުރައްވައި، އެއްވެސް ވިޔަފާރިވެރިއަކާ މެދު ފިޔަވަޅު އެޅިޔަކަ ނުދޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގެ ވިޔަފާރިވެރިންނަށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ފިޔަވަޅު އަޅަން އުޅޭ ކަމަށް ބިރު ދައްކައިގެން، އެ މީހުންގެ އަތުން ފައިސާ ހޯދަން އުޅޭ ކަމަށް ތުހުމަތު ކުރައްވައި، އެއްވެސް ވިޔަފާރިވެރިއަކާ މެދު ފިޔަވަޅު އެޅިޔަކަ ނުދޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

އީޔޫ ގައި އަދި ސިޔާސީ މަޝްވަރާ ގައި، މި ސަރުކާރު ތަމްސީލް ކުރައްވާ އިސް މަންދޫބު، ޝައިނީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ އިސްވެރިންނަށް ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން އީޔޫން ފާސްކުރި އޮނިގަނޑުގައި، ބައެއް ވިޔަފާރިވެރިން ހިމެނޭ ކަމަށް ބުނެ ބިރު ދައްކަމުންދާ ކަމަށެވެ. އެކަމަކު، އެ އޮނިގަނޑުގައި އެއްވެސް ބޭފުޅެއްގެ ނަން ހިމަނާފައި ނުވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ޝައިނީގެ ޓުވީޓް.

ވިޔަފާރިވެރިންނަށް ބިރު ދައްކައިގެން ފައިސާ ހޯދަން އުޅޭ ކަމަށް ޝައިނީ ތުހުމަތު ކުރެއްވިއިރު، އެއީ ކޮން ބައެއް ކަމެއް އަދި ބިރުދައްކާ ވިޔަފާރިވެރިންނަކީ ކޮން ބައެއް ކަމެއް ވެސް ޝައިނީ ވިދާޅެއް ނުވެ އެވެ.

"އެއްވެސް، ރައްޔިތަކަށް އަދި ވިޔަފާރިވެރިއަކަށް ވެސް ފިޔަވަޅު އެޅިޔަ ނުދޭން ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން. އަދި އީޔޫ އިން ފިޔަވަޅު ނާޅާނެ ކަމުގެ ޔަގީންކަން ވެސް އެބައޮތް،" ޝައިނީ "މިހާރު" އަށް ވިދާޅުވި އެވެ.

ދަތިކުރުމުގެ ފިޔަވަޅު އަޅާ ވަކި ބައެއްގެ ނަން ނުހިމަނައި، އީޔޫން ފާސްކޮށްފައިވާ އޮނިގަނޑުގައި ވަނީ ރާއްޖޭގައި އިންސާނީ ހައްގުތަކަށް އަރައިގަނެ، ގާނޫނުތަކާ ޚިލާފަށް އަދި ހަމަނުޖެހުން އުފައްދައި ބާރުގެ ބޭނުންކޮށްގެން ސިޔާސީ މިނިވަންކަމަށް ހުރަސް އަޅާ މުއައްސަސާތަކާއި އެ ކަންކަމުގައި ބައިވެރިވެ އެއްބާރުލުން ދޭ ފަރުދުންނަށް ފިޔަވަޅު އެޅުމުގެ ބާރު މެންބަރު ގައުމުތަކަށް ދީފަ އެވެ.

މި ފަރާތްތަކަށް، އީޔޫގެ މެންބަރު ގައުމުތަކަށް އެތެރެވުން މަނާކުރުމާއި އެ މީހުންގެ މުދަލާއި ފައިސާ ހިފެހެއްޓުމުގެ ބާރު ވެސް ވަނީ ދީފަ އެވެ.

ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް އޮނިގަނޑު އެކުލަވާލާފައި އޮތަސް، އީޔޫގެ 28 ގައުމުން އެއްބަސްވެގެން ނޫން ގޮތަކަށް ފިޔަވަޅެއް ނޭޅޭނެ ކަމަށް ޚާރިޖީގެ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވެ އެވެ. އެހެންވެ، އީޔޫން މިހާތަނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ މިއަންމާ އާއި ވިއެޓްނާމް ފަދަ ގައުމުތަކުގެ ހާލަތާ ގާތަށް ވެސް ރާއްޖޭގެ ކަންކަން ނުދާތީ، ފިޔަވަޅު އެޅުމަކީ ނުވާނެ ކަމެއް ކަމަށް ވެސް އެ ބޭފުޅުން ގަބޫލުކުރެ އެވެ.

އެ އޮނިގަނޑުގައިވާ ފިޔަވަޅުތައް އެޅުމަށް އީޔޫގެ އިތުރު ނިންމުމެއް ބޭނުންވާނެ އެވެ. އަދި ޔުނިއަން ފޯ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ އަދި ޔޫރަޕިއަން ކޮމިޝަނަށް މިކަމަށް ބޭނުންވާ ޕްރޮޕޯސަލެއް ހުށަހަޅަން ޖެހޭނެ އެވެ. އަދި ފާސްކުރާ "ރެގިއުލޭޝަން" އާއި ފިޔަވަޅު އަޅާ މީހުންގެ ލިސްޓު އާންމުކުރަން ޖެހޭނެ އެވެ.

ރާއްޖޭގެ އިސް ވެރިންނާ މެދު ފިޔަވަޅު އަޅަން ނިންމީ، ރާއްޖޭގައި އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް ހިންގާ އަމަލުތައް ހުއްޓާލައި، ޑިމޮކްރަސީގެ މަގަށް ރުޖޫއަ ވުމަށް އަންގައި މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި އީޔޫގެ ކައުންސިލުން ފާސްކުރި ގަރާރާ ގުޅިގެންނެވެ. ރާއްޖެއާ ދެކޮޅަށް ގަރާރު ފާސްކުރި އީޔޫގެ ކައުންސިލަކީ ގައުމުތަކުގެ އިސް ވެރިން ނުވަތަ އެ ބޭފުޅުންގެ މަންދޫބުން ތިއްބަވާ، އީޔޫގެ އެންމެ ބާރުގަދަ ތަނެވެ.