Roadha Mihaaru
އިބްތިހާލްގެ މައްސަލަ ގާޒީ ހައިލަމަކަށް ނުބެލޭނެ: ޕީޖީ

އިބްތިހާލްގެ މަރާ ގުޅޭ ދައުވާއެއް ގާޒީ ހައިލަމާ ހަވާލުކުރުމުން ޕީޖީން ދެކޮޅުހަދައިފި

29 އެޕްރީލް 2018

ވ. ރަކީދޫގައި، އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާކޮށް މަރާލި މައްސަލާގައި އިހުމާލުގެ ދައުވާ ލިބޭ މީހުންގެ މައްސަލަ ބެލުން ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ހައިލަމާ ހަވާލުކުރުމުން، އެއީ ހައިލަމްގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެކަމާ ދެކޮޅުހަދައިފި އެވެ.

ވ. ރަކީދޫގައި، އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާކޮށް މަރާލި މައްސަލާގައި އިހުމާލުގެ ދައުވާ ލިބޭ މީހުންގެ މައްސަލަ ބެލުން ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ހައިލަމާ ހަވާލުކުރުމުން، އެއީ ހައިލަމްގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެކަމާ ދެކޮޅުހަދައިފި އެވެ.

ކުރިން މި މައްސަލަ ބެއްލެވީ ގާޒީ އަހްމަދު ޝަކީލެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖުލައި 11 ގައި ޝަކީލް ވަނީ ފެމިލީ ކޯޓަށް ބަދަލުކޮށްފަ އެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ޖެނުއަރީ 25 ގައި އައްޔަންކުރި ހައިލަމަށް، މައްސަލަ ނުބެލޭނެ ކަމަށް ޕީޖީން ބުނަނީ މައްސަލާގައި ދައުވާ ލިބޭ ބައެއް މީހުންނާ ގާޒީ ހައިލަމާ ވަރަށް ގާތް ގުޅުންތަކެއް އޮތުމުގެ އިތުރުން ހައިލަމް ޕީޖީ އޮފީހުގައި މަސައްކަތްކުރެއްވި އިރު ވެސް ދައުވާއާ މެދު ޚިޔާލު ތަފާތުވެފައި ވާތީ ކަމަށް ޕީޖީން ވަނީ ބުނެފަ އެވެ. ޕީޖީން ވަނީ މިދިޔަ ހަފުތާގައި ބޭއްވި ޝަރީއަތުގައި މިކަންކަން ފާހަގަކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި، އިބްތިހާލަށް އަނިޔާކުރާ މައްސަލަ ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމުން އެ މައްސަލާގައި އިހުމާލުވި ކަަމުގެ ތުހުމަތުގައި ދައުވާ ލިބޭ ހަތަރު މީހުންގެ ތެރެއިން ތިން މީހަކާ ގާޒީ ހައިލަމްއާ ގާތް ގުޅުމެއް އޮންނަކަން ޕީޖީން ވަނީ ފާހަގަކޮށްފަ އެވެ. އިހުމާލުގެ ދައުވާ ލިބޭ މީހުންނަކީ ވ. އަތޮޅު ޕޮލިސް ކޮމާންޑްގެ އެކްޓިން ކޮމާންޑަރަކަށް ހުރި ލިސާން އަބޫބަކުރާއި އޭރު ޖެންޑާ މިނިސްޓްރީގެ ދެ މުވައްޒަފެއް ކަމަށްވާ މުހައްމަދު ރަޝީދާއި މުހައްމަދު ޝަކީބާއި އެ ހާދިސާ ހިނގިއިރު އެ މިނިސްޓްރީގައި މަސައްކަތްކުރި އައިމިނަތު ޝިޔާޒާ އެވެ.

އެންމެ ފަހުން އޮތް އަޑުއެހުމުގައި ވެސް ޕީޖީން މި ކަންބޮޑުވުންތައް ފާހަގަކުރި ނަމަވެސް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ވަނީ ނިންމަވައިފަ އެވެ. ދެން އޮންނަ ޝަރީއަތެއްގައި އޮންނާނީ ހެކިން ހާޒިރުކުރުމެވެ.

ޖެނުއަރީ، 2015 ގައި އިބްތިހާލަށް އޭނާގެ މަންމަ އާފިޔާ މުހައްމަދު ބޮޑެތި އަނިޔާތަކެއް ކުރުމުގެ ސަބަބުން އިބްތިހާލް މަރުވި މައްސަލައިގައި އާފިޔާގެ މައްޗަށް ކުރަނީ ގަސްދުގައި ކުއްޖަކު މަރައިލުމުގެ ދައުވާ އެވެ. އެ މައްސަލާގައި މިހާރު ވަނީ އިބްތިހާލްގެ ވާރިސުންގެ ބަސް ހޯދަން ފަށައިފަ އެވެ. އިބްތިހާލަށް އަނިޔާކުރި ކަމަށް ޝަރީއަތުގެ މަޖިލީހުގައި ވެސް އާފިޔާ ވަނީ އިއުތިރާފުވެ، އެކަން ކުރި ގޮތް ވެސް ކިޔައިދީފަ އެވެ.