Roadha Mihaaru
އެއާޕޯޓުގެ ނަން "ވެލާނާ" އަށް ބަދަލުކުރަން ޖެހޭތަ؟

އެއާޕޯޓުގެ ނަން "ވެލާނާ" އަށް ބަދަލުކުރަން ޖެހޭތަ؟

27 ޑިސެމްބަރ 2016

ރާއްޖޭގެ މައި އެއާޕޯޓްގެ ނަން ބަދަލުކުރަން ޖެހޭ ހެއްޔެވެ؟ މިއީ، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ)ގެ ނަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބަދަލުކުރަން ރައީސް އަބްދުﷲ ޔާމީން އިއްޔެ ނިންމެވި ކަން ރައީސް އޮފީހުން އިއުލާން ކުރުމާ އެކު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކުރި ސުވާލެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގެ މައި އެއާޕޯޓްގެ ނަން ބަދަލުކުރަން ޖެހޭ ހެއްޔެވެ؟ މިއީ، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ)ގެ ނަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބަދަލުކުރަން ރައީސް އަބްދުﷲ ޔާމީން އިއްޔެ ނިންމެވި ކަން ރައީސް އޮފީހުން އިއުލާން ކުރުމާ އެކު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކުރި ސުވާލެވެ.

އެއް ބައެއްގެ ނަޒަރުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ، ކިޔާލަން ފަސޭހަ، ރީތި ނަމެކެވެ. ނަން ބަދަލުކުރުން މާ ބޮޑު މައްސަލައަކަށް ވެސް ނުވެ އެވެ. އެކަމަކު މި ނަން އަޑު އިވުމުން އަނެއް ބަޔަކު ރުޅިގަދަވީ އެވެ. ސަރުކާރަށް ފާޑުކިޔުން އޮއްސާލީ އެވެ.

އެ މީހުން ގަބޫލުކުރާ ގޮތުގައި، އެއާޕޯޓުގެ ބާނީ، ކުރީގެ ރައީސް އިބްރާހިމް ނާސިރަށް ނިސްބަތްކޮށް ދީފައިވާ ނަން ބަދަލު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އެ ނަމުން އެއާޕޯޓުގެ "ހައިބަތު ބޮޑުވެފައި، މާ ހިތްގައިމެ"ވެ.

އެއާޕޯޓުގެ ނަން ބަދަލުކުރުމުން ޝުއޫރު ފާޅުކޮށް މީހަކު ކޮށްފައިވާ ޓުވީޓެއް.

އެންމެ ފުރަތަމަ "ހުޅުލޭ އެއާޕޯޓް"ގެ ނަމުގައި ހިންގި އެއާޕޯޓްގެ ނަން "މާލޭ އިންޓަނޭޝަނަލް އެއާޕޯޓް"ގެ ނަމަށް ބަދަލުކުރީ 1980ގެ ކުރީކޮޅު ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ. އަދި އޭގެ ފަހުން "އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް"ގެ ނަމަށް ބަދަލުކުރެއްވީ ޖުލައި 26، 2011 ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދެވެ. އެހެންވެ މިއީ ރާއްޖޭގެ މައި އެއާޕޯޓުގެ ނަން ބަދަލުކުރި ތިން ވަނަ ފަހަރެވެ.

ފަސް އަހަރު ފަހުން އެއާޕޯޓުގެ ނަން "ވެލާނާ" އަށް ރައީސް ޔާމީން ބަދަލުކުރެއްވީ، ރައީސް އޮފީހުން ބުނެފައިވާ ގޮތުން ރާއްޖެ އަށް އަންނަ ތަރައްގީ އާއި ސަރުކާރުން ކުރިއަށް ރާވާފައިވާ އިގްތިސާދީ އެޖެންޑާ އަށް ފައި ހަމަކުރެވޭ ގޮތަށެވެ. މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއަކީ، އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއު ކަން ވެސް ރައީސް އޮފީހުން ފާހަގަކުރެ އެވެ.

ރައީސް އޮފީހުން މިހެން ބުންޏަސް ބައެއް މީހުން މިކަން ސިފަކުރަނީ، ސަރުކާރުން ކުރި އެއްވެސް "މާނައެއް ނެތް" ކަމެއްގެ ގޮތުގަ އެވެ.

އެއާޕޯޓުގެ ނަން ބަދަލުކުރުމުން ހިތްހަމަނުޖެހި މީހަކު ފޭސްބުކްގައި ކޮށްފައިވާ ކޮމެންޓެއް.

ނަން ބަދަލުވާ އިރު، ގައުމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އަދި މިނިވަންކަމުގެ ބާނީ ނާސިރުގެ ނަންފުޅު ދެމެހެއްޓޭނެ ގޮތަށް ބަލާފައިވާނެ ކަމަށް ރައީސް އޮފީހުން ބުންޏަސް ބައެއް މީހުން އެވާހަކަ ގަބޫލެއް ނުކުރެ އެވެ. އެ މީހުން ކޮމެންޓްކޮށްފައިވާ ގޮތުގައި، ސަރުކާރުގެ ހަމައެކަނި ބޭނުމަކީ "ނާސިރުގެ ނަންފުޅު އުނިކޮށްލުމެ"ވެ.

"ބަޔާނުން ވެސް ވަރަށް ފާޅުކޮށް އެބަ ފެނޭ ދެއްތޯ ހީލަތްތެރިކަން. އެއީ އިބްރާހިމް ނާސިރުގެ ނަން ކަނޑާލަނީ ކަން ވަރަށް ފާޅުކޮށް ފާހަގަކުރެވޭތީ، ވެލާނާއަކީ ނާސިރަށް ނިސްބަތްވާ ނަމެކޭ، ނާސިރުގެ ހިދުމަތެކޭ، އަގު ވަޒަންކުރުމުގެ ގޮތުން ނާސިރަށް ނިސްބަތްވާ ނަމެއް ކިޔަން ޖެހެޔޭ. ދަމަހައްޓަނީއޭ އަނެއް އެއްޗެކޭ ކިޔައިގެން ހާސަރު ދަމާފައި އޮތީ،" ނަން ބަދަލުކުރުމާ ގުޅޭ ގޮތުން "މިހާރު" ގައި ޖެހި ހަބަރަށް އެކަކު ކޮމެންޓުކުރި އެވެ.

ގައުމުގެ މުހިއްމު ބިނާތަކުގެ ނަން، ކޮންމެ ރައީސަކު ވެސް އެ ރައީސަކު ބޭނުންފުޅުވާ ގޮތަށް ކޮންމެހެން ބަދަލުކުރަން ޖެހޭތޯ ސުވާލު އުފައްދާ މީހުން ވެސް އުޅެ އެވެ.

އެއާޕޯޓުގެ ނަން ބަދަލުކުރުމާ ގުޅޭ ގޮތުން މީހަކު ކޮށްފައިވާ ޓުވީޓެއް.

އަދި އެއާޕޯޓުގެ ނަން ބަދަލުކުރީ، ނަޝީދުގެ ސަރުކާރުން ދީފައިވާ ނަމަކަށް ވާތީ ކަމަށް ދެކޭ ބަޔަކު ވެސް އެބަ ތިއްބެވެ. އެ ނޫން އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް އެއް ބަޔަކު ސޯޝަލް މީޑިއާގައި ލިއެފައިވެ އެވެ.

ފޭސްބުކްގައި މީހަކު ފާޅުކުރި ހިޔާލެއް.

އެއް ބަޔަކު ބުނެފައިވާ ގޮތުގައި އެއާޕޯޓަށް ނަން ދޭންވީ ދިވެހިންނާ ގުޅޭ ގޮތުންނެވެ. އެންމެ ގުޅޭ އެއް ނަމަކީ "ދިވެހިންގެ އެއާޕޯޓް" ކަމަށް ވެސް ބައެއް މީހުން ލިއެފައިވެ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ އެއާޕޯޓުތަކަށް، އާއްމުކޮށް ނަން ކިޔާފައި ވަނީ މަގުބޫލް ޝަހުސިއްޔަތަކާއި ނުވަތަ އެ އެއާޕޯޓެއް ނިސްބަތްވާ ސިޓީއަކާ ގުޅުވައިގެންނެވެ. މިސާލަކަށް، ސްރީ ލަންކާގެ ބައިނަލްއަގުވާމީ އެއާޕޯޓަށް، ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް ކިޔާފައި ވަނީ، އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ސްރީމާވޮ ބަންޑާރަނައިކައާ ގުޅުވައިގެންނެވެ.

ނިއު ޔޯކްގެ މައި އެއާޕޯޓަށް ޖޯން އޮފް ކެނެޑީ ކިޔާފައި ވަނީ އެ ގައުމުގެ ކުރީގެ ރައީސާ ގުޅުވައިގެންނެވެ. ހަމަ އެގޮތަށް، އިންޑިއާގެ ނިއު ދިއްލީގެ މައި އެއާޕޯޓަށް، އިންދިރާގާނދީ ކިޔާފައި ވަނީ ވެސް އެ ގައުމުގެ ކުރީގެ ބޮޑުވަޒީރުގެ ނަމުންނެވެ. ސައުދިއަރަބިއްޔާގެ ޖިއްދާ އެއާޕޯޓަށް، ކިންގް އަބްދުލް އަޒީޒްގެ ނަން ދިނީ އެ ގައުމުގެ ކުރީގެ ރަސްގެފާނާ ގުޅުވައިގެންނެވެ.

ރައީސް އޮފީހުން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު، ދިވެހި ގައުމަށް ގެއްލުންވާ ގޮތަށް މިހާތަނަށް ހިންގި އެންމެ ބޮޑު މުއާމަލާތަކީ އިންޑިއާގެ ޖީއެމްއާރަށް އެތަން ކުއްޔަށް ދިނުމެވެ. އެހެންވެ، އެކަމުން ސަލާމަތްވެ ދަރަނި އަދާކޮށް ނިމުން ވެސް އެއާޕޯޓުގެ ނަން ބަދަލުކުރި އެއް ސަބަބުގެ ގޮތުގައި ރައީސް އޮފީހުން ބުނެފައިވެ އެވެ.

އެއާޕޯޓުގެ ނަން ބަދަލުކުރި މައިގަނޑު ސަބަބުތައް ކިތަންމެ ތަފްސީލްކޮށް ރައީސް އޮފީހުން ސާފުކޮށްދީފައިވީ ނަމަވެސް އެ ނަން ކަމުނުދާ ބަޔަކު ވެސް އެބަ ތިއްބެވެ. އެއާޕޯޓްގެ ނަމާ ގުޅޭ އިހްސާސްތައް އެކި ގޮތްގޮތަށް ފާޅުކުރީ، ދިވެހި ކޮންމެ ރައްޔިތަކާ ވެސް ގުޅޭ މުހިއްމު ތަނަކަށް ވާތީ ކަމަށް ވެދާނެ އެވެ.