Roadha Mihaaru
ބާންލީ ބަލިކޮށް ޗެލްސީން ފަރަގު ކުޑަކޮށްފި

ބާންލީ ބަލިކޮށް ޗެލްސީން ފަރަގު ކުޑަކޮށްފި

20 އެޕްރީލް 2018

ލަންޑަން (އޭޕްރީލް 20) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުންބޭރުގައި 2-1 އިން ބާންލީ ބަލިކޮށް ޗެލްސީން ލީގުގެ ހަތަރު ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސްއާ ދެމެދު އޮތް ޕޮއިންޓުގެ ފަަރަގު ކުޑަކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (އޭޕްރީލް 20) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުންބޭރުގައި 2-1 އިން ބާންލީ ބަލިކޮށް ޗެލްސީން ލީގުގެ ހަތަރު ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސްއާ ދެމެދު އޮތް ޕޮއިންޓުގެ ފަަރަގު ކުޑަކޮށްފި އެވެ.

ލީގުގެ ހަތަރު ވަނައިގައި އޮތް ޓޮޓެންހަމަށް ލިބިފައިވަނީ 34 މެޗުން 68 ޕޮއިންޓެވެ. ރޭގެ ނަތީޖާއާ އެކު ޗެލްސީން ވަނީ 34 މެޗުން 63 ޕޮއިންޓް ހަމަކޮށްފަ އެވެ. ދެ ޓީމަށް ވެސް ބާކީ އޮތީ ހަތަރު މެޗެވެ.

ޗެލްސީ އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ލީގުގައި އެންމެ ފަހުން ސައުތެމްޓަން އަތުން މޮޅުވި މެޗުގައި ކުރި ނުރައްކާތެރި ފައުލަކަށް ސްޕެއިނުގެ ފުލްބެކް މާކޯސް އަލޮންސޯ ތިން މެޗަށް ސަސްޕެންޑް ކޮށްފައިވާތީ ރޭ ކުޅެވޭ ގޮތް ނުވުމެވެ. އަލޮންސޯގެ ބަދަލުގައި ރޭގެ މެޗުގައި އެ މަގާމަށް ކުޅުނީ ޖެނުއަރީ މަހުން ރޯމާ އިން ޗެލްސީއާ ގުޅުނު ބްރެޒިލްގެ އެމަސަން ޕަލްމިއޭރީ އެވެ.

މި މެޗުގައި ޗެލްސީ އަށް ލީޑު ލިބުނީ 20 ވަނަ މިނިޓްގައި ބާންލީގެ ކެވިން ލޯންގް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ޗެލްސީގެ ވިކްޓަ މޯސަސް ނަގައިދިން ހުރަހެއް ބާންލީގެ ކީޕަރު ނިކް ޕޯޕް އަތުން ބޭރަށް ޖައްސާލި ބޯޅަ ބައިކޮޅަށް ވަނީ ލޯންގް ގައިގައި ޖެހިފަ އެވެ.

ދެ ވަނަ ހާފުގެ 64 ވަނަ މިނިޓްގައި ބާންލީ އަށް އެއްވަރުކޮށްދިނީ އެޝްލީ ބާންސް އެވެ. އޭނާ އަކީ ޖެނުއަރީ މަހު ޗެލްސީން ހޯދަން މަސައްކަތް ކުރި ކުޅުންތެރިޔެކެވެ. ބާންސް ނަތީޖާ ހަމަހަމަކުރިތާ ފަސް މިނިޓް ފަހުން ޗެލްސީ މޮޅުކޮށްދިން ލަނޑު ޖެހީ މޯސަސް އެވެ. މިއީ އޭނާ މި ސީޒަނުގައި ޖެހި ހަތަރު ވަނަ ގޯލެވެ.

ރޭގެ މެޗުގައި ޗެލްސީން ކުޅުނީ އެ ޓީމުގެ ދެ ފޯވާޑުން ކަމަށްވާ އޮލިވިއޭ ޖިރޫޑާއި އަލްވާރޯ މޮރާޓާ އެކުގައި ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. މެޗަށް ފަހު ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ އެ ދެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމަށް ތައުރީފް ކޮށްފަ އެވެ.