Roadha Mihaaru
ނިއު އަށް އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް

ނިއު އަށް އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް

29 އެޕްރީލް 2018

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ކްލަބް ވެލެންސިއާ އަތުން 2-0 އިން މޮޅުވެ ނިއު ރޭޑިއަންޓުން ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާ އެކު ފުރަތަމަ ބުރު ނިންމާލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ކްލަބް ވެލެންސިއާ އަތުން 2-0 އިން މޮޅުވެ ނިއު ރޭޑިއަންޓުން ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާ އެކު ފުރަތަމަ ބުރު ނިންމާލައިފި އެވެ.

ފުރަތަމަ ބުރުގެ ކުޅުން ނިމުނުއިރު ނިއު އެއް ވަނައިގައި އޮތީ 16 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް ޓީސީ ލިބިފައިވަނީ 13 ޕޮއިންޓެވެ. މާޒިޔާ އަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ. ހަތަރު ވަނައިގައި އޮތް ވިކްޓަރީ އަށް 12 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް އީގަލްސް އޮތީ 11 ޕޮއިންޓެވެ.

ލީގުގެ ހަ ވަނައިގައި ގްރީން ސްޓްރީޓްސް އޮތީ އަށް ޕޮއިންޓާ އެކު އެވެ. ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް ހަ ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ވެލެންސިއާ އަށް އޮތީ މޮޅެއް ނުލިބި އެވެ. އެ ޓީމުގެ އޮތީ އެންމެ ޕޮއިންޓެކެވެ.

މެޗަށް ނުކުތްއިރު ނިއުގެ ސްޕެއިން މިޑްފީލްޑަރު ކަންޑޭލާ ސަސްޕެންޑްވެފައި ހުރުމުން އެ މަގާމަށް ކުޅުނީ މުހައްމަދު އުމެއިރު އެވެ. ހަަސަން އަދުހަމް (ސަޑޭ) އަށް ފުރަތަމަ އެގާރައިން ފުރުސަތު ދިން އިރު، އަކުރަމް އަބްދުލް ގަނީ (އަކޫ) ނުކުޅެ އެވެ. އިމްރާން މުހައްމަދުގެ ބަދަލުގައި ގޯލުގައި ހުރީ ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލް އެވެ.

ފުރަތަމަ ބުރުގައި މިހާތަނަށް މޮޅެއް ނުލިބި އޮތް ވެލެންސިއާ މެޗަށް ނުކުތްއިރު ވެސް އޮތީ ކޮންމެ ވެސް ވަރެއްގެ ޕްރެޝަރުގަ އެވެ. މެޗު ފަށައިގެން ނިއު އިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ހަ ވަނަ މިނިޓްގައި ނިއު އިން ވަނީ ލީޑުނަަގައިފަ އެވެ. އެ ޓީމުގެ ލަނޑު ޖެހީ ރިހާމް އަބްދުލް ގަނީ (ބޮބީ) އެވެ. އަލީ ފާސިރު (ސެންޓޭ) ހުސްކޮށްލާފައި ދިން ބޯޅަ ބޮބީ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

މެޗުގެ 20 ވަނަ މިނިޓްގައި ނިއުގެ ދެ ވަނަ ލަނޑު ޖެހީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު ދަގަނޑޭ ވަނީ ގޯލުގެ ކައިރީ ކަަނަށް ފޮނުވާލައިފަ އެވެ.

އޭގެ މިނިޓެއް ފަހުން ވެލެންސިއާގެ ފުރަތަމަ ހަމަލާ އުފެއްދީ އެ ޓީމުގެ ޔޫކްރޭން ފޯވާޑް ވަލޭރީ އެވެ. އޭރިއާ ބޭރުން ވަލޭރީ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ފުރަތަމަ ހާފުގައި އެއްކޮށް ކަހަލަ ގޮތަކަށް ކޮންޓްރޯލް ކޮށްގެން ކުޅުނީ ނިއު އެވެ. އިތުރު ލަނޑުތަކެއް ޖަހަން އެ ޓީމަށް ފުރުސަތުތަކެއް ވެސް ލިބުނެވެ. ވެލެންސިއާ އަށް ކައުންޓައެޓޭކުގައި މަދު ފުރުސަތުތަކެއް ލިބުނެވެ. އެހެން ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

މި ހާފުގައި އިތުރު ލަނޑެއް ޖަހަން ސެންޓޭ އާއި ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ދެ ހަަމަލާ ވެލެންސިއާގެ ކީޕަރު ޖުން ކޮޗީ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ސެންޓޭ އަށް ލިބުނު ބޯޅަ ވެސް ފޮނުވާލުން ލަސްކޮށްލުމުން އޭނާ އަތުން ވަނީ ފުރުސަތު ގެއްލިފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ވެލެންސިއާ އިން ފުރަތަމަ ހާފަށް ވުރެ ކުޅުން ރަނގަޅުކުރި އެވެ. މި ހާފުގައި އެ ޓީމުން ލަނޑު ޖަހާނެ ފުރުސަތު ކޮންމެވެސް ވަރަކަށް ތަނަވަސްކުރި އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބޮބީ (ކ) ވެލެންސިއާގެ މޫސަ ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބޮބީ (ކ) ވެލެންސިއާގެ މޫސަ ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ހާފުގައި ނިއުގެ ފުރަތަމަ ފުރުސަތު ލިބުނީ ސެންޓޭ އަށެވެ. އޭރިއާ ތެރެއިން ސެންޓޭ ފޮނުވާލި ބޯޅަ ކީޕަރު ކޮޗީ ވަނީ މަތަކޮށްފަ އެވެ. އެ ބޯޅަ އެ އަށް ވުރެ ރަނގަޅަށް ފޮނުވާލަން ސެންޓޭ އަށް ފުރުސަތު އޮތެވެ.

ނިއު އަށް ތިން ވަނަ ލަނޑެއް ޖަހަން މެޗުގެ 65 ވަނަ މިނިޓްގައި ދަގަނޑޭ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. މުހައްމަދު ރަޝީދު (ހޮކޭ) އަރިމަތިން ހުސްކޮށްލާފައި އޭރިއާ ތެރެއިން ދަގަނޑޭ އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތިން ބޭރަށެވެ.

އޭގެ މިނިޓެއް ފަހުން ލަނޑެއް ޖަހަން ވެލެންސިއާގެ އަހުމަދު ނައުފަލް (ނާއްޕެ) އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާ ރޮނގުކައިރިން ނާއްޕެ ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ބުދަ ދުވަހު އޭއެފްސީ ކަޕްގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ކުޅޭ މެޗު އޮތުމުން މި މެޗުގެ ދެ ވަނަ ހާފު ފެށިގެން ދިހަ މިނިޓް ތެރޭ ނިއު އިން ހަމްޕުގެ ބަދަލުގައި އަލީ ޝާމިއު (މައިތޯ) އަދި ސެންޓޭގެ ބަދަލުގައި އިބްރާހިމް އަތީގް ވަނީ ކުޅެން އަރުވައިފަ އެވެ. އަދި މެޗުގެ ފަހު 20 މިނިޓް ތެރޭ ދަގަނޑޭގެ ބަދަލުގައި އިމްރާން ނަޝީދު ކުޅެން އެރި އެވެ.

ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން އެރި ވެލެންސިއާ އަންސަރު އިބްރާހިމް (އަންކޮ) އަށް މެޗު ނިމެން އަށް މިނިޓަށް ވެފައި ހުއްޓައި ލިބުނު ބޯޅަ އޭނާ އަށް އެންމެ ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ. އޭގެ ފަހުން އޭރިއާ ތެރެއިން ވެލެންސިއާގެ ފޯވާޑް ވަލޭރީ އަށް ކީޕަރު ފައިސަލް ފައުލްކުރި ކަމަށް ބުނެ ވެލެންސިއާ ބެންޗުން ޕެނަލްޓީ ހޯދަން ވަަރަށް ބޮޑަށް އެޕީލްކުރި އެވެ. އެހެން ނަމަވެސް ރެފްރީ ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ.

ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނީ އޭއެފްސީ ކަޕްގެ ދެ މެޗުގެ މެދުން މި މެޗު ކުޅެން ޖެހުމުން ހަމައެކަނި ވިސްނީ ނަތީޖާއަށް ކަމަށާއި އެކަން ހާސިލްވުމުން ވަރަށް ހިތްހަމަ ޖެހުނު ކަމަށެވެ.

"އަހަރެމެން ބޮޑަށް ވިސްނީ ނަތީޖާ އަށް. އެއީ ވަރަށް ގާތްގާތުގައި މެޗުތައް ކުޅެން ޖެހިފައި ހުރުމުން. ބޭނުންވި ވަރަށް މެޗު ކޮންޓްރޯލް ކޮށްގެން ނުކުޅެވުނު ނަމަވެސް ތިން ޕޮއިންޓް ލިބިއްޖެ. ވެލެންސިއާ އިން ވެސް ވަރަށް ރަނގަޅަށް ކުޅެފި. އެއް ޕޮއިންޓް އެ މީހުންނަށް ލިބިފައި އޮތަސް އެ ޓީމުގެ ކުޅުމުން ފެންނަނީ އެކަމެއް ނޫން،" އޮސްކާ ބުންޏެވެ.

ވެލެންސިއާގެ އެސިސްޓަންޓް ކޯޗު އާދަމް އަބްދުލް ލަތީފް (ލައްޗޭ) ބުނީ މި މެޗުން ބަލިވި ނަމަވެސް ދެ ވަނަ ބުރުގައި ކުރިއަށްދާން ހިތްވަރެއް ލިބިގެން ގޮސްފި ކަމަށެވެ.

"މި މެޗަށް ބަލާއިރު ޕާފޯމަންސް ވަރަށް ރަނގަޅަށް ދިޔައީ ކުރިއަށް އޮތް ބުރަށް ވަރަށް ރަނގަޅަށް ފެންނަނީ. ދެ ވަނަ ބުރަށް ނުކުންނައިރު އިރާދަކުރެއްވިއްޔާ ޕޮއިންޓް ނަގަން އުއްމީދު މި ކުރަނީ،" ލައްޗޭ ބުންޏެވެ.

ލީގުގެ ދެ ވަނަ ބުރުގެ ކުޅުން ފަށާނީ އަންނަ އާދިއްތަ ދުވަހު އެވެ.