Roadha Mihaaru
"މާލެ އޮތީ ތޮއްޖެހިފައެއް ނޫން، އެތައް އިމާރާތެއް ފެންނާނެ"

މާލެ އޮތީ ތޮއްޖެހިފައެއް ނޫން، 25 ބުރީގެ އެތައް އިމާރާތެއް ފެންނާނެ: ރައީސް ޔާމީން

25 އެޕްރީލް 2018

މާލެ އަކީ ތޮއްޖެހިފައިވާ ތަނެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލާ އެއްފަދަ އެތައް އިމާރާތެއް އަދި މާލެ އިން ފެންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލެ އަކީ ތޮއްޖެހިފައިވާ ތަނެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލާ އެއްފަދަ އެތައް އިމާރާތެއް އަދި މާލެ އިން ފެންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި ހިންގާފައިވާ މަޝްރޫއުތަކާ ގުޅޭ ގޮތުން ރައީސް އޮފީހުން ތައްޔާރު ކޮށްފައިވާ "ރަށްވެހި ތަރައްގީ ފޮތް" އިފްތިތާހު ކޮށްދެއްވައި ރައީސް ޔާމީން ވިދާޅުވީ "ކުރު މުއްދަތުގެ ތެރޭގައި ﷲގެ ރަހުމަތާ އެކު ހާދަ ގިނަ މަސައްކަތްތަކެއް ކުރެވިއްޖެއޭ" އެ ފޮތް ހުޅުވާލުމުން ހިތްޕުޅަށް އަރާވަޑައިގެންނެވި ކަމަށެވެ. މާލެ އާއި އަތޮޅުތަކުގެ ރައްޔިތުން ބޭނުންވެފައިވާ ކަންކަމާއި ތަރައްގީގެ ގޮތުން ލިބުނު ކުރިއެރުންތަކުގެ ހެއްކަކަށް އެ ފޮތް ފުދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުގެ އެކި މުއައްސަސާތަކުން މައުލޫމާތު ހޯދައިގެން، ތައްޔާރު ކޮށްފައިވާ ފޮތުގައި ސިއްހީ ދާއިރާ އާއި އިގްތިސާދީ ދާއިރާ އަދި އިޖުތިމާއީ ދާއިރާ އިން ރައްޔިތުންނަށް ހޯދައިދީފައިވާ ކުރިއެރުންތަކާއި ހެޔޮ ބަދަލުތަކުގެ މައުލޫމާތު ހިމަނާފައި ވެ އެވެ. ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތާ އެކު ސިއްހީ ދާއިރާ އަށް އަންނާނެ އިންގިލާބީ ބަދަލުތަކާއި މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖުން ރައްޔިތުންނަށް ލިބޭނެ ލުއި ފަސޭހަތަކާއި އިގުތިސާދަށް އަންނާނެ ހެޔޮ ބަދަލުތަކުގެ މައުލޫމާތު އޭގައި ވެ އެވެ.

އެއާއެކު، ބަނދަރު ހެދުމާއި ނަރުދަމާގެ މަޝްރޫއުތަކާއި ތައުލީމީ ދާއިރާ އިން އަންނަ ކުރިއެރުންތަކާއި އިގުތިސާދީ އެތައް މަޝްރޫއުތަކުން ރައްޔިތުންނަށް ލިބެމުން އަންނަ ފަސޭހަތަކަށް ވެސް އެ ފޮތުގައި ބަލާލާފައިވެ އެވެ.

ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވައި ރައީސް ޔާމީން ވިދާޅުވީ ސަރުކާރެއްގައި ތަސައްވަރެއް އޮވެ، ތަންފީޒު ކުރުމުގެ ގާބިލަކަން ވެސް އޮންނަން ޖެހޭނެ ކަން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުން ސާފުވާ ކަމަށެވެ. އެމަނިކުފާނު ހިންގަވާ ތަރައްގީގެ މަޝްރޫއުތަކުގެ މިސާލު ނެންގެވީ މާލެ އިންނެވެ.

"ރަށްވެހި ތަރައްގީ" ފޮތް ރައީސް ޔާމީން ނެރެދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

"ރަށްވެހި ތަރައްގީ" ފޮތް ރައީސް ޔާމީން ނެރެދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ފުރިބާރުވެ، ތޮއްޖެހިފައިވާ ތަނެއް ކަމަށް ބުނަމުން، އެންމެން ވެސް ގަބޫލުކުރަނީ މާލެ އަކީ އުއްމީދެއް، ނެތް ދިރުމެއް ނެތް ތަނެއްގެ ގޮތުގަ އެވެ.

މާލޭގައި އިތުރުވަމުން އަންނަ އާބާދީއާ އެކު ތަހައްމަލްކުރަން ޖެހެނީ އިތުރުވަމުން އަންނަ ޓްރެފިކާއި ދުއްވާއެއްޗީގެ ނުރައްކާތެރި ދުން ކަމަށް އެތައް ބަޔަކު ގަބޫލުކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ތަރައްގީއާ އެކު މިއަށް ހައްލުތަކެއް އަންނަން ޖެހޭ. އެހެންވެ ކުނިގޮނޑުގެ މައްސަލަ އަޅުގަނޑުމެންގެ ޚިޔާލަށް އަންނަނީ،" ރައީސް ވިދާޅުވި އެވެ.

"މާލެ އަކީ ފުރިބާރުވެފައި އޮތް ތަނެއް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރިން. މާލެ އަކީ އޭގެ ޒާތުގައި އުއްމީދެއް ދިރުމެއް ނެތް ތަނެއް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރިން. އެހެން ނަމަވެސް މާލެ އަށް ބަދަލުތައް އަންނަ އައުމަކީ ތަސައްވުރަކާ އެކުގައި އައުމުން އަޅުގަނޑުމެންނަށް ކުރަން މަޖުބޫރުވި ކަމެއް. މާލޭގެ ކުނިގަނޑު މިއަދު އެބައޮތްތޯ؟ މާލޭގައި ބިން ނެތިގެން މިއަދު އެބައުޅެންތޯ؟"

މާލެ އަކީ ބިން ފުރިފައިވާ ރަށެއް ކަމަށް ވެސް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސަރުކާރުން އެކަނިތޯ 25 ބުރީގެ އިމާރާތް މާލޭގައި ހަދަން ޖެހެނީ؟ އަމިއްލަ ފަރާތްތަކަށް 25 ބުރީގެ އިމާރާތްތައް މިއަދު ވެސް ހެދޭނެ. އެ ވަރުގެ ފުޓްޕްރިންޓެއް ހިފައިގެން އައިސްފި ކަަމަށް ވަންޏާ މިއަދު ވެސް 25 ބުރީގެ އިމާރާތްތައް، އަމިއްލަ ފަރާތްތަކުން ހެދުމުގެ ހުއްދަ އެބައޮތް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ހުޅުވާލި އެ ހުއްދައާ އެކު މާލޭގައި 25 ބުރީގެ އެތައް އިމާރާތްތަކެއް ހަދާ މަންޒަރު ފެންނާނެ ކަމަށެވެ. އެ އިމާރާތްތަކަށް ޖާގަ އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މާލެ އަކީ ހުރިހާ ދިވެހިންގެ ރަށެއް ކަމަށާއި މާލޭގައި ދިރިއުޅެން ޖެހެނީ ހަމައެކަނި މާލެ އަށް ނިސްބަތްވާ މީހުން ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޖާގައިގެ ދަތިކަމަށް ހޯދުނު ހައްލާ އެކު، ޓްރެފިކް މައްސަލަ އަށް ވެސް ހައްލު ހޯދަން ޖެހެ އެވެ. އެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށާއި އެއީވެސް ހައްލުކުރާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

މާލޭގައި ދިރިއުޅޭ އާބާދީގެ 75 ޕަސެންޓް މީހުންނަކީ 35 އަހަރުން ދަށުގެ މީހުން ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ ކަމަށެވެ. ދުޅަހެޔޮ ސިއްހަތަކަށް އެ ކުދިންނަށް އެންމެ މުހިއްމީ ނަފުސާނީ ސިއްހަތު ސަލާމަތުން ހުރުމާއި މިނިވަންކަމާއި ރައްކާތެރިކަމާ އެކު އެ ކުދިންނަށް އުޅޭވޭނެ މާހައުލެއް ގާއިމް ކޮށްދިނުމަކީ ވެސް މި ސަރުކާރުން ކުރާނެ ކަމެކެވެ.

އެ ނަޒަރިއްޔާ އިން ދުވަސްވީ މީހުންނަށް ވެސް ހިތްފަސޭހަކަމާއި އަރާމުކަމާ އެކު ދިރިއުޅެވޭނެ މަގު ތަނަވަސްވާން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ ސަރުކާރުން ކޮށްދޭނެ ކަމެއް ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވެވި އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް

"އެހެންވީމަ މިއަދު، މާލެ އަކީ ޖާގަ ފުރިފައި އޮތް ތަނެއް ކަމަކަށް އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ. މި ތަރައްގީ މާލެ އަށް އަންނައިރު ހަމަ މިފަދަ ތަރައްގީ މާލެ ނޫން އެހެން ބޮޑެތި ސިޓީތަކަށް ވެސް އަންނަމުން އެބަދޭ،" ރައީސް ވިދާޅުވި އެވެ.

އެ ތަފްސީލުތައް އެމަނިކުފާނަށް ނުދެންނެވުނު ނަމަވެސް މިއަދު އިފްތިތާހް ކުރި ފޮތުން، އަތޮޅަކަށް ނުވަތަ ރަށަކަށް ތަރައްގީ އާއި ކުރިއެރުން އަދި ސަރުކާރުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރު އެނގޭނެ ކަމަށް ވިދާޅުވި އެވެ. އަދި އެ ފޮތަކީ، ސަރުކާރަށް ފާޑުވިދާޅުވާ އަދި ތަރައްގީގެ މަޝްރޫއުތައް ނުފެންނަ ސިޔާސީ ލީޑަރުން ވެސް ބައްލަވާލައްވަން ޖެހޭ ފޮތެއް ކަމަށް ރައީސް ވިދާޅުވި އެވެ.